ތިންވަނަ ކުއާޓަރުގައި ބީއެމްއެލްއަށް 475 މިލިއަން ރުފިޔާގެ ސާފު ފައިދާ

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 475 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދައިފިއެވެ. ބީއެމްއެލްއިން ބުނީ ވޭތުވެދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 475 މިލިއަން ރުފިޔާ ބޭންކަށް ލިބިފައިވާއިރު މިއީ ބޭންކުގެ ހިންގުމުގެ ހަރުދަނާކަމާއި ކުރިއެރުން ދައްކުވައިދޭ ކަމެއް ކަމަށެވެ. މީގެ އިތުރުން ވެސް ބޭންކުން ބުނީ ވޭތުވެދިޔަ ކުއާޓަރުގައި ބީއެމްއެލް ހިންގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ ދެވަނަ ކުއާޓަރާ ދާދި އެއްވަރުގެ ނަތީޖާއެއް ކަމަށެވެ. އަދި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެެއްގެ ގޮތުގައި ވެސް ފާހަގަކޮށްފައިވެއެވެ. ބޭންކުން ދޫކޮށްފައިވާ ޖުމުލަ ލޯނު އިތުރުވަމުންދާއިރު، މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި، ތިންވަނަ ކުއާޓަރުގެ ނިޔަލަށް ބޭންކުގެ ޖުމްލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ. "އަޅުގަނޑުމެން ފަހުރުވެރިވަނީ ހަމައެކަނި މި ހަރުދަނާ ނަތީޖާއަކަށް ނޫން. މީގެ އިތުރުން އެކި މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި އިގުތިސާދީ ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތާމެދު ވެސް އަޅުގަނޑުމެން ފަހުރުވެރިވޭ،" ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެފައިވެއެވެ. https://sun.mv/209217 ވޭތުވެދިޔަ ކުއާޓަރުގައި ބޭންކުން މުޅި ރާއްޖެއަށް ޚިދުމަތްތައް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ވެސް މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކޮށްފައި ވެއެވެ. 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން، މި އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން އެންމެ ނުވަ މަސް ދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މި މަހު މި މަޝްރޫއު ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. މީގެ އިތުރުން، ވޭތުވެ ދިޔަ ކުއާޓަރުގައި ބޭންކުން ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަނެފައެވެ. މި ނިންމުމާއެކު، އެސްޑީއެފްސީއަކީ ޝަރީއާ ކޮމްޕްލައިންޓް ޚިދުމަތެއް ފޯރުކޮށްދޭ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އެސްއެމްއީ ވިޔަފާރިތަކަށް ވެސް ޚިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީއަކަށް ބަދަލުކުރާނެ ކަމަށް ބޭންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ