ވަކީލަކު ހަމަޖައްސަން ބައްސާމް އަށް 10 ދުވަސް ވަކީލަކު ހަމަޖައްސަން ބައްސާމް އަށް 10 ދުވަސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލް، ވަކީލަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު 10 ދުވަސް ދީފި އެެވެ.
މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި، ކޯޓުގައި ބައްސާމް ބުނެފައިވަނީ، ވަކީލަކު ހޯދުމަށް ކުރާ މަސައްކަތުގައި އަދި ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި އިތުރު މުއްދަތެއް ދިނުމަށެވެ. އެ ގޮތުން، ކޯޓުގައި ބައްސާމް އެދުނު ގޮތަށް 10 ދުވަހުގެ މުހުލަތެއް ވަނީ ދީފަ އެވެ.
ކޯޓުގައި މިއަދު ކުރިއަށްދިޔައީ، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން، އަމީން އެވެނިއު އެޕާޓްމެންޓެއް، ގަތް މައްސަލައިގައެވެ.
ގާތްގަނޑަކަށް ދެ ދައުރު އެފްއޭއެމްގެ ރައީސްކަން ކުރި، ބައްސާމް، އެ އެސޯސިއޭޝަނުގެ މަގާމުގައި ހުރިއިރު އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާންތްތެރިވެފައިވާ ގިނަ މައްސަލަތަކެއް އެބަ ހިނގަ އެވެ. އެ ގޮތުން، އެފްއޭއެމް އަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީލޯންޑަރިންގެ ޢަމަލުތަކެއް ހިންގާފައިވާ މައްސަލާގައި ބައްސާމްގެ މައްޗަށް ދައުވާ ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.
މި މައްސަލައިގެ އަޑުއެހުން މިއަދު ފަށައި، ދައުލަތުން ވަނީ ދައުވާ އިއްވައިފަ އެވެ. އެއް، ދައުވާ އަކީ، ބައްސާމް، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، އެފްއޭއެމްގެ USD 1,200,000 (އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު) އަށް ޚިޔާނާތްތެރިވެފައިވާ މައްސަލަ އެވެ. މި މައްސަލަ ސާބިތުވެއްޖެނަމަ އަދަބަކީ، އެއް އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ދެ ވަނަ ދައުވާ އަކީ، ބައްސާމް، އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑ އަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ -/25,000,000 (ފަންސަވީސް މިލިއަން ރުފިޔާ) ގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ދައްކާފައިވާ މައްސަަލަ އެވެ. މި މައްސަލަ ސާބިތުވެއްޖެނަމަ، 100,000 ރުފިޔާ އާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ހިމެނެ އެވެ.
މީގެ އިތުރުން، ދައުލަތުން ވަނީ، މި ދައުވާތަކާ ގުޅިގެން ބަޔާންކުރެވިފައިވާ މުދަލާއި ފައިސާ ބައްސާމް އަތުން ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފަ އެވެ. އެއީ، މި ހިޔާނާތުގެ ސަބަބުން އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ އެއް މިލިއަން ދެ ލައްކަ އެމެރިކާ ޑޮލަރާއި އަމީން އެވެނިއު އިން ގަތް ދެ އެޕާޓްމަންޓާއި ބައްސާމް އަތުން ނަގައިދޭން ވެސް ދައުލަތުން ވަނީ އެދިފަ އެވެ. އ
މި މައްސަލާގައި ކުރިން ތަހުގީގުކުރެވިފައިވާ ބައިގައި ބައްސާމްގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާކުރުމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު 21 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ