ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން، އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން މިއަދު ސަރުކާރުން އިސްތިއުފާ ދެއްވައިފި އެވެ.
ދުންޔާ އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައި ވަނީ ބައިނަލްއަޤްވާމީ މުޖުތަމައުއަށް ފޮނުއްވެވި ސިޓީއެއް މެދުވެރިކުރައްވަ ކަމަށް މައުލޫމާތު ލިބެ އެވެ. މި ސިޓީގައި ބަޔާންކުަރައްވާފައި ވަނީ މިވަގުތު އެކަމަނާގެ އާއިލާ އަށާއި ދިވެހި ޤައުމަށް ދިމާވެފައިވާ ހާލަތާއި މެދު ކަންބޮޑުވާ ކަމަށެވެ. އަދި ބައްޕާފުޅު ވީހާވެސް އަވަހަށް މިނިވަންވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ދުންޔާ އިސްތިއުފާދެއްވާފައި ވާއިރު، މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ދުންޔާ ހުންނެވީ ޗުއްޓީގަ އެވެ. އަދި މިވަގުތު އެކަމަނާ ހުންނެވީ ސިންގަޕޫރުގަ އެވެ.
ދުންޔާގެ އިސްތިއުފާގެ ސިޓީގައި ރައީސް މައުމޫން އާއި ގުޅޭގޮތުން ދުންޔާ ވިދާޅުވެފައި ވަނީ ރައީސް މައުމޫނަކީ ހަމައެކައި އެކަމަނާގެ ބައްޕާޅު ނޫން ކަމަށާއި، އެއީ ދިވެހި ޤައުމުވެސް ފަޚުރުވެރިވާނެ ދިވެހިންގެވެސް ބައްޕައެއް ކަމަށެވެ. އަދި ރައީސް މައުމޫނަކީ މި ޤައުމުގެ ރައްޔިތުންގެ ލޯތްބާއި އިޚްރިރާމް ހޯއްދަވާފައިވާ ޤައުމުގެ ބިނާކުރެއްވުމުގައި ދެމިހުންނެވި ބޭފުޅެއް ކަމަށެވެ. މީގެ އިތުރަށް ދުންޔާ ވަނީ ދިވެހިރާއްޖެއަށް ދިމާވެފައިވާ މިހާލަތުން އަރައިގަތުމަށާއި، ދިމިޤްރާތީގޮތުން ރާއްޖެ ވަރުގަދަކުރުމަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުއަށްވެސް ގޮވާލައްވާފަ އެވެ.
ދުންޔާ މައުމޫން ސަރުކާރުގައި އަދާކުރައްވަމުން ގެންދެވި ވަޒީފާއިން އިސްތިއުފާދެއްވާފައި ވާއިރު، އެކަމަނާގެ ބައްޕާފުޅުގެ އިތުރަށް ބޭބޭފުޅު ފާރިސް މައުމޫން އާއި، ކޮއްކޯފުޅު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް މިވަގުތު ވަނީ ހައްޔަރުކޮށްފަ އެވެ.
ދުންޔާ ސަރުކާރުގެ ވަޒީފާއިން އިސްތިއުފާ ދެއްވާފައި ވާއިރު، މި ސަރުކާރުން ވަކިވާނެ ކަމުގެ އިޝާރާތެއް މީގެ ކުރިންވެސް ޔުމްނާ ވަނީ ދެއްވާފަ އެވެ. ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުންޔާ މައުމޫން ވިދާޅުވެފައި ވަނީ، ސަރުކާރުގެ ތެރެއިން ނިކުންނަވަން ތައްޔާރު ކަމަށެވެ.
ރައީސް މައުމޫން މިނިވަންކުރުމަށް ގޮވާލައި އެމޭރުމުން ދުންޔާ ޓްވީޓު ކުރެއްވުމުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ދުންޔާ އަށް ވަރަށްބޮޑަށް ފާޑުވެސް ވިދާޅުވެފަ އެވެ. ޝައިނީ ވިދާޅުވެފައި ވަނީ، ރައީސް މައުމޫން ހައްޔަރުކޮށްފައި ހުރީ ބޮޑެތި ކުށްތަކެއްގެ ތުހުމަތުގައި ކަމަށާއި އެހެންކަމުން އެފަދަ ބޭފުޅަކު މިނިވަންކުރުމަށް ސަރުކާރުގެ ވަޒީފާގައި ހުންނަވައިގެން ދުންޔާ ގޮވާލެއްވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް ފަހުންފަހުން ދުންޔާ ގެންދެވީ ރައީސް މައުމޫން މިނިވަންކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވަމުންނެވެ. އަދި އިއްޔެ އީޔޫ އިން ނިންމި ނިންމުމުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް އަމަލު ކުރުމަކީ ސަރުކާރަށް އިހްތިޔާރީ ކަމެއް ނޫން ކަމަށާއި އެގަރާރަށް އަމަލު ކުރުމަކީ މަޖުބޫރު ކަމެއް ކަމަށްވެސް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.
ދުންޔާ މައުމޫން ސަރުކާރުން އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ