ޕީއެންސީގެ މިލްކުވެރިކަމާ މެދު ދައުވާކޮށް، ކޯޓަށް ދާނެ މީހެއް ނުހުންނާނެ: އަބްދުއްރަހީމް އަބްދުﷲ
ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މިލްކުވެރިކަމާ މެދު ދައުވާކޮށް، ކޯޓަށް ދާނެ އެއްވެސް މީހެއް ނުހުންނާނެ ކަމަށް އެ ޕާޓީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.ޕީޕަލްސް ނެޝަނަލް ކޮންގްރެސް އުފެއްދުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކޮންގްރެސް ޕާޓީ ވުޖޫދުވެގެން އައީ ރައީސް ޔާމީންގެ އިސްނެންގެވުމާއި ލަފާފުޅާ އިރުޝާދުގެ މަތިން ކަމަށެވެ. އަދި އެ ޕާޓީގެ ފިކުރަކީ ރައީސް ޔާމީންގެ ފިކުރު ކަމަށާއި، އެ ޕާޓީން ދަމަހައްޓާނީ ރައީސް ޔާމީންގެ ސިޔާސަތުތައް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެންކަމުން ކޮންގްރެސް ޕާޓީގެ މިލްކުވެރިކަމާ މެދު ދައުވާކޮށް، ކޯޓަށް ދާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.އަބްދުއްރަހީމް އެފަދައިން ވިދާޅުވީ، ޕީޕީއެމްގެ ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްއާ ހަވާލުކުރުމަށް އެދި އެ ޕާޓީގެ އާންމު މެމްބަރަކު ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އަލިއަޅުވާލައްވަމުންނެވެ. އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް ޕާޓީއާ ގުޅުނު ހުރިހާ މެމްބަރުންނަކީ ވެސް ރައީސް ޔާމީންގެ ފިކުރަށް ތާއީދު ކުރުމުގެ ގޮތުން ގުޅުނު މެމްބަރުން ކަމަށެވެ. އެއީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ހުންނަވައިގެން ޤައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ސަބަބުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.ކޮންގްރެސް ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި، ކުރީގެ ސަރުކާރުގެ ވަޒީރުންނާއި ޕީޕީއެމްއަށް ނިސްބަތްވެވަޑައިގެންނަވާ މެމްބަރުންގެ އިތުރުން ކޮންގްރެސް ޕާޓީއަށް ސޮއިކުރި މެމްބަރުން ވަނީ ބައިވެރިވެފައެވެ. އަދި އެ ޖަލްސާގައި އެ ޕާޓީގެ ނަމާއި ކުލައާއި ދިދަ އަދި ނިޝާންގެ އިތުރުން ޕާޓީގެ އަސާސީ ޤަވާއިދާއި މެނިފެސްޓޯ ފާސްކޮށްފައިވާއިރު، 40 މެމްބަރުން ހިމެނޭ ގޮތަށް ވަގުތީ ހިންގާ ކޮމިޓީއެއް ވެސް އެ ޖަލްސާގައި ވަނީ އެކުލަވާލާފައެވެ.ޕާޓީގެ ވަގުތީ ރައީސްއަކީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ