ހދ. އަތޮޅުން ހަދަން އުޅޭ ބޯޑުގެ މަސައްކަތް ހުއްޓާލަން އެލްޖީއޭން އަންގައިފި

ހދ. އަތޮޅުގެ ތަރައްގީއަށްޓަކައި އެ އަތޮޅު ކައުންސިލުތަކުން އުފައްދަން ނިންމާފައިވާ އަތޮޅު ބޯޑުގެ މަސައްކަތް ހުއްޓާލަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ން އަންގައިފި އެވެ.އެލްޖީއޭ އިން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ އަތޮޅު ކައުންސިލްތައް އުވާލައި އެ އިދާރާތަކުގެ މަސްއޫލިއްޔަތުތައް އެލްޖީއޭއާ ހަވާލުކޮށްފައިވާއިރު މުޅި އިދާރީ ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެ އޮތޯރިޓީ މަސްއޫލިއްޔަތެއް ކަމަށެވެ.  "ވީމާ ތިޔަ ކައުންސިލާއި ހދ. އަތޮޅު އެންމެހާ ކައުންސިލްތައް އެކުލެވިގެން އެކުލަވާލުމަށް ނިންމާފައިވާ ބޯޑުގެ ކަންކަން ކުރިއަށް ނުގެންގޮސް، މިފަދަ ބޯޑެއް އެކުލަވާލުމަށް ތިޔަ ކައުންސިލާއި ހދ. އަތޮޅު އެންމެހާ ކައުންސިލްތައް ނިންމާފައިވާ ނިންމުމަށް ވާސިލުވުމަށް ކަނޑައެޅި ގާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް ދަންނަވަމެވެ،" އެލްޖީއޭގެ ސިޓީގައިވެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފު ވަނީ، އެ އަތޮޅު ރަށްރަށުގެ ކައުންސިލް ރައީސުންނާ ބައްދަލުކުރައްވާފައެވެ.އެ ބައްދަލުވުމުގައި ހދ. އަތޮޅުގެ ތަރައްގީއާއި އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ބޯޑެއް އުފައްދެމަށާއި އެ ބޯޑުގެ މަގުސަދުތައް ކަނޑައަޅާ މަސައްކަތްކުރާނެ ގޮތުގެ އުސޫލެއް ހެދުމަށް ވަނީ ނިންމާފައެވެ.އެލްޖީއޭގެ ސިޓީއާ ގުޅިގެން މޭޔަރު އާތިފް ވިދާޅުވީ ބޯޑެއް އެކުލަވާލަން މަސައްކަތް ކުރަނީ އަތޮޅު ކައުންސިލުން ނުވަތަ އެލްޖީއޭ އިން ދޭ ހިދުމަތްތައް ދޭން ނޫން ކަމަށާއި އެއީ ރަށްތައް ގުޅިގެން އަތޮޅުގެ ތަރައްގީއަށް ކައުންސިލްތައް ގުޅިގެން ކުރެވޭނޭ މަސައްކަތްތައް ބަލައި، އެކަންކަމުން ނަތީޖާއެއް ހޯދުމަށް ފެށި މަސައްކަތެއް ކަމަށެވެ."މިކަން ހުއްޓާލުމަށް އެލްޖީއޭ އިން އަންގާއިރު އެލްޖީއޭ އިން ކައުންސިލްތަކުގެ ޕާފޯމެންސް ވަޒަންކުރުމުގައި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަަޅުއްވައި މާކުސް ދޭގޮތަށް އެބައޮވޭ، މި ސިޓީގައި މި ދަންނަވަނީ އެ ބޭފުޅުންގެ އަމިއްލަ އުސޫލުތަކާ ވެސް ހިލާފު ވާހަކަފުޅެއް،" މޭޔަރު ވިދާޅުވި އެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ