ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރުން އެއްވެސް ހާލެއްގައި ބަލައެއްނުގަނެވޭނެ: މައުމޫން

އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ ޓެގް ކުރައްވައި ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ކޮންމެ ބަޔަކު ކުރި ނަމަވެސް ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށެވެ. މައުމޫން މިހެން ވިދާޅުވެފައި މިވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ގިނަ ވާހަކަތަކެއް ހުރި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އެއީ އެ ޖަމިއްޔާއިން 2015 ވަނަ އަހަރު ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި ކޮށްފައިވާ ދިރާސާއެކެވެ. އެ ރިޕޯޓުގައި ކީރިތި ޤުރްއާނާއި ސުންނަތާ ހިލާފު ވާހަކަތައް ހުރުމުން އެކަމާ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން އިއްޔެ ފުލުހުންނަށް ހުށަހަޅައިފައި ވީނަމަވެސް އެ މައްސަލަ ބަލަން ފުލުހުން ނިންމި ކަމެއް އަދި އެނގިފައެއް ނުވެއެވެ. ދީނީ ހައްދުފަނައަޅާ ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ދާދި ފަހުން ސަރުކާރުން ވަނީ ޓެރަރިޒަމްގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން، ކުށްތަކަށް ވާ ކަންކަން ހަރުކަށިކޮށް، ކުށުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރެވޭނެ ގޮތް ވަނީ ފަސޭހަކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ