ސިވިލް ކޯޓުގެ ގާޒީ ކަމަށް 42 މީހަކު ކުރިމަތިލައިފި

ސިވިލް ކޯޓަށް ތިން ގާޒީއަކު ހޯދަން ހުޅުވާލި ފުރުސަތުގައި 42 މީހަކު ކުރިމަތިލައިފި އެވެ. 
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސިވިލް ކޯޓުގެ ގާޒީ ކަމުގެ ތިން މަގާމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ހުޅުވާލި ފުރުސަތު މި މަހުގެ ފުރަތަމަ ދުވަހަށް ވަނީ ހަމަވެފަ އެވެ. 
އެ މުއްދަތުގައި ގާޒީ ކަމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެގޮތުން އެ މަގާމަށް 42 މީހަކު ކުރިމަތިލާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 
މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަ ސިވިލް ކޯޓުގެ ގާޒީ ކަމަށް ހުޅުވާލިއިރު އެ މަގާމަށް މުސާރައިގެ ގޮތުގައި ލިބެނީ 37,700ރ. އެވެ. އަދި އެލެވަންސްގެ ގޮތުގައި 22،300ރ. އާއި މެޑިކަލް އިންޝުއަރެންސް ވެސް ލިބެ އެވެ. 
ގާޒީ ކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާނަމަ އެވެ.
ސިވިލް ކޯޓުގައި މި ވަގުތު ތިއްބެވީ 17 ގާޒީންނެވެ. 
ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލިއިރު، ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ވެސް ކުރިމަތިލާން ޖޭއެސްސީން އޮތީ ހުޅުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ