އެއް އަހަރު ދުވަހުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ކަސްޓަމަރުން ގާތު ތަފާތު ތިން ވާހަކައެއް ބުނެފިއެވެ. ޖުލައި 2025 ގައި، އޮންލައިންކޮށް ވިޔަފާރިކުރާ ބައެއް ޕްލެޓްފޯމުތަކުން ދިވެހި ރުފިޔާގެ ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ފެށިއެވެ. މެއި 2، 2026 ގައި ބޭންކުން މި ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމުގެ ގޮތުން ފާހަގަކޮށްލެވޭ އޮންލައިން ވިޔަފާރިކުރާ ސައިޓްތަކުން ބޭރު ފައިސާ ބޭނުންކުރެވޭނެ ދުވަހުން ދުވަހުގެ ލިމިޓެއް ކަނޑައެޅުމާއި، ކޮންމެ ކަސްޓަމަރަކަށް މަހަކު ކުރެވޭނެ އޮންލައިން މުޢާމަލާތުގެ އަދަދު 30 އަށް ހިފަހައްޓައި، ކާޑު ބޭނުންކުރުމާއި ޓީޓީއިން ފައިސާ ފޮނުވުމުގައި ކުރިން އޮތް ހަމަތަކަށް ބަދަލުތަކެއް ގެނެވުނެވެ.
މީގެ ތެރެއިން ގިނަ އޮންލައިން ކާޑު ޕޭމަންޓްތައް، ބޭންކުން ކުރިން ގޮތް ކަނޑައެޅިކަމަށް ބަޔާންނުކުރާ ސައިޓްތަކުގައިވެސް ފެއިލްވަމުންދިޔައިރު، ވިޔަފާރިތަކުން ބޭރުން ގަންނަ މުދަލަށް ބޭންކް މެދުވެރިކޮށް ފޮނުވަމުންދިޔަ ޓީޓީ އެ ފައިސާ ޓްރާންސްފަރ ވާންޖެހޭ ސަޕްލަޔަރުންގެ ބޭންކް އެކައުންޓަށް ލިބުމުގައި 6 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވާކަން ގިނަ ވިޔަފާރިވެރިންނަށް އިހުސާސްކުރެވެމުންދިޔައެވެ. އެއަށްފަހު، ޖޫން 30، 2026 ގައި، "ޔޫއެސް ޑޮލަރު އިންވެސްޓްމަންޓް" އެއްގެ ނަމުގައި ކަސްޓަމަރުންގެ ބޭރު ފައިސާ ބީއެމްއެލްގައި ބެހެއްޓުމުން، 25 ޕަސެންޓާ ހަމައަށް ފައިދާއެއް (ޔީލްޑް) ލިބޭނެ ކަމަށް ބުނެ ފުރުސަތެއް ހުޅުވާލިއެވެ. މި އިންތިޒާމާއެކު ތިޔަބޭފުޅުންނާ އެ ކުރިމަތިކުރުވަނީ ވަރަށް ބޮޑު ސުވާލެކެވެ: ރާއްޖޭގެ އެންމެ ބޮޑު ބޭންކަށް، އާންމުންގެ އަތުން މިގޮތަށް ޑޮލަރު ހޯދަން މިޖެހުނީ ކީއްވެގެން ހެއްޔެވެ؟
Yes Maldives Pvt Ltd
MGH Group of Companies
Enterprise Development Industrial Pvt Ltd
MGH Group of Companies
Zetta Enterprises Pvt Ltd
ބީއެމްއެލް އަކީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭގޮތަށް ސަރުކާރުގެ 66.30 ޕަސެންޓު މެޖޯރިޓީ ހިއްސާ އޮންނަ ބޭންކެކެވެ. ބީއެމްއެލް ރެގިއުލޭޓްކޮށް، މާލީ ހަމަޖެހުން ދެމެހެއްޓުމާއި ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓް ބެލެހެއްޓުމުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާ އޮންނަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކަމަށްވާތީ، އެ އޮތޯރިޓީއަށް އެނގުމެއްނެތި މިފަދަ ބޭންކިން ހަރަކާތެއް ތަޢާރުފުކުރެވޭނެ ގޮތެއް ނޯންނާނެއެވެ. ކަންމިހެން ހުރިއިރު، ބީއެމްއެލް ނުވަތަ އެމްއެމްއޭ އިން ވެސް މިކަމާ ބެހޭ ގޮތުން ކުރިން އެއްވެސް އާންމު އިއުލާނެއް ކޮށްފައި ނެތުމަކީ މިކަމުގެ ސީރިއަސްކަން ހާމަކޮށްދޭ ކަމެކެވެ.
ބީއެމްއެލްއިން މިހާތަނަށް ޢާއްމުކޮށްފައިވާ މާލީ ހިސާބުތަކާއި، ދައުލަތުގެ އެކި އިދާރާތަކުގެ އޮޑިޓް ރިޕޯޓުތަކާއި އެހެނިހެން ހިސާބުތައް އެއްހަމައަކުން ބަލާލަމުން ހެކީގެ މައްޗަށް ބިނާވާ ދައުލަތުގެ މާލީ ތަސުއްވުރެއް އެކުލަވާލެވެއެވެ. އާދެ! ބޭންކިންގ ދާއިރާގެ ތެރެއިން ސަރުކާރުން ދަނީ ބޮޑެތި އަދަދުތަކުން ދަރަނި ނަގަމުންކަން ފާޅުވާއިރު، ބީއެމްއެލް އަކީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކަށް އެންމެ ގިނައިން އެތެރޭގެ ދަރަނި ދޫކޮށްފައިވާ ފަރާތްކަން ހާމަވެއެވެ.
އަދި ސަރުކާރުން ސީދާގޮތުގައި ބީއެމްއެލް އާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ބޭންކުތަކުން ދަރަނި ނެގިކަން ދައުލަތާއި އެ ބޭންކުތަކުގެ ހިސާބުތަކުން ފާޅުނުވާނެގޮތެއް ހެދުމުގެ ނިޔަތުގައި، ސަރުކާރުގެ ކުންފުނިތަކުގެ ނަމުގައި ބޭންކުން ދަރަނި ނެގުމަށްފަހު ހަމަ އެ ދަރަނި ޓީ-ބިލްސް އާއި ބޮންޑުގެ ގޮތުގައި ސަރުކާރަށް ފޯރުކޮށްދީފައިވާކަންވެސް ސާބިތުވެއެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާގެ ހާލަތު ވަޒަންކުރުމަށްފަހު، 2023 ވަނަ އަހަރުގެ ފަހުން އައިއެމްއެފް އާއި ވޯލްޑް ބޭންކުން ތަކުރާރުކޮށް އިންޒާރު ދެމުންދިޔަ "ސޮވެރިން-ބޭންކް ނެކްސަސް" (ދައުލަތާއި ބޭންކާ ދެމެދު އޮންނަ ނުރައްކާތެރި ގުޅުން) ދޭހަކޮށްދޭ ހަގީގަތެކެވެ.
ބީއެމްއެލްއިން އާއްމުކޮށްފައިވާ މާލީ މައުލޫމާތަށް ބަލާއިރު، 2025 ވަނަ އަހަރުގެ ތެރޭގައި އެ ބޭންކުން ގަނެފައިވާ ދައުލަތުގެ ސެކިއުރިޓީޒްގެ އަދަދު އެ އަހަރުގެ ތެރޭގައި 13.3 ބިލިއަން ރުފިޔާއިން 19.4 ބިލިއަން ރުފިޔާއަށް (46 ޕަސެންޓު) އިތުރުވެފައި ވެއެވެ. އެހެންކަމުން، ބޭންކުގެ މުޅި ބެލެންސް ޝީޓްގެ 35 ޕަސެންޓު ހިއްސާކުރަނީ ދައުލަތުގެ ދަރަނި (ސެކިއުރިޓީޒް ނުވަތަ ބޮންޑާއި ޓީ-ބިލް) ތަކުންނެވެ.
އަދި ބީއެމްއެލްގެ ހިސާބުގައި ޖަހައިގެން ސަރުކާރުން ޔޫއެސް ޑޮލަރުގެ ގޮތުގައި ނަގާފައިވާ ސެކިއުރިޓީޒްގެ މިންވަރު 2025 ވަނަ އަހަރުގެ ތެރޭގައި 914 މިލިއަން ރުފިޔާއިން 3.7 ބިލިޔަން ރުފިޔާއަށް މަތިވެގެން ދިޔައެވެ. 2024 ވަނަ އަހަރު ނިމުނުއިރު ޔޫއެސް ޑޮލަރުން ސަރުކާރަށް ދޫކުރި ސެކިއުރިޓީޒްއަކީ ޖުމްލަ ޑޮލަރު އެސެޓްގެ 6 ޕަސެންޓު ކަމަށްވީއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް މިއަދަދު ވަނީ 20.5 ޕަސެންޓަށް މައްޗަށް ގޮސްފައެވެ. މާނައަކީ، ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑޮލަރު ޑިޕޮސިޓްތަކުން ބޭންކުގައި ހުންނަންޖެހޭ ކޮންމެ ފަސް ޑޮލަރަކުން އެއް ޑޮލަރު މިވަނީ ޑޮލަރުން އަގުކުރެވޭ މާލީ ވަސީލަތްތަކުގެ ގޮތުގައި ސަރުކާރަށް ދަރަންޏަށް ދޫކޮށްފައިކަމެވެ.
ނަތީޖާއަކީ، ބޭންކުގައި ޑޮލަރު އެސެޓްގެ ގޮތުގައި 17.9 ބިލިޔަން ރުފިޔާ ހުރިއިރު، ޑޮލަރުގެ ލައިބިލިޓީޒް (އަދާކުރަންޖެހޭ އިލްތިޒާމް) 18.2 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވުމެވެ. މާނައަކީ، ބޭންކުގައި ހުރި ޑޮލަރަށްވުރެ ބޮޑު އަދަދެއް ބޭންކުން (މައިގަނޑު ގޮތެއްގައި އަމިއްލަ ޑިޕޮސިޓަރުންނަށް) ދައްކަންޖެހެއެވެ. 2025 ވަނަ އަހަރު ނިމުނުއިރު، ކަސްޓަމަރުން ކާޑު ލިމިޓްތަކުގެ ސަބަބުން ކިއޫގައި ތިބިއިރު، ބޭންކުން ދައުލަތަށް ދޫކުރި ޑޮލަރުގެ މިންވަރު މިވަނީ ހަތަރުގުނަ އިތުރުވެފައެވެ. އަދި ބޭންކުގެ ޔޫއެސް ޑޮލަރު ދޫކުރުމުގެ ޤާބިލުކަން (ލިކުއިޑިޓީ ކަވަރޭޖް ރޭޝިއޯ) ވަނީ 160 ޕަސެންޓުން 131 ޕަސެންޓަށް ވެއްޓިފައެވެ.
މި ހިސާބުތަކަށް ބަލާއިރު، ބީއެމްއެލް އިން ސަރުކާރަށް ދޫކޮށްފައިހުރި ފައިސާގެ (އެމްއެމްއޭ ގައި ބަހައްޓާ ޑިޕޮސިޓާއެކު) ޖުމްލަ 25.1 ބިލިޔަން ރުފިޔާއަށް އަރައެވެ. މީގެ ސަބަބުން ބޭންކަށް ކުރިމަތިވެފައިވާ މާލީ ފިތުން މި ހިސާބުތަކުން އިތުރަށް ފެންނަން އެބައޮތެވެ: 2025 ވަނަ އަހަރު ބީއެމްއެލްއަށް ރެކޯޑް ފައިދާއެއް ލިބުނުކަމަށް ހިސާބުތަކުން ދެއްކި ނަމަވެސް، ނަގުދު ފައިސާ އާއި ފައިސާއަށް ބަދަލުކުރެވޭގޮތަށް ހުރި ޒިންމާ (ކޭޝް އެންޑް ކޭޝް އިކުއިވެލަންޓްސް) ވަނީ 63 ޕަސެންޓު ދަށަށް ގޮސްފައެވެ.
މައިގަނޑު ރޭޓިންއެއްގެ ގޮތުގައި ދައްކާ 48.1 ޕަސެންޓުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ (ބޭންކުގެ އެވަގުތުގެ ރައުސުލްމާލުން އެ ބޭންކެއްގެ މާލީ ހިރާސްތަކަށް ބިނާވާ މުދަލުގެ އިންސައްތައެއް) އަކީ އެކަށީގެންވާ މިންވަރެއްކަމަށް ހީވި ނަމަވެސް، ރާއްޖޭގެ މާލީ ގަވާއިދުތައް ހުރިގޮތުން ދައުލަތުގެ ސެކިއުރިޓީޒްތަކަކީ (ބޭރު ފައިސާއިން ހުންނަ ބައިވެސް ހިމެނޭގޮތަށް) އެއްވެސް ނުރައްކަލެއްނެތް ދަރަނި (ޒީރޯ ރިސްކް-ވެއިޓް) ކަމަށް ބެލުމުގެ ފުރުސަތު ލިބޭތީ، ސަރުކާރަށް (ސަރުކާރުގެ ކުންފުނިތައް ނުހިމަނާ) ދޫކޮށްފައިވާ ދަރަނީގެ އިލްތިޒާމްތަކާއި އަޅުވައި ބޭންކުން އެއްވެސް ގަރަންޓީއެއް ކެޕިޓަލްއެއް (ރައްކާތެރިކަމުގެ ފަންޑެއް) ހިފަހައްޓާފައެއް ނުވާނެއެވެ.
ބީއެމްއެލްއިން ސަރުކާރަށް ސީދާކޮށް ހުށަހެޅިފައިވާ (ޑައިރެކްޓް އެކްސްޕޯޝަރ) މިންވަރަކީ އެ ބޭންކުގެ މާލިއްޔަތު (ބެލެންސް ޝީޓް) ގެ 44.9 ޕަސެންޓު ކަމަށްވާއިރު، ދައުލަތުގެ ދަރަންޏާއި ބޭންކުތަކާއި އިތުރަށް ގުޅިފައިވާ މިންވަރު ހާމަވެގެން އަންނަނީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އޮޑިޓްކުރި މަދު ކުންފުނިތަކުގެ މާލީ ހިސާބުތަކުން ފާހަގަކުރެވިގެން އައި ދަރަނި ލިސްޓްތަކުންނެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 2025 ވަނަ އަހަރުގެ މާލީ ހިސާބުން އެނގޭގޮތުން އެ އަހަރުގެ ތެރޭގައި ބީއެމްއެލްއިން ނަގާފައިވާ ދަރަނި 70.5 މިލިޔަން ރުފިޔާއިން 1.08 ބިލިޔަން ރުފިޔާއަށް 15 ގުނަ އިތުރުވެފައިވެއެވެ. މީގެތެރެއިން އެ އަހަރުގެ ތެރޭގައި އަލަށްނެގި އެންމެ ބޮޑު ފެސިލިޓީއަކީ 6 ޕަސެންޓު އިންޓަރެސްޓްގައި 2028 ގައި މުއްދަތު ހަމަވާގޮތަށް ސަރުކާރުގެ ޓީ-ބިލް އާއި މަތިކޮށް ނަގާފައިވާ 800 މިލިޔަން ރުފިޔާގެ ލޯނެކެވެ. އެ އަހަރުގެ ނިޔަލަށް ސަރުކާރަށް ވިއްކާފައިވާ 846.8 މިލިޔަން ރުފިޔާގެ ޓީ-ބިލް ވަނީ ބީއެމްއެލްގައި ރަހުނު ކޮށްފައެވެ. އަދި ސެކިޔުރިޓީޒްގެ ގޮތުގައި 478.2 މިލިޔަން ރުފިޔާގެ މާލީ އިންވެސްޓްމަންޓްތައް ވަނީ ބީއެމްއެލްއަށް ގަރަންޓީގެ ގޮތުގައި ދީފައެވެ.
މި މުއާމަލާތް ހިނގާގޮތަކީ، އެސްޓީއޯއިން ސަރުކާރުގެ ބޮންޑު/ޓީ-ބިލް ނަގާ، އެ ބޮންޑު/ޓީ-ބިލް ބީއެމްއެލްގައި ރަހުނުކުރުމުން، އެމިންވަރަށް ބަލައި ބީއެމްއެލްއިން އެސްޓީއޯއަށް ފައިސާ ދޫކުރަނީއެވެ. އާޙިރުގައި އެސްޓީއޯއިން ސަރުކާރުގެ ޓީ-ބިލް ދަރަނީގައި އިންވެސްޓް މިކުރަނީ، ބީއެމްއެލްއިން ލޯނަށް ފައިސާނެގުމަށްފަހު މެދުވެރިއެއްގެ ގޮތުގައެވެ.
އެސްޓީއޯގެ ހިސާބުތަކުގައި ޖަހައިގެން ބީއެމްއެލްއިން ދަރަނިނަގާ ސަރުކާރަށް ދިނުމުގެ އިތުރަށް އެ ކުންފުނިން ރާއްޖެއިން ބޭރުގެ މާލީ މަރުކަޒުތަކުން ޔޫއެސް ޑޮލަރުން ދަރަނިނެގުމަށްފަހު ސަރުކާރަށް ދަރަނި ދޫކުރާކަންވެސް މާލީ ހިސާބުން ސާބިތުވެއެވެ. 2027 ވަނަ އަހަރު މުއްދަތު ހަމަވާގޮތަށް ދައުލަތުގެ ސަވަރިން ގަރަންޓީގެ ދަށުން ކާގިލްސް ފައިނޭންޝަލް ސަރވިސަސް އިންޓަރނޭޝަނަލް (ސީއެފްއައިޓީ) އިން ބޭރުފައިސާއިން ނަގާފައިވާ (50 މިލިޔަން ޔޫއެސް ޑޮލަރު) 771 މިލިޔަން ރުފިޔާގެ ދަރަނި އެކުންފުނިން ދަރަނިނެގި މިންވަރަށް އެ އިންޓަރެސްޓް ރޭޓަށް ދިވެހި ސަރުކާރުގެ ޓީ-ބިލްގެ ގޮތުގައި އިންވެސްޓްކޮށްފައިވާކަން މާލީ ހިސާބުން ކަށަވަރުވެއެވެ.
މީގެއިތުރަށް، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ހިސާބުތަކުން ސަރުކާރަށް ދަރަނިނެގިގޮތް ތަފާތެވެ. އެ ކުންފުނީގެ 2023 ވަނަ އަހަރުގެ މާލީ ހިސާބުން އެނގޭގޮތުން، ސެކިޔުރިޓީގެ ގޮތުގައި ހުޅުލޭގެ ކުލީގެ ހައްޤުތައް ރަހުނުކޮށްގެން ބީއެމްއެލް އިން 6 ޑިމާންޑް ލޯން ނަގާފައިވާއިރު، އެ އަހަރުގެ ޑިސެމްބަރ މަހު ބީއެމްއެލްއިން 50 މިލިޔަން ޔޫއެސް ޑޮލަރު ދަރަންޏަށް ނެގުމަށްފަހު، އެ އަދަދަށް (މާލީ ރިޕޯޓު 2023 ގައި 771 މިލިޔަން ދިވެހި ރުފިޔާ) ޓްރެޝަރީ ބޮންޑުގެ ގޮތުގައި ސަރުކާރުގައި އިންވެސްޓްކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރުގެ މާލީ ހިސާބުން އެނގޭގޮތުން، އެ އަހަރުގެ ތެރޭގައި ބީއެމްއެލްއިން 30 މިލިޔަން ޑޮލަރު ލޯންގެ ގޮތުގައި ނެގުމަށްފަހު، ހަމަ އެ އަދަދަށް ސަރުކާރުގެ ޓްރެޝަރީ ބޮންޑުގެ ގޮތުގައި އިންވެސްޓްކޮށްފައިވެއެވެ.
މި ހިސާބުތަކަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން 2024 ވަނަ އަހަރުގެ ނިޔަލަށް އޮޑިޓްކޮށް ނިމިފައިވާ މަދު ކުންފުނިތަކުން ބޭންކު އޮފް މޯލްޑިވްސްއިން ދަރަނިނަގައިގެން ސަރުކާރަށް ދަރަނި ރައްދުކޮށްދޭކަން ސާބިތުވާ ހެކިތަކެއްކަމަށް ވީއިރު، ސަރުކާރުގެ އެތައް ކުންފުންޏަކުންވަނީ ބޭންކް އޮފް މޯލްޑިވްސްއާއި ރާއްޖޭގެ އެހެނިހެން ބޭންކްތަކުން އެތައް ސަތޭކަ މިލިޔަން ރުފިޔާގެ ދަރަނި ނަގާފައިކަމާއި، 1.4 ބިލިޔަން ރުފިޔާއަށްވުރެ މަތީއަގުގެ މުދަލާއި ވަސީލަތް ބޭންކްތަކުގައި ރަހުނުގެ ގޮތުގައި ބަހައްޓާފައި ހުރިކަން އެ ކުންފުނިތަކުގެ މާލީ ހިސާބުތަކުން ފެންނަން އެބަހުއްޓެވެ.
ބައިނަލްއަޤްވާމީ އިދާރާތަކުގެ މުތާލިޢާ ރިޕޯޓުތައް ކިޔާ ދިރާސާކުރާ ފަރާތްތަކަށް މިއީ ހައިރާންވާންޖެހޭނެ ކަމެއް ނޫނެވެ. 2024 މާރިޗު މަހުގެ އައިއެމްއެފް އަދި ވޯލްޑް ބޭންކު ގުޅިގެން އެކުލަވާލި ފައިނޭންޝަލް ސެކްޓަރ އެސެސްމަންޓް ޕްރޮގްރާމްގެ ރިޕޯޓުން ދައްކާގޮތުގައި، 2023 ވަނަ އަހަރާ ހަމައަށް އައިއިރު ވިޔަފާރި ބޭންކުތަކުން މަރުކަޒީ ސަރުކާރަށް ދޫކޮށްފައިވާ ފައިސާގެ މިންވަރު ވަނީ ބޭންކިން އެސެޓްސްގެ 30.4 ޕަސެންޓަށް އަރާފައެވެ. އަދި ދައުލަތުގެ އެތެރޭގެ ޖުމްލަ ދަރަނީގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހިފަހައްޓައިގެން ތިބީ ބޭންކުތަކުންނެވެ.
މިކަމަށް މަގުފަހިކޮށްދޭ ހަމައަކީ "ޒީރޯ ރިސްކް-ވެއިޓް" (ސަރުކާރުގެ ދަރަންޏަކީ ނުރައްކަލެއް ނެތް އެއްޗެއްގެ ގޮތުގައި ބެލުން) ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި އިޤްތިޞާދީ ގޮތުން ބޮޑު ލޮޅުމެއް އަރާ ހާލަތެއްގައި، މުޅި ބޭންކިން ނިޒާމުގެ ކެޕިޓަލް އެޑިކުއެސީ 14.8 ޕަސެންޓޭޖް ޕޮއިންޓް ދަށަށް ގޮސް، ތިން ބޭންކެއްގެ ރައުސްމާލު ހުސްވުމުގެ (އަންޑަ-ކެޕިޓަލައިޒްޑް ވުމުގެ) ބިރު އޮތްކަމަށެވެ. މީގެ ސަބަބުން އެހެން މީހުންނަށް ކުރާ އަސަރުވެސް ވަނީ ފާހަގކޮށްފައެވެ.
އެއީ، މަތީ-މެދު ފަންތީގެ އާމްދަނީ ލިބޭ އެހެން ގައުމުތަކުގައި އަމިއްލަ ދާއިރާއަށް ދޫކުރާ ލޯނުގެ ނިސްބަތް ޤައުމީ އުފެއްދުންތެރި ކަމުގެ ނިސްބަތް (ޖީ.ޑީ.ޕީ) ގެ 145.8 ޕަސެންޓުގައި އެވްރެޖްކޮށް ހުންނައިރު، ރާއްޖޭގައި ހުރީ އެންމެ 31.1 ޕަސެންޓުގައެވެ. ސަބަބަކީ ވިޔަފާރިތަކަށް ލޯނު ދޫކުރުމުގެ ބަދަލުގައި، "ނުރައްކަލެއް ނެތް" ސަރުކާރުގެ ބޮންޑާއި ޓީ-ބިލް ގަންނަން ބޭންކުތަކުން އިސްކަންދޭތީއެވެ.
އައި.އެމ.އެފް ގެ 2023 ގެ ފައިނޭންޝަލް ސިސްޓަމް ސްޓެބިލިޓީ އެސެސްމެންޓްގައި މިކަން ވަރަށް ސާފުކޮށް ބުނެފައިވެއެވެ: ނިޒާމީ ނުރައްކާތައް (ސިސްޓަމެޓިކް ރިސްކް) އުފެދެނީ މައިގަނޑު ގޮތެއްގައި، ސަރުކާރާއި ބޭންކުތަކާ ދެމެދު އޮތް ގުޅުން ބޮޑުވުމުގެ (ސޮވެރިން-ބޭންކް ނެކްސަސް) ސަބަބުންނާއި، ޑޮލަރަށް ބަރޯސާވާ މިންވަރު މަތިވުމުންނާއި، އަދި ބޭރު ފައިސާގެ ތާށިކަމުގެ ސަބަބުންނެވެ.
ބީ.އެމް.އެލް ގެ ހިސާބުތަކުން ކަށަވަރުކޮށްދޭ ހަގީގަތަކީ، 2023 އަދި 2024 ގައި އައި.އެމް.އެފް އާއި ވޯލްޑް ބޭންކުން ބަޔާންކުރި ހާލަތު ރަނގަޅުކޮށްފައި ނުވާ ކަމާއި، މިހާރު ކުރިޔަށްވުރެ ގޯސްކަމެވެ. އޭރު މުޅި ބޭންކިން ނިޒާމުގެ އެސެޓްސްގެ 30.4 ޕަސެންޓުގައި ހުރި ސަރުކާރުގެ ދަރަނި މިހާރު މިވަނީ ބީ.އެމް.އެލް ގެ ބެލެންސް ޝީޓުގެ 44.9 ޕަސެންޓަށް އަރާފައެވެ. އަދި ޖޫން 2026 ގައި އައި.އެމް.އެފް ގެ އާޓިކަލް IV މިޝަން ރާއްޖެއަށް އައިއިރު، އެ ހާލަތު އެވަނީ މާ ގޯސްވެފައެވެ.
ބޭންކިން ނިޒާމުގެ ތެރެއިން އާންމުންނަށް ކުރިމަތިވި ބޭރުފައިސާގެ ހުރަސްތަކާއި، ވިޔަފާރިވެރިންގެ ޓީޓީ އިން ބޭރަށްފޮނުވާ ފައިސާ ލަސްވަމުންދިޔުމުގެ ސަބަބުތައް ވަރަށް ސާފެވެ. ޤަބޫލުކުރަންޖެހޭ އިއްތިފާޤަކީ، ބޭރުފައިސާގެ އަގު ކަޅުބާޒާރުގައި ބާރަށް އުފުލެމުންދާ ވަގުތާއި ސަރުކާރުން (2 އޭޕްރީލް 2026 ގައި) 524.68 މިލިއަން ޔޫ.އެސް ޑޮލަރުގެ ސުކޫކް ދައްކައި ޚަލާޞްކުރި މުއްދަތުގެ ފަހުން އިތުރުވަމުންދާ ހާލަތެއްކަމާއި، ބޭންކިން ނިޒާމުގައި ހުރި ޖުމްލަ ބޭރު ފައިސާގެ މާލީ މިލްކިއްޔާތު (އެސެޓްސް) މާރިޗު މަހުގެ ނިޔަލަށް 22.13 ބިލިއަން ރުފިޔާގައި ހުރުމަށްފަހު، އޭޕްރީލް މަހުގެ ނިޔަލަށް ވަނީ 12.90 ބިލިއަން ރުފިޔާއަށް ދަށަށް ގޮސްފައިކަމެވެ. މިއީ އެންމެ މަހެއްގެ ތެރޭގައި ގާތްގަނޑަކަށް 9.22 ބިލިއަން ރުފިޔާގެ މަދުވުމެކެވެ.
ހަމައެއާއެކު، ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކުން ހިފަހައްޓާފައި ހުރި ބޭރު ފައިސާގެ ބެލެންސް ވަނީ ގާތްގަނޑަކަށް 90 ޕަސެންޓު ދަށަށް ގޮސް، 5.79 ބިލިއަން ރުފިޔާއިން 576.6 މިލިއަން ރުފިޔާއަށް ވެއްޓިފައެވެ. އެމް.އެމ.އޭ ގެ ރިޒާވް ދައްކާ ގޮތުގައި ހަމައެކަނި 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރަސްމީ ރިޒާވް އެސެޓްސް ވަނީ 46 ޕަސެންޓު ދަށަށް ގޮސްފައެވެ.
ކަންކަން ހިނގައިދާ ތަރުތީބުން އެކަނިވެސް ހަގީގަތް ހާމަވެއެވެ. ދައުލަތުގެ ދަރަނި ދެއްކީ އޭޕްރީލް މަހުއެވެ. އާންމުންގެ ކާޑު ލިމިޓްތައް ކަނޑާލީ މޭ މަހުއެވެ. އަދި އާންމުންގެ އަތުގައި ހުރި ޑޮލަރު ހޯދަން އެދުނީ ޖޫން މަހުއެވެ. އެތައް ހާސް އޮންލައިން ވިޔަފާރިވެރިންނަކާއި ކަސްޓަމަރުންނަކަށް ކުރިމަތިވި މި ދަތިތަކަކީ ގުދުރަތީ ކާރިސާއެއް ނޫނެވެ. އެއީ ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކަށްފަހު، ބޭރުގެ ދަރަނި ދެއްކުމުގެ ބޭނުމަށް ބޭންކިންގ ނިޒާމުގައިހުރި ބޭރުފައިސާ ބޭނުންކުރުމުން، އެންމެ ފަހުން އާންމު ރައްޔިތުންގެ ޖީބުން، ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ އުފުލަން ޖެހުމުގެ ނަތީޖާއެވެ.
ބީއެމްއެލް އާއި ސަރުކާރުގެ ދަރަންޏާއި ގުޅިލާމެހިފައިވާ މިންވަރުން، އެ ބޭންކުގެ މާލީ ހާލަތާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ މައިގަނޑު ޝަކުވާ އޮންނަންވީ އެ ބޭންކަކަށް ނޫނެވެ. މި ހާލަތަކީ މުޅި ދައުލަތުގެ ދަރަނި މެނޭޖްކުރުމުގައި، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށްގެން ބޭރު ފައިސާ ހޯދުމުގެ ބަދަލުގައި، ރާއްޖޭގެ އެތެރޭގައި ހުރި ބޭރު ފައިސާ ދަރަނި ދެއްކުމަށް ބޭރުކުރުމުގެ ނަތީޖާއެވެ.
މި ހާލަތު ރަނގަޅުކުރެވޭނީ، ސަރުކާރުގެ އިސްވެރިންނާއި، ދައުލަތުގެ މާލީ މާހިރުންގެ ބުއްދިވެރި ނިންމުންތަކާއެކު، ރައްޔިތުންނަށް މާލީ ހާލަތު ތެދުވެރިކަމާއެކު ހާމަކޮށްގެން، އެންމެންގެ ބައިވެރިވުމާއެކު މި ހާލަތުން ސަލާމަތްވުމުގެ ވިސްނުން އިސްކުރި މިންވަރަކުންނެވެ. ކުރިއަށް އޮތީ މާލީގޮތުން ބުރަ ދުވަސްތަކެއް ކަމަށް ފެންނައިރު، ކުރިމަތީގައި އޮތް ތޫފާނެއްގެ ނުރައްކަލުގެ އަސަރު ކުޑަކުރެވޭނީ، ދުރާލާ ތައްޔާރުވި މިންވަރަކުންނެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.
ބީއެމްއެލްގެ މައްސަލައެއް ހެއްޔެވެ؟ ނުވަތަ ދައުލަތުގެ މައްސަލައެއް ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ