ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްތަކަކީ ވަރަށް ތާރީހީ ހުކުމްތަކެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ސުޕްރީމް ކޯޓުން ގޮނޑި ނުގެއްލޭ ކަމަށް މިއަދު ހުކުމް އިއްވި ހަތަރު މެމްބަރުން ކަމަށްވާ، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ ސުޕްރީމް ކޯޓުން މިއަދު އިއްވި ތާރީހީ ހުކުމްތަކާއެކު އެ ހަތަރު މެމްބަރުންގެ ހައްގުތައް އަލުން ލިބިގެން ގޮސްފައިވާ ކަމަށާއި މިދިޔަ ދުވަސްތަކުގައި އެ މެމްބަރުން ކުރި މަސައްކަތް ބޭކާރު ވެގެންނުދާނެ ކަމަށެވެ.
ޕީޕީއެމް އިން ވަކި ކުރުމާ ގުޅިގެން މި ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެ ކޮމިޝަނުން މިގޮތަށް ކަނޑައެޅީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމަށް ރިއާޔަތްކޮށެވެ. އެ ހުކުމް ނެރުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ހުކުމްގައިވާ ގޮތުން ޕާޓީ ބަދަލުކޮށްފިނަމަ ނޫނީ ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.
ނަމަވެސް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްތަކުގައި ވަނީ އެ މެމްބަރުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ޕީޕީއެމުން ވަކިވާން ހުށަހަޅާފައިވާކަން ފާހަގަކޮށްފައެވެ. އެހެންކަމުން އެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހަމައެއް ނެތްކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.
ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅާފައިވަނީ، އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މި ހަތަރު ބޭފުޅުންގެ އިތުރުން ވެސް އީސީން ވަނީ މަޖިލީހުގެ އިތުރު އަށް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައެވެ. އެ ބޭފުޅުން ވެސް ވަނީ އީސީގެ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވީ ތާރީހީ ހުކުމްތަކެއް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ