ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ 81000އަށްވުރެ ގިނަ މީހުން އެބަތިބި - އާސަންދަ

ރާއްޖޭގައި ނަފްސާނީ ބަލި އިތުރުވެ ކަންބޮޑުވާ ދަރަޖައަކަށް ވަނީ ގޮސްފައޭ ދެންނެވިދާނެއެވެ. މިވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި ޤައުމީ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައިން މިބައްޔަށް ފަރުވާހޯދި މީހުންގެ ޢަދަދު 81000 އިން މައްޗަށް އަރާކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއެވެ. ދާއިމީ ގިނަބަލިތަކަކަށް މަގުފަހިކުރުވާ މިބަލި ފެތުރޭ ސަބަބު ދެނެގަނެ ޙައްލެއް ހޯދަން މިއަދު މިވަނީ މަޖުބޫރުވެފައެވެ.
ނަފްސާނީ ބަލިމަޑުކަމަކީ މީގެކުރިން މުޖުތަމަޢު އެހައި ހޭލުންތެރިވެފައިވާ ބައްޔެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ބަލީގެ ޢަލާމާތްތަކާއެކު ޑޮކްޓަރަށް ދިޔުމުން ޑޮކްޓަރުންނަށް ކުރިމަތިވާ އެންމެބޮޑު ގޮންޖެހުމަކީ ބަލީމީހާއަށް ނަފްސާނީ ބައްޔެއް ޖެހިފައިވާކަން ބުނެދީ ވިސްނައިދިނުމެވެ. މިކަން ޤަބޫލުކުރާކަށް ގިނަމީހުން ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ކުރިމަތިވާ ނުތަނަވަސްކަމާއި އުނދަގޫތަކާއެކު ކެތްވާކަށްވެސް ނެތެވެ.
ރާއްޖޭގައިވެސް ނަފްސާނީ ބަލީގެ އެކިބާވަތްތައް އިތުރުވަމުންދާއިރު އެކަމުގެ ސަބަބު ދެނެގަތުމަށް ޤައުމީ ފެންވަރުގައި ދިރާސާތައްކޮށް ދުޅަހެޔޮ ސިއްޙަތެއް ހޯދުމަށް މަގުފަހިވާނެފަދަ ކަންކަން ރައްޔިތުންނަށް ފަހިކޮށްދޭންޖެހެއެވެ. 2020ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނިންމެވުމަކަށް ރާއްޖޭގެ ހުރިހާ ތަނެއްގައި ދެވޭ ނަފްސާނީ ބަލީގެ ފަރުވާއަކީ ޤައުމީ ހެލްތު އިންޝުއަރެންސް ސްކީމްގައި ހިމަނައިގެން ދެވޭ ޚިދުމަތަކަށްވަނީ ބަދަލުކުރައްވާފައެވެ. މިގޮތަށް ޚިދުމަތް ބަދަލުކުރެވުނު މުއްދަތަކީ ރާއްޖެއާއި މުޅި ދުނިޔެވެސް ސިއްޙީ ބޮޑު ޕެންޑަމިކަކާ ކުރިމަތިލައި ނަފްސާނީ ބަލީގެ ޙާލަތު މުޅި ދުނިޔޭގައިވެސް ނުރައްކާ ދަރަޖައަކަށް ގޮސްފައިވާ ދަނޑިވަޅެކެވެ. އެހެންކަމުން މިއީ އެތައް ބައެއްގެ ފުރާނައާ ގުޅުންހުރި މުހިއްމު ޚިދުމަތަކަށްވަނީވެފައެވެ.
އާސަންދަ ކުންފުނިން ޕީއެސްއެމް ނިއުސްއާ ޙިއްސާކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު 2020ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1އިން ފެށިގެން 2021ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 81864 މީހުންވަނީ އާސަންދައިގެ ދަށުން ނަފުސާނީ ބަލިތަކަށް ޚިދުމަތް ހޯދާފައެވެ. މިމީހުންނަށް ޚިދުމަތް ދިނުމަށް ދައުލަތުންވަނީ 25.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ 2020ވަނަ އަހަރު ޚިދުމަތް ހޯދާފައިވާ 43988 މީހުންނާއި މިދިޔަ އަހަރު ޚިދުމަތް ހޯދާފައިވާ 37876 މީހުންނެވެ. 2021ވަނަ އަހަރު ނަފްސާނީ ބައްޔަށް އާސަންދަ މެދުވެރިކޮށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އޭގެ ކުރީއަހަރު 14 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ހޭދަކޮށްފައެވެ.
ސިއްޙީ ޚިދުމަތްދޭ ހުރިހާތަނެއްގައި ނަފްސާނީ ބަލީގެ ފަރުވާ އާސަންދަ މެދުވެރިކޮށް ދޭން ފެށުމުގެ ކުރިން މިޚިދުމަތް ދެމުން ގެންދިޔައީ ހަމައެކަނީ އައިޖީއެމްއެޗްގައެވެ. 2019ވަނަ އަހަރު އައިޖީއެމްގެ ސެންޓަރ ފޯރ މެންޓަލް ހެލްތު ޑިޕާޓްމަންޓް ހުޅުވުމާއެކު ޚިދުމަތަށް އެދެމުންދިޔަ މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ. އާސަންދައިގެ ތަފާސްހިސާބަށް ބަލާއިރު އެވްރެޖްކޮށް 10000އާއި 35000އާ ދެމެދުގެ ޢަދަދެެއްގައި ހުރުމަށްފަހު 2019ވަނަ އަހަރު ނަފްސާނީ ބައްޔަށް ފަރުވާ ހޯދި މީހުންގެ ޢަދަދުވަނީ 44055އަށް އަރާފައެވެ. އެއަހަރުވެސް އާސަންދައިންވަނީ 14.4 މިލިއަން ރުފިޔާ މިބަލީގެ ފަރުވާއަށް ހޭދަކޮށްފައެވެ.
ނަފްސާނީ ބައްޔާ މެދު މީހުން ހޭލުންތެރިވެ ޚިދުމަތް ހޯދާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް ރާއްޖޭގައި މިބައްޔާމެދު އެކަށީގެންވާ ދިރާސާއެއް ކުރެވިފައި ނެތުމާއެކު ބަލީގެ ނުރައްކާ އޮތް މިންވަރަކީ ކަނޑައެޅިގެން ނޭނގޭ ސަބަބެވެ.
ޤައުމީ ފެންވަރުގައާއި ރަށުފެންވަރުގެ އިތުރުން މުވައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުގެ ފެންވަރުގައިވެސް މިބައްޔާ މެދު ހޭލުންތެރިވެ ތެދުވާންޖެހެއެވެ. ރާއްޖޭގެ ބައެއް މުވައްސަސާތަކުގައި ނަފްސާނީ ބައްޔަށް މީހުން ހުށަހެޅޭފަދަ ކަމެއް މެދުވެރިވުމުން ދޭ ޚާއްސަ ޗުއްޓީއެއް ތަޢަރަފްކޮށްފައިވާއިރު މިދާއިރާއިން މަތީ ތަޢުލީމުގެ ގިނަ ފުރުސަތުތަކެއްވެސް އަންނަނީ ފަހިކޮށްދެމުންނެވެ. މިއީ އުންމީދެކެވެ. އެހެންނަމަވެސް އެންމެ މުހިންމީ ހޭލުންތެރިކަމެވެ. އެކަކު އަނެކަމަށް އޯގާތެރިވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ