ޕްރޮސެކިއުޓަ ޖެނަރަލް އޮފީހުގެ މައްސަލަތައް ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަމުރު ކުރި ނަމަވެސް ޕީޖީ އޮފީހުގެ މައްސަލަތައް މިއަދު ވެސް ބަލައިނުގަނެ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހިނގަ ހިނގާ އޮތްގޮތުގެ މަތިން ހިނގުމަކީ ގާނޫނު އަސާސީގެ ދަށުން ނަގަހައްޓަން ޖެހޭ ގާނޫނުގެ ހުކުމް ނެގެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމަކަށްވާތީ ހާލަތުއް ޟަރޫރާތުގެ އުސޫލަށް ރިއާޔަތްކޮށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށާއި ޖިނާއީ އިހްތިސާސް ލިބިގެންވާ އެހެނިހެން ކޯޓުތަކަށް ގަވައިދުން ހުށަހަޅަމުން ގެންދާ މައްސަލަތައް ބަލައިގަންނަމުން ގެންދިއުމަށް އަމުރުކުރާ ކަމަށެވެ.
އަދި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ ކުރިން ޕީޖީގެ ފަރާތުން ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް އަނބުރާ ގެންދިއުމާއި ޕީޖީ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ކުށުގެ ދައުވާ ނުކުރުން ފަދަ ފިޔަވަޅުތައް ނޭޅުމަށް ވެސް އަމުރުގައިވެ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޕީޖީ އޮފީހުން ފޮނުވި މައްސަލަތައް ކްރިމިނަލް ކޯޓުން ފޮނުވާލީ ސުޕްރީމް ކޯޓުގެ އަމުރު އެކޯޓަށް ލިބިފައި ނުވާކަމަށް ބުނެ ކަމަށާއި ނަމަވެސް މާދަމާ ވެސް ޕީޖީގެ ޒިންމާ އަދާކުރުމުގެ ގޮތުން މައްސަލަތައް ކޯޓަށް ފޮނުވާނެ ކަމަށެވެ.
ޕީޖީ އޮފީހުން ކްރިމިނިލް ކޯޓަށް ފޮނުވާ މައްސަލަތައް ބަލައިގަތުން މިދިޔަ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހު ކޯޓުން މެދުކަނޑާލިއިރު އެކަން އެގޮތަށް ނިންމީ ޕީޖީގެ ގާނޫނުގައި ޕީޖީގެ މަގާމު ހުސްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަންޖެހޭނެ ކަމަށް ބުނެފައިވާތީ އެމުއްދަތުގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވިފައި ނުވާ ކަމަށް ބުނެ އެވެ.
ޕީޖީއަކު ނެތުމުން މައްސަލަތައް ބަލައިގަތުން ކްރިމިނަލް ކޯޓުން ހުއްޓާލިއިރު ހައި ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުން ވެސް ޕީޖީން ފޮނުވާ މައްސަލަތައް ބަލައިގަންނަމުންދެ އެވެ.
ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ