ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ކަމުން މައުމޫނު އަބްދުއްސަމަދު ރޭ އިސްތިއުފާދެއްވައިފި އެވެ.
ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމަށް އެޑްރެސް ކުރައްވައި މައުމޫން އިއްޔެގެ ތާރީހުގައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާ ޕާޓީގެ ކައުންސިލް މެމްބަރުކަމުން ވަކިވެވަޑައިގަތީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓްތައް ދެއްވީ "ވަރަށް އިންސާފުވެރިކަން ކުޑަކޮށް، ޕާޓީ އަށް ޓަކައި ބޮޑެތި ހަރަދުތައްކޮށްދީފައި ތިބި ގިނަ ބައެއްގެ ހައްގުތައް ގެއްލިގެން ދިޔަ" ގޮތަކަށް ޓިކެޓްތައް ބެއްސެވުމުން ކަމަށެވެ.
މައުމޫންގެ ސިޓީގައި ވިދާޅުވެފައި ވަނީ ދަނގެތީގެ ދާއިރާގެ ޓިކެޓް އޭނާ އަށް ދެއްވާނެ ކަމަށް މީގެ ތިން އަހަރު ކުރިން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އޭނާ އަރިހުގައި "ވައުދުވެލައްވާ"ފައިވާ ކަމަށެވެ. އަދި އެ ދާއިރާގައި އެ ޕާޓީން ހިންގި މައިގަނޑު ހަރަކާތްތައް ވެސް އޭނާގެ ބެއްލެވުމުގެ ދަށުން ހިންގަވައި ޕާޓީ އަށް ބޮޑެތި ކާމިޔާބީތައް ހޯދާދީފައި ވަނިކޮށް، "އަތޮޅާ އެއްވެސް ގުޅުމެއް ނެތް މާ ދުރު ބޭފުޅަކަށް ދާއިރާގެ ޓިކެޓް ދެއްވާފައި"ވާ ކަމަށެވެ.
"އަދި އެ ދާއިރާ އަށް އަޅުގަނޑުގެ ކޮއްކޮ ކުރިމަތިލުމުން އަޅުގަނޑުގެ ބޮލުގައި ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް ކެމްޕޭން ކުރި ކަމުގެ އިލްޒާމު އަޅުވައި ހަމަޖެހިފައިވާ ހުރިހާ އުސޫލުތަކާ ހިލާފަށް ޕާޓީގެ ރަޖިސްޓްރާގެ މަގާމުން އަޅުގަނޑު ވަކިކުރެއްވި އިރު، ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް ކެމްޕޭން ކުރެއްވި އެހެން ބޭފުޅުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނުވެ އެވެ." މައުމޫންގެ ސިޓީގައިވެ އެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ދަނގެތީގެ ދާއިރާގެ ޓިކެޓް ޖޭޕީ އިން ދިނީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދަށެވެ. އޭނާ ވަނީ އެެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ.
މައުމޫން ވިދާޅުވެފައި ވަނީ ވޭތުވެ ދިޔަ ހަތަރު އަހަރު އެމްޑީޕީގެ "ދޯދިޔާ ސިޔާސަތު"ތަކާ ދެކޮޅަށް ހުރިހާ ސްޓޭޖެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާހަކަ ދެއްކެވުމަށް ފަހު "މިއަދު ހަމަ ކުއްލި އަކަށް އެ ހުރިހާ ކަމެއް ރަނގަޅުވެ، އެމްޑީޕީގެ ސަފުތަކާ އަލުން ގުޅިލައްވަން އުޅުއްވާ ކަމުގެ ނިޝާންތައް" ޕާޓީގެ ލީޑަރުގެ ފަރާތުން ފެންނަމުން ދިޔުމަކީ އޭނާ އަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މައުމޫން ވިދާޅުވީ އޭނާއާ މެދު ފިޔަވަޅުއަޅާފައި ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ނެންގެވި ކޮމެޓީއަކުން "އަސާސީ ގަވައިދާ ހިލާފަށް" ކަމަށެވެ.
"ދެހާސް ނުވަ ވަނަ އަހަރު ގާސިމް އިބްރާހިމް ވިދާޅުވެފައި އޮތީ މަޖިލީހަށް ކުރިމަތިލުމަށް ޖޭޕީގެ ޓިކެޓް އަޅުގަނޑަށް ދެއްވާނެ ކަމަށް. ނަމަވެސް ގާސިމް އިބްރާހި އަމިއްލަފުޅަށް އިލްހާމަށް ދަނގެތި ދާއިރާގެ ޓިކެޓް ދެއްވީ. އަޅުގަނޑަކީ ދަނގެތި މީހަކަށްވާއިރު އެއްވެސް ކައުންސިލަކުން ނިންމުމެއް ނެތި އިލްހާމަށް ދަނގެތި ދާއިރާގެ ޓިކެޓް ދެއްވީ، އޭގެ ފަހުގައި އެ ދާއިރާއަށް އަމިއްލަ ގޮތުން އަޅުގަނޑުގެ ކޮއްކޮއެއް ކުރިމަތިލި ފަހުން އަޅުގަނޑާމެދު ފިޔަވަޅު އެޅީ. އެ ވެސް އަމިއްލައަށް ނެންގެވި ކޮމެޓީއަކުން. އަސާސީ ގަވައިދުތަކާއި ހިލާފަށް،" އޭނާ ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސްކަން ހޯދެއްވުމުގެ ބޭނުމުގައި އެމްޑީޕީއާ އެކު ޖޭޕީން މަސައްކަތް ކުރުމަކީ ވެސް ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އޭގެއިތުރުން އޭނާ ވިދާޅުވީ ޖޭޕީގެ ކުރީގެ ކައުންސިލް މެންބަރު ފުއާދު ގާސިމް އާއި ބެހޭ ގޮތުން އެ ޕާޓީ ދައްކާފައިވަނީ ވެސް ހަގީގަތާއި ހިލާފް ވާހަކަތަކެއް ކަމަށެވެ. ޖޭޕީގެ ކައުންސިލް މެންބަރު ކަމުން ފުއާދު ގާސިމް އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ހަފްތާގަ އެވެ.
ޖޭޕީ ކައުންސިލުން މައުމޫން އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ