ގާޒީ ބާރީމެން ސައިޒު ވާނެ ދުވަހެއް އަންނާނެ – މަހްލޫފް

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފްމެން "ސައިޒް ވާނެ ދުވަހެއް އަންނާނެ" ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ގާޒީ ބާރީ އަށާއި ގާޒީ ބާރީގެ ބޭބެއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ މައްޗަށް ޙުކުމް ކުރީ "އެތައް ފައިސާއެއް ނަގައިގެންކަން" އެނގިވަޑައިގަންނަވާ ކަމަށެވެ.
ގާޒީ ބާރީގެ ބޭބެގެ މައްޗަށް ދޯންޏެއް ރޯކޮށްލުމުގެ ތުހުމަތު ވެސް މަހްލޫފް ރޭ ވަނީ ކުރައްވާފައެވެ. މަހްލޫފް ވިދާޅުވީ "ބައްލަވާ މީނާގެ (ބާރީގެ) އެއްބަނޑުއެއްބަފާ ބޭބެ އަޅުގަނޑުމެން މޭޑޭއަށް ތައްޔާރުވާން އުޅެނިކޮށް އެ ރަށުގަ އެއް ލޯންޗާއި ދެ ދޯނި ރޯކޮށްލީ. އެއް ލޯންޗާއި ދެ ދޯނި ރޯކޮށްލީ އެނގިލައްވާތޯ އޭނަ އަތުވި ގޮތް، އޭގެ އަނެއް ދުވަހު މީނަ ފެނުނުއިރު ކަކުލުން ތިރި އެއްކޮށް ފިހިފައި އެހާދިސާގައި، މުއްދަތު ޖެހީ އަޅުގަނޑު ހަނދާންވާ ގޮތުން ދިހަ ދުވަހަށް. އޭރުއްސުރެ އެ މައްސަލަ އެއޮތި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި،" ކަމަށެވެ.
މަހްލޫފް ވިދާޅުވީ "ބާރީމެން މިގައުމުގައި ސައިޒް ވާނެ ދުވަސް އަދި އަންނާނެ. ބޭނުންހާ އެއްޗެއް ނުހެދޭނެ. ފާއިސާ ނަގައިގެން ހުކުމްތައް ކުރަނީ،" ކަމަށެވެ.
ކޯޓުގެ ހުރުމަތް ކަނޑާ މީހުން އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ގޮތައް ދާދިފަހުން ސުޕްރީމް ކޯޓުން ނެރެފައިވާ ޤަވައިދަށް އިޝާރާތް ކުރައްވާ މަހްލޫފް ރޭ ވިދާޅުވީ އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރި ނަމަވެސް މިފަދަ ވާހަކަތައް ދައްކާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ