ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް "އެއް ކޮޅަކު ވެސް ލައްވާ ނުލާ" އެތިބީ ރައްޔިތުން އެގޮތަށް ނިންމުމުން ކަމަށް ވިދާޅުވެ އެ މެންބަރުންނަށް ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ. އެ މެންބަރުންނަށް އެކަމުގައި ސާފު ޖަވާބެއް ނުލިބޭތީ ކޮންމެ ދުވަހަކު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަ އެވެ. އެކަމަށް އިޝާރަތް ކުރައްވާ ރައީސް ޔާމީން މިރޭ ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
"ރުމާލު2" ޖަގަހައިގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ ދުނިޔޭގެ މާއްދިޔަތަށް ފިކުރު އޮޔާލާ ދިޔަ މެންބަރުންތަކެއް ގެއްލިގެން ދިޔުން ކަމަށެވެ.
"އެ މެންބަރުން މިއަދު ކޮންތާކުތޯ ތިއްބެވީ، އެތާކު ވެސް ނޫން މިތާކު ވެސް ނޫން، މަގަކުއެއްވެސް ނޫން، އަދި ކީއްތޯ ގާނޫނު ތަންފީޒު ކުރަން އަދި ގާނޫނު ހަދާ އިދާރާއަކާ ކައިރިއަށް ވެސް އާދެވޭ ހިސާބަކު ނޫން، އެއީ ރައްޔިތުންގެ ނިންމުން، އެއީ ރައްޔިތުންގެ ނިންމުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، "ދެން އެ ބޭފުޅުން އަންނަ ދައުރަށް ކުރިމަތި ލައްވާއިރު ރައްޔިތުންނަށް ވިސްނައިދޭން ޖެހޭނެ ކީއްވެގެންތޯ އެ ބޭފުޅުން ތިއްބެވި ޕާޓީ ދޫކޮށްލި ސަބަބު، ކޯޗެކޭތޯ ކިޔާނީ، ދައްކާނެ ވާހަކައެއް ނޯންނާނެ،" ކަމަށެވެ.
މިހާތަނަށް 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައިވާއިރު، މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދަނީ އެ މެންބަރުންނާ ނުލަ އެވެ. މެންބަރުންގެ ގޮނޑި ގެއްލިފައިވާ އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ރިޔާއަތް ކޮށެވެ. އެއީ އެ ހުކުމަށްފަހު އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ، ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅި ހުކުމެވެ. ނަމަވެސް 12 މެންބަރުން ވެސް ވިދާޅުވަމުން ދަނީ އެ މެންބަރުން އެ ހުކުމުގެ ކުރިން ޕީޕީއެމްއިން ވަކިވެފައިވާ ކަމަށެވެ.
އެ މެންބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.
މެންބަރުން މަގުމަތިވީ ރައްޔިތުން އެގޮތަށް ނިންމުމުން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ