އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓުގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ހިމަނައިފި

އެމެރިކާއިން ކަނޑައަޅާ ޓެރަރިސްޓުންގެ ލިސްޓުގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ހިމެނުމަށް ފަހު އެ މީހާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
އެ ލިސްޓުގައި ހިމަނާފައި ވަނީ މުހައްމަދު އަމީން ނަމަކަށް ކިޔާ ދިވެއްސެކެވެ. އޭނާއަކީ ސީރިއާ އާއި އަފްގާނިސްތާނުގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އިސް މީހެއްގެ ގޮތުގައި ފާހަގަވެފައިވާ ފަރާތެއް ކަމަށް އެމެރިކާއިން ބުނެ އެވެ.
އޭގެ އިތުރުން އޭނާއަކީ އައިއެސްގެ އިރާގުގެ ގޮތްޕަށް ހަނގުރާމަވެރިން ރެކްރޫޓް ކުރާ މީހެއް ކަމަށާއި މިހާރު ރެކްރޫޓް ކުރާ މީހުން ފޮނުވަނީ އަފްގާނިސްތާނަށް ކަމަށް ވެސް އެމެރިކާއިން ބުނެ އެވެ.
އެމެރިކާއިން ބުނެފައިވާ ގޮތުގައި އަމީން ވަނީ ރާއްޖޭގެ ނޫސްވެރިއަކު އައިއެސްއާ ގުޅިގެން އަފްގާނިސްތާނަށް ދިޔުމަށް މަހަކު 700 ޑޮލަރުގެ މުސާރައެއް ހުށަހަޅާފަ އެވެ. އެއީ އަމީނަށް ބޭނުންވާ ލިޔުންތައް ތަރުޖަމާ ކުރުމަށެވެ.
އަމީނާއި އޭނާގެ ބައިވެރިން އައިއެސްއަށް މީހުން ރެކްރޫޓް ކުރުމަށް ހަފްތާއަކު 10 ބައްދަލުވުން ބާއްވާ ކަމަށާއި ބައެއް ފަހަރު އޭނާގެ ގޭގައި ވެސް ބައްދަލުވުން ބާއްވާ ކަމަށް އެމެރިކާއިން ބުނެ އެވެ. އަދި ރާއްޖޭގެ ގޭންގުތަކާއި ކުށްވެރިންގެ ތެރެއިން އައިއެސްއަށް މެމްބަރުން ހޯދުމަށް އޭނާ މަސައްކަތް ކުރާ ކަމަށް ވެއެވެ.
އޭނާއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ފަތުރުވެރިންތަކަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރަން އުޅުން ރާއްޖެއިން ފިލައިގެން ގޮސް އުޅުނު މީހެއް ކަމަށް ވެއެވެ. އެކަމަކު ލަންކާއިން 2011 ވަނަ އަހަރު ހައްޔަރުކޮށް ރާއްޖެ ގެނައުމަށް ފަހު ހުންނަނީ ދޫކޮށްލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ