ޖޭޕީ މިއޮތީ ރާއްޖޭގައި ވެރިން ވެރިކަން ކުރާގޮތް ފެނި ހޮޑުލަވާފައި: ގާސިމް

ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ އޮތީ ރާއްޖޭގެ ވެރިކަމަށް އަންނަ ވެރިން ވެރިކަން ކުރާގޮތް ފެނި ހޮޑުލަވާފައި ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް މިހެން ވިދާޅުވީ، އަންނަ މަހުގެ 9ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް މިހާރު ނ. އަތޮޅަަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ އަތޮޅު މަނަދޫގައި މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.
ތަފްސީލް - މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން މިހާރުގެ ސަރުކާރާ ހަމަޔަށް ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުން ވެރިކަން ކުރެއްވި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ހުރިހާ ވެރިކަންތަކެއްގައި އެންމެ ބޮޑު ނިކަމެތިކަމަކާއި އަނިޔާއެއް ލިބުނު މީހަކީ އޭނާ ކަމަށް ވިދާޅުވި އެވެ.
އެހެންނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެސް ގެނެސްދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ޖޭޕީން ކަމަށް ގާސިމް ވިދާޅުވި އެވެ. 
"އަޅުގަނޑުމެން މިތިބީ ވެރިކަމަށް އަންނަ ވެރިން ވެރިކަން ކުރަމުން ގެންދާ ގޮތް ފެނި ހޮޑުލަވާފައި. ވަަރަށް ހަޑި ހުތުރު، ވަރަށް ނިކަމެތިކޮށް އެކަން އެކުރަނީ،" އެމްޑީޕީ އަށް ދެ ފަހަރު އަދި ޕީޕީއެމްއަށް އެއްފަހަރު ވެރިކަން ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަން ފާހަަގަކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
އެއަށް ފަހު ދެން ގާސިމް މިރޭ ވެސް ރައްޔިތުންގެ ކިބައިން އާދޭސް ކުރެއްވީ، ވެރިކަން ކުރުމުގެ ފުރުސަތު އެއްފަހަރު ނަމަވެސް އޭނާއަށް ދެއްވުމަށެވެ. ޕީޕީއެމް އާއި އެމްޑީޕީގެ ވެރިކަން މިހާރު ރައްޔިތުންނަށް އޮންނާނީ ޓެސްޓުކުރެވިފައި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ވަކި ޕާޓީއަކަށް ނުބެއްލެވުމަށް އެދިވަޑައިގަތެވެ.
"އެމްޑީޕީގެ މެމްބަރުން ވެސް، އަދި ޕީޕީއެމް މެމްބަރުން ވެސް ހަމަ އަސްލުގައި ވެސް ރަނގަޅަށް މިދަންނަވަނީ ހެޔޮނުވާނޭ ރަނގަޅަށް ވިސްނަވާވަޑައިގެންފައި އަޅުގަނޑަށް މިފަހަރު ވޯޓުދެއްވައިގެން ވެރިކަމަށް ގެނެސްދިނުން ކިހިނެއްހޭ ވާނީ؟ އަޅެ މިހައްގެއް ނެތްތަ އަޅުގަނޑަށް މިވާހަކަ ދަންނަވާކަށް." ގާސިމް ވިދާޅުވި އެވެ.
ގާސިމް މިރޭ ވިދާޅުވީ މީގެ ކުރީން އިންތިހާބުތަކުގައި ކުރިމަތިލެއްވުމުން ވެސް ނާކާމިޔާބު ވީމާ، ޖޭޕީން ތިބީ ގޭގައި ކަމަށާއި ދެވަނަ ބުރެއްގައި އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އެދި އެމްޑީޕީ އަދި ޕީޕީއެމް އިން އާދޭސް ކުރަން އައީ އަމިއްލައަށް ކަމަށެވެ. 
އިތުރަށް ކިޔާލަން - ގާސިމް އާދޭސްކުރެއްވީ އެއްފަހަރު ނަމަވެސް އޭނާ ޓެސްޓްކޮށްލަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ