މެމްބަރު ރިޒާގެ ލޯފާމަށް ރުފިޔާ ދިނީ ގަވާއިދާ އެއްގޮތަށް: ޖުނައިދު

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ ލޯފާމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 2.9 މިލިއަން ރުފިޔާ ދީފައިވަނީ ގަވާއިދާ އެއްގޮތަށް ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.
އެމްޕީއެލް އިން ރިޒާގެ ލޯފާމަށް 2.9 މިލިއަން ރުފިޔާ ދީފައިވަނީ ޓަގު ބޯޓެއް ބަނުމަށް އެ ކުންފުނިން ސެންޓަ އެންޓަ ޕްރައިޒަސްއާ ހަވާލުކުރި މަޝްރޫއުއާ ގުޅިގެން އުފެދުނު މައްސަލަތަކާއި ގުޅިގެން ސިވިލްކޯޓަށް ހުށަހެޅި މައްސަލާގައި ވަކާލާތު ކުރުމަށެވެ.
ޖުނައިދު ވިދާޅުވީ ސެންޓާ އެންޓަޕްރައިޒަސްއާ ގުޅޭ ގިނަ މައްސަލަތަކެއް ހުރި އިރު، ގާނޫނީ ވަކީލުންގެ ހަރަދަށް ބޮޑު އެއްޗެއް ވެސް ދޭންޖެހޭނެ ކަމަށާއި އެމްޕީއެލްއަކީ ލޯފާމަކަށް ނުވާތީ މައްސަލައިގައި ވަކާލާތު ކުރުމަށް ކުރިން ވެސް އެ މައްސަލައިގައި ވަކާލާތުކޮށްފައިވާ ތަޖުރިބާކާރު މީހުންނާ ހަވާލު ކުރަން ޖެހުނު ކަމަށެވެ.
އަދި ރިޒާގެ ލޯފާމަށް 2.9 މިލިއަން ރުފިޔާ އެމްޕީއެލްއިން ދައްކާފައިވާނީ ގަވާއިދާ އުސޫލުތަކުގެ ތެރެއިންކަށާ ހުއްދަ ހޯދަން ޖެހޭ ފަރާތްތަކުގެ ހުއްދައާއި ވެސް އެކުގައިކަމަށް ޖުނައިދު ވިދާޅުވި އެވެ.
ޖުނައިދު ވިދާޅުވީ މިމައްސަލަގައި ސިވިލްކޯޓުން އެމްޕީއެލްގެ މައްޗަށް ހުކުމްކޮށްފައިވަނީ ސެންޓަރ އެންޓަރ ޕްރައިޒަސްއަށް 160 މިލިއަން ރުފިޔާ ދެއްކުމަށް ވާއިރު އެމްޕީއެލް ފަދަ ކުންފުންޏަކުން އެފަދަ ބޮޑު އަދަދެއް ސަލާމަތް ކުރުމަށްޓަކާ 2.9 މިލިއަން ރުފިޔާއަކީ ބޮޑުއެއްޗެއް ނޫންކަމަށާ އެއަށްވުރެ ގިނައިން ފައިސާ ދައްކަން ޖެހުނަސް ގަވާއިދުގެ ތެރެއިން ދައްކާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރިޒާގެ ލޯފާމަށް އެމައްސަލާގައި ވަކާލާތުކޮށް ދޭންޖެހޭ ފައިސާގެ އަދަދު ކަނޑައަޅާފައި ވާނީ އެމްޕީއެލްގެ ބޯޑުން ފާސްކޮށްގެން ކަމަށާއި އެކަމުގައި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. މިމައްސަލާގައި ވަކާލާތުކުރުމުގެ ފީއަކަށް މެމްބަރު އިބްރާހިމް ރިޒާގެ ލޯ ފާމަށް 2.9 މިލިއަން ރުފިޔާ ދެއްކިކަމުގެ ލިޔުންތަކެއް ވަނީއާންމުވެފަ އެވެ.
ޖުނައިދު ވިދާޅުވީ ކުންފުނީގެ އަގުވައްޓާލަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރިކަމުގައިވިޔަސް އެކަމުގައި ސިއްރުކުރަންޖެހޭ ވަރުގެ ކަމެއް ނޯންނާނެ ކަމަށެވެ.
އެމްޕީއެލްއިން ޓަގު ބޯޓެއް ބަނުމަށް ސެންޓަރ އެންޓަރ ޕްރައިޒަސްއާ ހަވާލުކޮށްފައި ވަނީ 2008 ވަނަ އަހަރު އެވެ.
ސިވިލް ކޯޓުގެ ހުކުމްގައިވާ ގޮތުން އެމްޕީއެލް އިން ދައްކަންޖެހޭ 160 މިލިއަން ރުފިޔާގެ ތެރެއިން 138.9 މިލިއަން ރުފިޔާ އަކީ ފައިސާ ދައްކަން އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެވެ. ސިވިލްކޯޓުން އެމްޕީއެލްގެ މައްޗަށް މިގޮތަށް ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ