އިންތިޚާބު ބާތިލުކުރާން އުޅެނީ ކަމަށް ބުނެ ޖައްސަނީ ސިޔާސީ ސްޓަންޓެއް: އުމަރު

ރިޔާސީ އިންތިޚާބުގެ ނަތީޖާ ޕީޕީއެމުން ގަބޫލުނުކޮށް އިންތިޚާބު ބާތިލުކުރަން މަސައްކަތް ކުރަނީ ކަމަށް ބުނެ ފަތުރާ ވާހަކަ ތަކަކީ ސިޔާސީ ސްޓަންޓެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
"ވަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ ޕީޕިއެމް އާއި ރައީސް ޔާމީންގެ ސަޕޯޓަރުން މި ވަގުތު ތިބޭނީ ވަރަށް ބޮޑަށް ބަލިކަށިވެ ނާއުއްމީދުވެފައި ކަމަށާއި މިހާރު އެ ފަތުރާ އަޑު ތަކަކީ ޓީމު ރޫހު އަލުން އާލާކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
"އެއުޅެނީ ޓީމު އަލުން ރީގުރޫޕު ކުރަން. އެއީ ސިޔާސީ ޓެކްޓިކެއް. އިންތިޚާބު އޮޅުވާލީއޭ، ވޯޓު އޮޅުވައިލީއޭ މިފަދަ ވާހަކަތައް އުފެއްދީމަ ޓީމުރޫހު ގަދަވެ އަނެއްކާވެސް އެއްޓީމެއްގެ ގޮތުގައި ޓީމު ފެންނާނެ. އެއީ އެކުރާ ކަމަކީ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބު އެއޮތީ ނިމިފައި ކަމަށާއި ރައީސް ޔާމީނަށް ވެސް އަދި ޕީޕީއެމްގެ ލީޑާޝިޕަށް ވެސް އެކަން އެނގޭނެ ކަމަށެވެ. އެހެން ކަމުން އެކި ކަހަލަ އަޑުތައް އަރުވައިގެން އެކުރާ މަސައްކަތަކީ ހަގީގަތުގައި އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމާ ނުވަތަ ނުކުރުމާ އެއްވެސް ގުޅުމެއް ހުރިކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރައީސް ނަޝީދު ވެސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ފަހު މުޅީން އެއްގޮތް ނޫން ނަމަވެސް ސިޔާސީ ސްޓަންޓްތަކެއް ޖެއްސެވި ކަމަށެވެ. އެގޮތުން އިސްތިއުފާ ދެއްވުމަށް ފަހު ބޮލުގައި ބަޑިޖެއްސި ވާހަކަޔަކާ އަދި އެނޫން ވެސް އެކި ކަހަލަ ހަމަނުޖެހުންތައް އުފައްދައިގެން އޭނާގެ ޓީމު ނާއުއްމީދުވެ ބަލިކަށިވި ވަގުތު އަލުން އެއް ސަފަކަށް ގެނައި ކަމަށް އުމަރު ވިދާޅުވި އެވެ.
"މިކަހަލަ ކަންތައްގަނޑެއް ހިންގައިލީމަ މިވާގޮތަކީ އެބަޔަކަށް ސަޕޯޓުކުރާ ގްރާސްރޫޓް އެއްޖޯޝެއްގައި އެއް ރޫހެއްގައި އަލުން އެކުލަވަން ފަސޭހަވާނެ. މީގެ ތެރޭގަ ވޯޓުން ވައްކަން ކުރި ވާހަކަޔާ ޓެބްލެޓުން ވައްކަން ކުރި ވާހަކަޔާ މިހެން ގޮސް އެތައް ވާހަކައެއް ދައްކާނެ. ދެން އެމީހުންގެ ތެރޭ އުޅޭނެ އެވާހަކަތައް ގަބޫލުކުރާ މީހުން ވެސް. އަދި އެވާހަކަތައް ދެން އަންނަ އިންތިޚާބާ ހަމަޔަށް ހިންގަންވެސް ހިންގާނެ،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ