ގޭގައި ކަރަންޓީނު ވާން ބޭނުންވާ މީހުން އެކަން އަންގަން އެދިއްޖެ

ކޮވިޑް-19 އަށް ހުށަހެޅޭ އަލާމާތްތައް ނުފެންނަ މީހުންގެ ތެރެއިން ގޭގައި ކަރަންޓީނު ވާން ބޭނުންވާ މީހުން އެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އެންގުމަށް މިރޭ އެދިއްޖެ އެވެ.
ހޯމް ކަރަންޓީނު ކުރުމުގެ އުސޫލް އާއްމުކޮށް އެޗްޕީއޭ އިން ބުނެފައި ވަނީ އެގޮތަށް އެކަހެރި ކުރެވޭނީ ކަނޑައަޅާފައިވާ ވަކި ޝަރުތުތައް ފުރިހަމަވާ ގެއެއް ނުވަތަ ތަންތަނުގައި ކަމަށެވެ. އެ ޝަރުތުތަކާ އެކު އެޗްޕީއޭ އިން ވަނީ ފޯމެއް އާއްމުކޮށްފަ އެވެ.
ގޭގައި ކަރަންޓީނު ވާން އެދޭ މީހުން އެ ފޯމު ފުރިހަމަކޮށްފައި ހުށަހެޅުމުން، ޝަރުތު ހަމަވާ ނަމަ ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ. އެ ފޯމުގައި، ދިރިއުޅޭ ތަނާއި މީހުންގެ އަދަދާއި އެ ގެއެއްގައި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ދާއިމީ ބައްޔަކަށް ބޭސްކުރާ މީހުން ތިބި ނަމަ އެކަން އަންގަން ޖެހެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ގޭގައި ކަރަންޓީީނު ކުރުމުގެ އުސޫލު:https://t.co/2DPYnZxnrNގޭގައި ކަރަންޓީނު ވުމަށް ބޭނުންވާ ފަރާތްތަކުން ލިންކުގައިވާ ޗެކްލިސްޓް ފުރިހަމަކުރުމަށްފަހު homequarantine@health.gov.mv އަށް އީމެއިލް ލުރަށްވާ:https://t.co/n0sEsHf8lG— Health Protection Agency (@HPA_MV) May 23, 2020
ކަރަންޓީން ކުރަން ވަކި ކޮޓަރިއެއް ހުރި ނަމަ އެކަން ނުވަތަ ގޭގައި ދިރިއުޅޭ ގިނަ ބަޔަކު ބޭނުން ކުރަން ހުންނަނީ އެއް ފާޚާނާއެއް ނަމަ އެކަން ވެސް އަންގަން ޖެހެ އެވެ. ގޭގައި ކަރަންޓީންވާން ބޭނުންވާ މީހުން ފޯމު ފުރާފައި ހުށަހަޅަން ޖެހެނީ ހެލްތު މިނިސްޓްރީގެ އެކަމާ ގުޅޭ އީމެއިލަށެވެ.
Home qurantine kuranee, Samaaluvaan vee kankan gina
Mihaaru
ހޯމް ކަރަންޓީން ކުރުމުގެ އުސޫލުގައިވާ ބައެއް ކަންކަން:
ގޭގައި ކަރަންޓީން ކުރަނީ އެ އުސޫލްގައިވާ ގޮތުން ބައްޔެއްގެ އަލާމާތެއް ފެނިފައި ނުވާ އެކަމަކު ބައްޔަށް ހުށަހެޅިފައިވާ މީހުން އެހެން މީހުންނާ ދުރުހެލިކުރާށެވެ. މިގޮތަށް ކަރަންޓީން ކުރުމުގެ ބޭނުމަކީ މިފަދަ މީހުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނޭތޯ ބެލުމާ އެކު ބަލި ހުރި ކަން އަވަހަށް ދެނެގަނެ ފިޔަވަޅު އެޅުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ގޭގައި ކަރަންޓީން ކުރާ ގޮތަށް ހަމަޖައްސާފައި ވަނީ 14 ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވުމުން ކަރަންޓީނުން ދޫކޮށްލާނެ އެވެ.
- ކަރަންޓީން ކުރާ މީހާ ބެހެއްޓުން އެންމެ އެކަށީގެންވަނީ ފާޚާނާ އެކު ހުންނަ ކޮޓަރިއެއްގައި. އެތަނަކީ ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހުންނަ ތަނަކަށް ވާން ޖެހޭ.
- އެއް ކޮޓަރިއެއްގައި އެކަކަށް ވުރެން ގިނަ މީހުން ކަރަންޓީން ކުރާ ނަމަ ދެ އެނދު ދޭތެރޭގައި މަދުވެގެން ތިން ފޫޓު ހުރުން.
- ފާޚާނާގައި ސާފު ފެން ލިބުމާ އެކު ރައްކާތެރި ގޮތެއްގައި އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން.
- އެކަކަށް ވުރެން ގިނަ މީހުން ފާޚާނާ ބޭނުންކުރާ ނަމަ ފާޚާނާގެ އިސްކުރާއި ދޮރުގެ ތަޅާއި ފާޚާނާ ތަށިގަނޑާއި މޫނު ދޮންނަ ތަށި ފަދަ ތަންތަން ޑިޓާޖަންޓް ބޭނުންކޮށްގެން މަދުވެގެން ދުވާލަކު ދެ ފަހަރު ސާފުކުރުން.
- ގޭގައި އުޅޭ އުމުރުން 60 އަހަރުން މަތީގެ ނުވަތަ ދާއިމީ ބައްޔަކަށް ބޭސްކުރާ މީހުންނާ އެއް ފާޚާނާއެއް، ކަރަންޓީންގައި ހުންނަ މީހާ ބޭނުން ނުކުރުން.
- ކަރަންޓީންގައި ހުންނަ މީހާ ގެންގުޅޭ ތަކެއްޗާއި އަންނައުނު ވަކިން ގެންގުޅުމާއި ވަކިން ދޮވެ ހެދުން.
- އުމުރުން 60 އަހަރުން މަތީގެ މީހެއް ނުވަތަ ދާއިމީ ބައްޔަކަށް ބޭސްކުރާ މީހަކު ގޭގައި ކަރަންޓީން ކުރާނީ އޭނާގެ އެހީތެރިއެއް ހުރި ނަމަ. އެހީތެރިއަކު ނެތް މީހުން ކަރަންޓީން ކުރާނީ ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއެއްގައި.
- މީހަކު ކަރަންޓީންކޮށްފައިވާ ގެއަކަށް އެހެން މީހުންނަށް ޒިޔާރަތެއް ނުކުރެވޭނެ. އަދި ކަރަންޓީންގައި ހުންނަ މީހާ ވެސް ގެއިން ބޭރަށް ދިއުން މަނާވާނެ.
ހޯމް ކަރަންޓީންގައި ހުންނަ އިރު ރައްކާތެރިވުމުގެ ގޮތުން އަމަލުކުރާނެ ގޮތްތައް ޑޮކްޓަރުން ވަނީ ކިޔައިދެއްވައިފަ އެވެ.
އޭގެތެރޭގައި ސާފުތާހިރު ކަމަށް ޚާއްސަ ސަމާލުކަމެއް ދީ، ބްލީޗް ސޮލިއުޝަނެއް ތައްޔާރުކޮށް، ފާޚާނާތަކާއި ގޭތެރެ އަދި ހިފައި ގެންގުޅޭ ތަކެއްޗާއި ގޭގެ ދޮރުތަކުގެ އަތްގަނޑު ދޮވުމާއި ކަރަންޓީންގައި ހުންނަ މީހާ ގޭގައި ތިބޭ އެހެން މީހުންނާ ބައްދަލުވެ ނުހެދުމާއި ބޭރަށް ދިއުމުގެ ބަދަލުގައި ޑެލިވަރީގެ ޚިދުމަތް ހޯދަން އެދިފައިވެ އެވެ. އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ އެ ގެއެއްގައި ތިބޭ ހައި ރިސްކް މީހުން ބައްޔަށް ހުށަނޭޅޭ ގޮތަކަށް އަމަލުކުރަން ކަމަށް ޑޮކްޓަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ