އިންސާނީ ވަގުފާރިއާ ދެކޮޅަށް ދުނިޔޭގެ 59 ގައުމެއް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 1،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.
އިންޓަޕޯލްއިން އިސްނަގައިގެން ކޯޑިނޭޓްކުރި "އޮޕަރޭޝަން ގްލޯބަލް ޗެއިން" ގެ އަމާޒަކީ ޖިންސީ ގޯނާ ކުރުމަށާއި، މަޖުބޫރުކޮށްގެން މަސައްކަތް ކުރުވުމަށާއި، ކުށްތަކަށް އަހުލުވެރިކުރުވުމުގެ އިތުރުން މަޖުބޫރުން ސަލާން ޖެއްސުވުމަށް ހިންގާ އިންސާނީ ވަގުފާރީގެ ނެޓްވޯކްތައް ހުއްޓުވުމެވެ.
މި އޮޕަރޭޝަނުގެ ތެރެއިން، ކެމްބޯޑިއާގައި އޮންލައިންކޮށް މަކަރާއި ހީލަތް ހެދުމުގެ މަސައްކަތްތަކަށް މީހުން ޓްރެފިކް ކުރަމުންދިޔަ ނެޓްވޯކަކާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަކުދިން ހޯދައިގެން ޔޫރަޕްގައި ޖިންސީ އަޅުވެތިކަމަށް މަޖުބޫރުކުރަމުންދިޔަ ނެޓްވޯކެއް ރޫޅާލާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.
މި އޮޕަރޭޝަނުގައި އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވި ނުވަތަ ޝިކާރައަކަށް ވެދާނެ ކަމަށް ބެލެވޭ 2،070 މީހަކު ވަނީ ދެނެގަނެވިފަ އެވެ. މީގެ ތެރެއިން ގިނައީ އަންހެނުން ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެ އެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން 334 މީހުންނަކީ ސީދާ އިންސާނީ ވަގުފާރީގެ މައްސަލަތަކުގައި ހައްޔަރުކުރި މީހުންނެވެ. އަދި ބާކީ 690 މީހުން ހައްޔަރުކުރީ އެއާ ގުޅުންހުރި އެހެނިހެން ކުށްތަކުގަ އެވެ.
އިންޓަޕޯލް އާއި، ޔޫރަޕިއަން ޔޫނިއަންގެ ފުލުހުންގެ އިދާރާ ކަމަށްވާ ޔޫރޯޕޯލްގެ އިތުރުން ޔޫރަޕްގެ ބޯޑަރު އެޖެންސީ ފްރޮންޓެކްސް ގުޅިގެން ހިންގި މި ހަރަކާތަށް ފަހު އިންޓަޕޯލްއިން ބުނީ، މި އޮޕަރޭޝަނުން ލިބުނު މައުލޫމާތުތަކުން އިންސާނީ ވަގުފާރި ކުރާ މަގުތަކާއި އުސޫލުތަކަށް ބަދަލުތަކެއް އަންނަމުންދާކަން ހާމަވެފައިވާ ކަމަށެވެ.
އިންޓަޕޯލްގެ އޮޕަރޭޝަނެއްގައި 59 ގައުމަކުން 1،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ