މިއަދު ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތާއި، ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދު ދޫކޮށްލައިފިއެވެ.
މި ދެ ބޭފުޅުން ހައްޔަރުކޮށްފައިވަނީ ގުޅިފައިވާ ޕާޓީ ތަކަށް ކެމްޕޭން ކުރުމަށް ގދ. ގައްދޫގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. ނަމަވެސް މި ދެ ބޭފުޅުން ހައްޔަރުކުރި ސަބަބެއް އެނގިފައެއް ނުވެއެވެ.
އަމީތާއި އަބްދުﷲ އެ ރަށުން ހައްޔަރުކޮށްފައިވާއިރު މިހާރު ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ގދ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. އަދި މިއަދުގެ ވަގުތެއްގައި ރައީސް ޔާމީން ގައްދޫ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ކުރީގެ މެންބަރު އަމީތު އާއި އަބްދުﷲ ގައްދޫއަށް ވަޑައިގަންނަވާފައި ވަނީ ރޭގެ ވަގުތެއްގައެވެ. މި ދެބޭފުޅުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއް ހިފައިގެން ގޮސް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފު ވެފައެއް ނުވެއެވެ. އަދި ދެ މެމްބަރުން ހައްޔަރުކުރި ސަބަބެއް ވެސް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އަމީތު އާއި އަބްދުﷲ އަކީ ސްޕްރީމް ކޯޓުން މިދިޔަމަހު އިއްވި ހުކުމުގައި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެންބަރުންގެ ތެރޭގައި ހިމެނޭ ދެ މެންބަރުންނެވެ.
ސްޕްރީމް ކޯޓުން މިދިޔަމަހު އިއްވި ހުކުމުގައި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲއާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީއާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނެވެ.
ގައްދޫއިން ހައްޔަރު ކުރި އަމީތު އާއި އަބްދުﷲ ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ