ކުރިއަށްއޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ވީނިއުސްއާ ހިއްސާކުރަމުން މެޓް އޮފީހުން ބުނީ ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
ދެކުނާއި މެދު ރާއްޖެތެރޭގައި ވައިގެ މިސްރާބު ހުންނާނީ އިރުދެކުނާއި ދެކުނުން އާއްމުގޮތެއްގައި 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. އަދި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގާތްގަޑަކަށް ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކުރެއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި މަޑުވިނަމަވެސް ވިލާގަނޑުގައި ގަދަވުން އެކަށީގެންވާކަމަށެވެ.
ދެކުނާއި މެދު ރާއްޖެތެރޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނެކަމަށް މެޓް އޮޮފީހުން ލަފާކުރަނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައެވެ. އަދި އުތުރު އަތޮޅުތަކަށް ނިސްބަތްވާ ކަނޑުތަކުގައި 2 ފޫޓާއި 5 ފޫޓާ ދެމެދު ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކުރެވޭކަމަށް މެޓު އޮފީހުން މައުލޫމާތުދެއެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުން ރާއްޖޭގެ އެއްވެސް ހިސާބަކަށް އުދައަރާނެކަމަށް ލަފާނުކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭއިރު މޫސުން އަލިވާންފަށާނީ ބުދަ ދުވަހުން ފެށިގެންކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ