އިންޑިއާ ލީގުގައި އެއް ފަހަރާ ދެން ކުޅެވޭނީ ބިދޭސީ ތިން ކުޅުންތެރިންނަށް

ކުރިއަށް އޮތް ސީޒަނުން ފެށިގެން
އިންޑިއަން ފުޓްބޯލް ލީގު (އައިއެފްއެލް) ގެ މެޗުތަކުގައި ކޮންމެ ޓީމަކަށް ވެސް
އެއް ފަހަރާ ކުޅެން އެރުވޭނީ ބިދޭސީ ތިން ކުޅުންތެރިން ކަމަށް ނިންމައިފި އެވެ.
އިއްޔެ ބޭއްވި ލީގުގެ ގަވަނިން
ކައުންސިލް ބައްދަލުވުމުގައި ވަނީ މި އުސޫލު ފާސްކުރުމުގެ އިތުރަށް އާ ސީޒަން
އޮކްޓޫބަރު 16 ވަނަ ދުވަހު ފަށަން ނިންމައިފަ އެވެ.
ލީގުގައި ވާދަކުރާ 11 ކްލަބުގެ
ތެރެއިން 10 ކްލަބުން ބައިވެރިވި މި ބައްދަލުވުމުގައި ބިދޭސީ ކުޅުންތެރިންނާ ބެހޭ
އާ އުސޫލެއް އެކުލަވާލީ އިންޑިއާ ކުޅުންތެރިންނަށް އިތުރު ފުރުސަތު ދިނުމުގެ
ގޮތުންނެވެ. ކުރިން އޮންނަ ގޮތުން ނަމަ އެއް ފަހަރާ ބިދޭސީ ހަތަރު ކުޅުންތެރިންނަށް
ކުޅެވޭނެ އެވެ.
ނަމަވެސް އޯލް އިންޑިއާ ފުޓްބޯޅަ
ފެޑެރޭޝަން (އޭއައިއެފްއެފް) ގެ ވިސްނުމަކަށްވީ އިންޑިއާ ލީގުގެ ތެރެއިން އެ
ގައުމުގެ ޒުވާން ކުޅުންތެރިންނަށް ވީހާ ވެސް ގިނަ ފުރުސަތު ދިނުމެވެ. އެހެންވެ އާ
ސީޒަނުން ފެށިގެން ކޮންމެ ޓީމަކަށް ވެސް ފުރަތަމަ އެގާރައިގައި ހިމެނޭނީ، އަދި
އެއް ފަހަރު ކުޅުވޭނީ ބިދޭސީ ތިން ކުޅުންތެރިންނަށް ކަމަށް ނިންމީ އެވެ.
މީގެ އިތުރުން ހުރިހާ ކްލަބަކުން
ވެސް ވަނީ އޭއައިއެފްއެފްގެ އެކަޑަމީ އެކްރެޑިޓޭޝަން ޕްރޮގްރާމުގައި ބައިވެރިވެ އަންނަ
އަހަރުގެ ސީޒަން ފެށުމުގެ ކުރިން އެ ކްލަބެއްގެ އެކަޑަމީ އަށް މަދުވެގެން ދެ
ތަރީގެ އެކްރެޑިޓޭޝަން ހޯދަން އެއްބަސްވެފަ އެވެ. އަމާޒަކީ 2030 އަންނަންވާއިރަށް
ތިން ތަރި ހޯދުމެވެ. މި ޕްރޮގްރާމުގައި ތަރި ލިބޭނީ ވަކި ކަންކަން
ފުރިހަމަވުމުންނެވެ.
ކުރިން އައި ލީގުގެ ނަމުގައި
ކުރިއަށް ގެންދިޔަ އައިއެފްއެލް އަކީ މިހާރު އިންޑިއާގެ ލީގު ސިސްޓަމުގެ ދެ ވަނަ ފަންތި
އެވެ. މި ލީގުގެ ޗެމްޕިއަން ޓީމު އިންޑިއާގެ ފުޓްބޯޅައިގެ އެންމެ މަތީ ހަރުފަތް
ކަމަށްވާ ސުޕަ ލީގަށް ކޮލިފައިވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ