ހިއްސާދާރުން ގުޅިގެން "ހަވީރު" ހިންގަން އިލްތިމާސް ކޮށްފި

"ހަވީރު" ނޫހުގެ ކުރިމަގު ހަލާކުވެދާނެ ގޮތަށް ކަންކަން ނުކޮށް ހުރިހާ ޙިއްޞާދާރުންގެ މެދުގައި މަޝްވަރާ ކުރެވިގެން ހުރިހައި ހިއްސާދާރުންގެ ބައިވެރިވުމާއި އެކު "ހަވީރު" ނޫސް އަލުން ހިންގަން ފެށުމަށް އެނޫހުގެ ތިން ޙިއްޞާދާރުން އިލްތިމާސްކޮށްފިއެވެ.
"ހަވީރު" ގެ ހިއްސާދާރުން ކަމަށްވާ އިބްރާހީމް ރަޝީދު މޫސާއާއި، ޢަބްދުﷲ ފާރޫޤް ޙަސަން އަދި މުޙައްމަދު ނަޢީމް ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވީ ހަވީރުގެ ޙިއްޞާދާރުންގެ މެދުގައި އުފެދިފައިވާ މައްސަލައަކާ ގުޅިގެން ހަވީރު އޮންލައިނާއި ހަވީރު ނޫހުގެ ޚިދުމަތް ހުއްޓާލުމުން، އެކަމުގެ ގެއްލުން ދިވެހި ނޫސްވެރިކަމަށާއި، ހަވީރުގެ މުއައްޒަފުންނަށާއި، ވިޔަފާރި ޕާރޓްނަރުންނަށް ކުރިމަތިވަމުންދާ ކަމަށާއި، އެއީ ޙިއްޞާދާރުންގެ ޙައިޞިއްޔަތުން އެބޭފުޅުން އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
ހަވީރުގެ މިލްކުވެރިކަމާ ގުޅިގެން ހުށައެޅި މައްސަލައެއްގައި ހައިކޯޓުން ކޮށްފައިވާ ޙުކުމެއް ތަންފީޒު ކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަކާއި ގުޅިގެން ސިވިލް ކޯޓުން ވަނީ "ހަވީރު" ގެ ޙިއްޞާދާރުންކަމަށްވާ އިބްރާހީމް ރަޝީދު މޫސާއާއި، ޢަބްދުﷲ ފާރޫޤް ޙަސަން އާއި ނުލައި "ހަވީރު" ކުރިއަށް ނުގެންދިއުމަށް ވަގުތީ އަމުރެއް ނެރެފައެވެ. މި އަމުރަށްފަހު ހަވީރު އޮންލައިނާއި، ހަވީރު ނޫސް ނެރުން ވަނީ ހުއްޓާލާފައެވެ.
"ހަވީރު" ގެ މިލްކުވެރިކަމުގެ މައްސަލަ ހުށަހަޅާފައިވާ ހިއްސާދާރުންގެ ބަޔާނުގައި ބުނެފައި ވަނީ "ހަވީރު" ގެ މިލްކުވެރިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އަދި އެނޫންވެސް ފޯރަމްތަކުގައި ހަޤީޤަތާ ޚިލާފް މަޢުލޫމާތު ފަތުރަމުންދާކަމަށާއި އެކަން ކުއްވެރިކުރާ ކަމަށެވެ.
އަދި މިލްކުވެރިކަމާމެދު އުފެދިފައިވާ މައްސަލައިގައި ހައިކޯޓުން އިއްވާފައިވާ ޙުކުމަށް ބޯލަނބައި، "ހަވީރު" ގެ ޙިއްޞާދާރުން ކަމަށްވާ ޑރ.މުޙައްމަދު ޒާހިރު ޙުސައިނާއި، އިބްރާހީމް ރަޝީދު މޫސާއާއި، ޢަބްދުﷲ ފާރޫޤް ޙަސަނާއި، މުޙައްމަދު ނަޢީމް ގުޅިގެން "ހަވީރު" ގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ