މުހުތާޒު ދޫކޮށް، ގާޒީ ނިހާނުގެ ބަންދަށް 7 ދުވަސް ޖަހައިފި

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ހައްޔަރު ކުރުމަށް ސައްހަނޫން އަމުރެއް ނެރުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ކުރިމިނަލް ކޯޓުން ދޫލޮށްލި އިރު، އެމައްސަލާގައި ހައްޔަރުކޮށްފައިވާ އދ.މާމިގިލީ ކޯޓުގެ ގާޒީ އަހުމަދު ނިހާނުގެ ބަންދަށް ހައިކޯޓުން 7 ދުވަސް ޖަހައިދީފިއެވެ.
ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) މުހުތާޒު މުހުސިން އާދީއްތަ ދުވަހު ރޭ ދަންވަރުގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ ސައްހަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއްގައެވެ.
ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ މުހުތާޒު ކޯޓުން ދޫކޮށްލީ މުއްދަތު ޖެހުމަށް ފުލުހުން މުހުތާޒު ކޯޓަށް ހާޒިރު ކުރުމުން، ފުލުހުން ހިންގާ ތަހުގީގަށް ފުރިހަމަޔަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް ކަމަށެވެ.
މި މައްސަލާގައި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، އަހުމަދު ނިހާން ވެސް ހައްޔަރުކޮށްފައިވާ ނިހާންގެ ބަންދަށް ހައިކޯޓުން ވަނީ 7 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މުހުތާޒަކީ ކްރިމިނަލް ކޯޓްގައި ގާޒީ ކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. މުހުތާޒު ވަނީ ރައީސް ޔާމިނުގެ އަރިހުގައި މަސައްކަތް ކުރައްވާފައެވެ.
ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާ އުފުލުމަށް މުހުތާޒު ދެކޮޅު ހައްދަވާ ކަމަށްބުނެ ޕީޕީއެމް މެމްބަރުންވަނީ ކުއްލި ގޮތަކަށް މުހުތާޒު މަޖިލިހުގެ ކޮމިޓީއަކަށް ހާޒިރުކޮށް އެރޭ މަޖިލިހުގެ ޖަލްސާއެއް ބާއްވާ ޕީޖީގެ މަގާމުން އޭނާ އަޒުލްކޮށްފައެވެ.
ރައްޔިތުންގެ މަޖިލިހުގެ ކޮމީޓީއަށް ހާޒިރުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މުހުތާޒު ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެ ތުހުމަތު ތަކަށް ހުޅުވާލެވިގެންވާ މަޖިލިހެއްގައި ޖަވާބުދާރީވުމަށް ބޭނުންވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ސުޕުރީމް ކޯޓުން ދާދި ފަހުން ގާނޫނުލް އުގޫބާތައް އިސްލާހުތަކެއް ހުށަހެޅުމަށް ނިންމާފައިވާތީ އެކަމަށްވެސް މުހުތާޒު ވަނީ ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
މުހުތާޒު ޕީޖީ ކަމަށް އައްޔަންކޮށްފައިވަނީ ކުރިން ޕީޖީ ކަމުގެ މަގާމުގައި ހުރި އަހުމަދު މުއިއްޒުގެ އިތުބާރުނެތް ކަމުގެ ވޯޓެއް މަޖިލިހުގައި ނަގަން ތައްޔާރުވެފައިވަނިކޮށް އެ މަގާމުން އެމަނިކުފާނު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ