ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައްޔިތންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅިވަޑައިގެންފިއެވެ.
މެމްބަރު މުސްތަފާ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވިއިރު 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައެވެ. އެހެންނަމަވެސް މެމްބަރު ކަމުގައި މާގިނަ ދުވަހެއް ނުވަނީސް އެމްޑީޕީއިން ވަކިވެ ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.
އެކަމަކު، ޕީޕީއެމްގެ ލީޑަރޝިޕާ ޖެހުނު މައްސަލައަކާ ގުޅިގެން ޕީޕީއެމުން ވަކި ކުރުމުން އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން މުސްތަފާގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށްވެސް ކަނޑައެޅުނެވެ.
އެކަމުގެ ސަބަބުން މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައި ނުގެންނެވި އަހަރަކަށްވުރެ ގިނަދުވަސް ހޭދަ ވުމަށްފަހު، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު މުސްތަފާގެ ގޮނޑިވެސް ކަށަވަރުވެގެންދިޔައެވެ.
މެމްބަރު ކަމުގައި ހުންވަނިކޮށް ޕީޕީއެމުން ވަކި ކުރުމަށްފަހު އިތުރު އެއްވެސް ޕާޓީއަކާ ގުޅިވަޑަިނުގެން ހުނެނެވުމަށް ފަހު އެމްޑީޕީއާ ގުޅިވަޑައިގެން މުސްތަފާ ވިދާޅުވީ އެމްޑީޕީއާ ދުރުގައި ހުންނެވުމަކީ ދަތިކަމެއް ކަމަށެވެ.
އަދި ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަންވެސް ފާޅު ކުރައްވާފައިވެއެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ އެމްޑީޕީއާ ގުޅިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ވެސް ދާދިފަހުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. މުހަންމަދު އަބްދުﷲ އަކީވެސް ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި މެމްބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ