ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ދެއްވަމުން ގެންދަވާ ސެކިއުރިޓީގެ ހިދުމަތް ހުޓާލަފާނެކަމުގެ އިޝާރާތެއް ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްވައިފިއެވެ.
މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފައިވާއިރު، މިދިޔަ ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ މެންބަރުންނަށް ސެކިއުރިޓީގެ ހިދުމަތް ލިނޭނެ ގޮތްވަނީ ހަމަޖައްސާފައެވެ.
ހޯމް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މިހާރު މެންބަރުންނަށް ފޯރުކޮށްދެމުންދާ ސެކިއުރިޓީގެ ހިދުމަތް އަނބުރާ ގެންދިޔުމަކީ ނެތްކަމެއް ނޫންކަމަށެވެ.
"މިހާލަތަކީ އަނެއްކާވެސް ބަދަލުވެދާނެ ހާލަތެއް، ބަދަލުވެއްޖެއްޔާ ހާލަތުވަޒަންކޮށްފައި އެސެކިއުރިޓީ ސަރުކާރުން އަނބުރާ ގެންދިޔުމަކީ ނެތްކަމެއް ނޫން،" ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މެންބަރުންގެ ސަލާމަތީކަންކަން ވަރުގަދަކޮށްފައިވަނީ ސަރުކާރުން ނިންމެވި ނިންމެވުމެއްގެ ދަށުން ކަމަށެވެ. އަދި މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަބަދުވެސް ދިރާސާކޮށް ބަލަމުންގެންދާ ކަންތައްތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ސެކިއުރިޓީ ކަންކަން އަބްދުވެސް ވަޒަންކުރަމުންދަނީ. މިވަގުތުގައި ވަޒަންކޮށްފައި ސަރުކާރުން ނިންމީ އެބޭފުޅުންނަށް މިވަގުތު ސެކިއުރިޓީ ދިނުމަށް،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވާއިރު މީގެކުރިން މެންބަރުންނަށް ތަކުރާރުކޮށް މަރުގެ އިންޒާރުގެ މެސެޖުތައް ފޮނުވާފައިވެއެވެ.
މީގެއިތުރުން މުޖްތަމައުއަށް ނުރައްކާތެރި ދެ ގައިދީއަކު ޖަލުން ފިލައި އެމީހުން މުޖްތަމައު ތެރެއަށް ނުކުމެފައިވެއެވެ. ނަމަވެސް އިއްޔެވަނީ އޭގެތެރެއިން އެކަކު ހައްޔަރުކޮށްފައެވެ.
ގާނޫނު އަސާސީގެ 105 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރަންވާނެކަމަށެވެ.
މެންބަރުންގެ ސެކިއުރިޓީ އަނބުރާ ގެންދިޔުމަކީ އެކަށީގެންވާކަމެއް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ