މައުމޫން އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ފެށިކަން އަލްހާން ހާމަކުރައްވައިފި

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ފެށިކަން ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ހާމަކުރައްވައިފިއެވެ.
މޫކައި ސުއީޓްސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލްހާން ފަހުމީ ވިދާޅުވީ އަނިޔާވެރިކަމާއި އިންސާފުގެ ވާހަކަ ދައްކާއިރު،. ރައީސް މައުމޫންގެ ތިރީސް އަހަރުވީ ދިގު ވެރިކަމުގައި މީހަކު ޤާނޫނާ ޚިލާފަށް ބަންދު ނުކުރާ ދުވަހެއް ތާރީޚު ނުދައްކާ ކަމަށް މީހުން ބުނެ އުޅޭކަމަށެވެ.
"އެހެންވީމާ، ރައީސް މައުމޫންގެ ވެރިކަމުގައި ރައީސް މައުމޫން ޤާނޫނާ ޚިލާފަށް ހައްޔަރުކޮށް، އަނިޔާކޮށްފައި ތިބި ކަމަށް ޤަބޫލު ކުރެވޭ ރައްޔިތުން، އަދި ރައީސް މައުމޫންގެ މައްޗަށް ދައުވާ ކުރަން ބޭނުންވާ މީހުންނަށް އެ ދައުވާތައް ކުރުމާއި އެ ތަހުޤީޤުތައް ކުރުމަށް އަޅުގަނޑުގެ އޮފީހުން ޚާއްސަ އެހީތެރިކަމެއް ފޯރުކޮށްދޭނެ ފަށާނަން." އަލްހާން ވިދާޅުވިއެވެ.
އެގޮތުން އަންނަ ހޯމަ ދުވަހުގެ މެންދުރު 2 ން ފެށިގެން ހަތަރެއް ޖެހުމާއި ދެމެދު އެފަދަ ފަރާތްތަކާއި ބައްދަލުކޮށް، އެފަރާތްތަކުގެ ވާހަކަތައް އަޑުއަހައި އެ އޮފީހުން މައްސަލަތައް ބަލައިގަންނާނެ ކަމަށް އަލްހާން ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ މައްޗަށް ދައުވާ ކުރުމަށް ބޭނުންވެފައި ތިބި އެތައް ބަޔަކު އެބަތިބި ކަމަށާއި، އެހެން ނަމަވެސް ޤާނޫނޫ ލަފަޔާއި އިރުޝާދު ނެތުމުގެ ސަބަބުން އެކަން ނުވެފައި ތިބި އެތައް ބަޔަކު ތިބިކަމަށް އަލްހާން ވިދާޅުވިއެވެ. އެހެންކަމުން ރައީސް މައުމޫނާއި ގުޅިގެން އެފަރާތްތައް ހުށަހަޅާ މައްސަލަތައް ބެލުމަށްފަހު، ރައީސް މައުމޫން ކުރައްވާފައި ހުރި ކަންކަން ބެލޭނީ ކޮން މުއައްސަސާއެއް ވެދުވެރިކޮށްތޯ ބެލުމަށްފަހު މައްސަލަތައް އަޑު އަހައި، ލޯޔަރުންގެ އެހީތެރިކަމާއިއެކު މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އަލްހާން ވިދާޅުވިއެވެ
އަދި މި ޕްރޮގްރާމްގެ ތެރެއިން ރައީސް މައުމޫން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މައުމޫން ނުގަވާއިދުން ހިންގާފައި ހުރި ކަންކަމާއި، ހިންގަވާފައިވާ ޓެރަރިޒަމްގެ މައްސަލަތަކާއި، އަދި ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ބަޑިއެއް ހިއްޕަވައިގެން ހުންނެވި ކަމަށް އިއުތިރާފްވެ ވަޑައިގެންނެވި މައްސަލައާއި، އަދި އީވާން ނަސީމްގެ މަރުގެ މައްސަލައާއި، އަދި ސިފައިންގެ ބަޑި ބޭނުންކޮށްގެން ކޮމާންޑަރ އިން ޗީފްގެ މަޤާމުގައި ހުންނަވައިގެން ރައްޔިތުންގެ ގަޔަށް ވަޒަން އަރުވައި ހަވަޔަށް ބަޑި ޖެއްސެވި މައްސަލައާއި މިހެން ގޮސް ރައީސް މައުމޫނުގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ގިނަ ކުށްތައް އެބަހުރި. އެހުރިހާ ކުށަކުން ރައީސް މައުމޫން ބަރީއަ ކުރުމަށްޓަކައި އަޅުގަނޑުމެން އެބަ ޖެހޭ މަސައްކަތް ކުރަން." އަލްހާން ވިދާޅުވިއެވެ.
އަލްހާން ވަނީ މިކަމުގައި ހެޔޮއެދިވަޑައިގަންނަވާ ޤާނޫނީ ވަކީލުން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ