ގަވާއިދާ ހިލާފަށް ކުނި އުކާލުމުގެ މަސައްކަތް ކުރަމުންދިޔަ މޭސަންއަކާއި ފަހާ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކުނި ނަގައިގެން އުކާލުމުގެ މަސައްކަތުގައި އަމިއްލައަށް ހަރަކާތްތެރިވަމުން ދިޔަ ބަންގްލަދޭޝްގެ ދެ ރައްޔިތަކު ހައްޔަރުކޮށްފި އެވެ.
އިއްޔެ ހެނދުނު 8:45 އެހައިކަންހާއިރު ފުލުހުން ހައްޔަރުކުރީ އެމްޑީ މޮނިރް (39އ) އާއި އެމްޑީ ހަބީބު އުލާހް (43އ) އެވެ. އެ މީހުން ހައްޔަރުކުރީ ކުނި އުފުލުމަށް ބޭނުންކުރި ޕިކަޕާއެކު އެވެ.
މި ދެ މީހުންގެ ތެރެއިން އެމްޑީ މޮނިރްއަކީ ’ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް‘ ގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ މީހެކެވެ. އެމްޑީ ހަބީބު އުލާހުއަކީ ’އޭޔޫ ފެހުން‘ ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، މީހެކެވެ.
ފުލުހުން ބުނީ، މި ދެ މީހުންނަކީ ރާއްޖޭގައި އަމަލުކުރަމުން އަންނަ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި ކުނި މެނޭޖުކުރުމުގެ ގާނޫނާއި ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އިތުރުން ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ހުޅުމާލޭގައި އަމިއްލައަށް ކުނި ނަގައި އުކާލުމުގެ މަސައްކަތްކުރަމުން ދިޔަ ބައެއް ކަމަށެވެ.
އެހެންވެ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އެ މީހުން މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ