މީސްތަކުން ޢިލްމްވެރިވެ ހޭލުންތެރިވެއްޖެއެވެ. އެކަމަކު ޢަމަލުތަކުން މިފެންނަނީ މީގެ ސަތޭކަ އަހަރަށްވުރެވެސް ފަހަތުގައި އުޅެވޭތަނެވެ. ތިމާއަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް މިހައިގިނަވެފައިވާއިރުވެސް އެކަންކަން ނުކޮށް ތިމާއަށް ގެއްލުންހުރި ކަންކަން ކުރަމުން ގެންދާތަނެވެ. މީސްތަކުންގެ ކުށްހޯދުމަށާއި އެހެން މީހުންގެ ވާހަކަތައް ދައްކަން ވަޤުތު ހޭދަކުރުން ވެފައި މިވަނީ އެފަދަ ކަންކަމުގެ ތެރެއިންވެސް އެންމެ ބޮޑު އެއް ކަންތަކަށެވެ.
ދުވަހަކު ސަޖިދައެއް ނުޖަހައި ރޯދައެއް ނުހިފައި އުޅޭ ބައެއް މީހުން އެހެން މީހަކަށް ކުރެވިފައި އޮންނަ އެންމެ ކުށެއް އެއީ ދުނިޔެވަރުގެ ބޮޑު ކަމަކަށް ހަދައި ފަޟީޙަތް ކުރަމުން އެބަ ގެންދެއެވެ. ރެއާއި ދުވާލު ތަކުރާރުކޮށް އެކަމުގެ ވާހަކަތައް އެބަ ދައްކައެވެ. ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކުހެން އެބަ ޢާންމުކުރެއެވެ.
މިއަދު ގިނައިން ފެންނަމުން މިދަނީ ތިމާއަށް ހެޔޮ ޢަމަލެއް ނުކުރެވުނު ނަމަވެސް އެންމެކުޑަމިނުން ތިމާ ނަމާދު ނުކުރާއިރުވެސް އެހެން މީހުންގެ ދީނީ ހައިޞިއްޔަތާއި ބެހެމުންދާތަނެވެ. އަބަދުވެސް އެހެން މީހުންގެ ކުށްތައް ހޯދަމުން އެހެން މީހުންގެ ފަހަތުން ދުވެވޭތަނެވެ. އެހެން މީހުންނަށް ފާޑުކިޔަމުން ގެންދެވޭ ތަނެވެ.
ވިސްނައިލަން އޮތް ކަމަކީ އެހެން މީހުންގެ ކުށް ހޯދައި ހާމަކުރުމަކީ ތިމާއަށް ސުވަރުގެ ވަދެވެން އޮތް ސަބަބެއް ނޫންކަމެވެ. ތިމާ ނަކައިން ސަލާމަތްވެ ސުވަރުގެ ވަދެވޭނީ ތިމާ ކުރި ހެޔޮ އަމަލަކުންނެވެ. މީގެ އިތުރުން އެހެން މީހުންގެ ކުށް ހޯދައި ހާމަކުރަމުން ގެންދިއުމަކީ ތިމާ ފާފަވެރިވެސްވާނެ ކަމެކެވެ.
"އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ އަމަލު، އޭނާގެ ކަރުގައި ތިމަން ރަސްކަލާނގެ އެޅުއްވެވީމެވެ. އަދި ޤިޔާމަތް ދުވަހުން، ތިމަން ރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވަވާހުށީމެވެ. އެފޮތް ނިއުޅައިލެވިގެނަވާ ހާލުގައި، އޭނާ ދެކޭނެތެވެ. (އަދި އަނގަވާނެތެވެ.) ތިބާގެ ފޮތް ތިބާ ކިޔާށެވެ. މިއަދު ތިބާގެ މައްޗަށް ހިސާބުކުރާ މީހަކަށް، ތިބާގެ އަމިއްލަ ނަފްސް ފުދެއެވެ. ތެދުމަގު ލިބިގެންފި މީހާ (ދަންނާށެވެ!.) ފަހެ، އެމީހާ ތެދުމަގު އެ ލިބިގަންކަން ކަށަވަރީ އެމީހާގެ އަމިއްލަ ނަފުސުގެ ލާބައަށެވެ. އަދި މަގު ފިރެދިއްޖެ މީހާ (ދަންނާށެވެ!.) ފަހެ، އެމީހާ އެ މަގުފުރެދޭކަން ކަށަވަރީ، އެ ނަފުސުގެ ހަލާކަށެވެ. އަދި ފާފަވެރި އެއްވެސް ނަފުސެއް، އެހެން ނަފުސެއްގެ ފާފައެއް ނުއުފުލާނެތެވެ. އަދި ތިމަން ރަސްކަލާނގެ ރަސޫލަކު ފޮނުއްވަވައިފުމަށް ދާންދެން (އެއްވެސް ބައަކަށް) ޢަޛާބު ދެއްވެވުމަކަށް ތިމަން ރަސްކަލާނގެ ކަނޑައެއް ނާޅުއްވަމުއެވެ."
މިއާޔަތުން އެނގިގެން މިދަނީ ދުނިޔޭގައި ކިތަންމެ މަތީ ފެންވަރުގައި އުޅުނު ނަމަވެސް ކިތަންމެ ބާރުވެރިކަމާއިއެކު ކިތަންމެ ބޮޑު ވެރިކަމެއް ކުރި ނަމަވެސް އާޚިރަތް ދުވަހު ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހުންނަން ޖެހޭނީ އެމީހަކު ކުރި އަމަލުތައް ކަރުގައި އަޅައިގެން ކަމެވެ. އަދި އެމީހަކު ކުރި އެއްވެސް އަމަލަކަށް ޖަވާބުދާރީ ވާން ނުޖެހޭނެ އެއްވެސް ގޮތެއ ނުއޮންނާނެ ކަމެވެ.
މިއާޔަތުން އެނގޭ އެންމެ މުހިންމު އެއް ކަމަކީ ފުރަތަމަ ކަމެއްގެ ގޮތުން ތިމާ ކުރަންޖެހޭ ކަމަކީ ތިމާގެ އަމަލުތައް އިޞްލާޙްކުރުން ކަމެވެ. މީސްތަކުން ކުރާ ކަންކަމާއިމެދު ކަންބޮޑުވުން އޮތީ އެއިގެ ފަހަތުން ކަމެވެ. "ފާފަވެރި އެއްވެސް ނަފުސެއް، އެހެން ނަފުސެއްގެ ފާފައެއް ނުއުފުލާނެތެވެ." މިފަދައިން ބަޔާން ކުރައްވަވާފައި އޮތުމުން އެކަން ވަރަށް ސާފުކޮށް އެނގިގެން ދެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އެއްހާސް މީހުން ކުރާ ކުށް ހޯދުމަށްވުރެ ތިމާއަށް ކުރެވޭ އެންމެ ކުށެއް އިޞްލާޙްކުރުމުން ކުރާނެ ފައިދާ މާބޮޑުވާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ