ވަރަށް އަވަހަށް ގޮތެއް ނިންމާނަން، އިންތިހާބު ކާމިޔާބު ކުރާނީ ގާސިމް ތާއީދުކުރާ ކެންޑިޑޭޓެއް: އިލްހާމް

ވަގުތާއި ހާލަތުގެ ގޮތުން ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ކުރިއަށްދާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެކަން ހާމަ ކޮށް، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ވޯޓް ދެއްވި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަން،" ކަމަށެވެ.
މި އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން، އިންތިހާބުގެ ދެވަނަ ބުރަށް ހޮވުނު ދެ ކެންޑިޑޭޓުން ކަމަށްވާ އިދިކޮޅު ޕީއެންސީގެ ކެނޑީޑޭޓް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްވެސް އިލްހާމް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
އެއަށްފަހު އިލްހާމް ވިދާޅުވީ، މި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ގާސިމް އިބްރާހީމް ތާއީދު ކުރައްވާ ކެންޑިޑޭޓެއް ކަމަށެވެ. އަދި ވަގުތާއި ހާލަތުގެ ގޮތުން ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް ބަލައި ވަރަށް އަވަހަށް ގާސިމްގެ ނިންމެވުން ނިންމަވާނެ ކަމަށާއި އެކަން ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެެ.
ޖޭޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ނިމިގެންދިޔަ އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ގައުމުގެ އިސްލާހަށާއި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތި ކަމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމި ތިބޭނެ ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުމާއި ސަލާމަތާއި އިގުތިސޯދީ ދުޅަހެޔޮ ކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ދެމި އޮންނާނޭ ކަމަށެވެ.
މިވަގުތު ގައުމުގެ މަސްލަހަތަށްޓަކައި އިންތިހާބުގެ ދެވަނަ ބުރާ ދޭތެރޭ އެ ޕާޓީން ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށްވެސް ޖޭޕީން ބުންޏެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ގާސިމަށް ލިބިވަޑައިގަތީ 5،460 ވޯޓެވެ. އެއީ 2.47 ޕަސެންޓެވެ. މިއީ ގާސިމް އިންތިހާބަށް ކުރިމަތިލެއްވި ތިން ފަހަރުގެ ތެރެއިންވެސް އެންމެ ކުޑަ އަދަދެއްގެ ވޯޓް ލިބުނު ފަހަރެވެ. 2008 ގައި ގާސިމަށް 25،000 އަށްވުރެ މަތިން ވޯޓް ލިބިފައިވާ އިރު 2013 ގައި ގާސިމަށް ވަނީ 48,000 އަށްވުރެ ގިނަ ވޯޓް ލިބިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ