އިންޑިއާގެ ނާއިބު ރައީސް ހޮވާ އިންތިޚާބުގެ ވޯޓުލުން ފެށުން: ފުރަތަމަ ވޯޓުލެއްވީ މޯދީ
އިންޑިއާގެ ނާއިބު ރައީސް ހޮވާ އިންތިޚާބުގެ ވޯޓުލުން އިންޑިއާ ގަޑިން މިއަދު ހެނދުނު 10 ޖެހިއިރު ފަށައިފިއެވެ. އެ އިންތިޚާބުގައި އެންމެ ފުރަތަމަ ވޯޓު ލެއްވީ ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ. ހަވީރު ފަހެއް ޖަހަންދެން ވޯޓުލުން ކުރިއަށްދާއިރު، ނަތީޖާ ނެރޭނެ ކަމަށް ބެލެވެނީ އިރުއޮއްސި ހައެއްގެ ފަހުންނެވެ. އިންތިޚާބުގައި ބީޖޭޕީ އިސްވެ އޮވެ އޮންނަ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)ގެ ކެންޑިޑޭޓް ސީޕީ ރާދަކްރިޝްނާން އާއި އިދިކޮޅު އިންޑިއަން ނޭޝަނަލް ޑިވެލޮޕްމަންޓަލް އިންކްލޫސިވް އެލަޔަންސް (އިންޑިއާ ބްލޮކް) ގެ ކެންޑިޑޭޓް ބީ ސުދަރްޝަން ރެޑީއާ ދެމެދު ބޮޑު ވާދަވެރިކަމެއް އޮންނާނެ ކަމަށް ބެލޭވެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ. ނާއިބު ރައީސަކު ހޮވުމަށް އިންތިޚާބު ބާއްވަނީ ސިއްޙީ ފަރުވާއަށް އިސްކަން ދިނުމަށް ބޭނުންފުޅުވާތީ، ޖުލައި 21 ވަނަ ދުވަހު ކުއްލި ގޮތަކަށް ކުރީގެ ނައިބު ރައީސް ޖަގްދީބް ދަންކަރް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިސްތިއުފާ ދެއްވިއިރު، ފަސް އަހަރުގެ ދައުރުގައި ދެ އަހަރު ބާކީ އޮތެވެ. އަލަށް އިންތިހާބު ކުރާ ނައިބު ރައީސް އަށް ފުރިހަމަ ފަސް އަހަރުގެ ދައުރެއް ލިބޭނެއެވެ. އިންތިޚާބު ކުރިއަށް ގެންދަނީ ސިއްރު ވޯޓެއް ލައިގެންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވޯޓުލާ ގޮތަށް ނުފޫޒު ފޯރުވުމުގެ ބާރެއް ޕާޓީ ވިޕްތަކަށް ލިބިގެން ވެސް ނުވެއެވެ. އިންޑިއާގެ ގާނޫނު އަސާސީގެ 66 ވަނަ މާއްދާގައިވާ ގޮތުން ނައިބުރައީސް އިންތިޚާބު ކުރަނީ މަޖިލީހުގެ ދެ ގެކޮޅުގެ މެންބަރުން ހިމެނޭ އިލެކްޓޯރަލް ކޮލެޖުގެ މެންބަރުންނެވެ. އިލެކްޓޯރަލް ކޮލެޖުގައި ޖުމްލަ 788 މެންބަރުން ތިއްބަވައެވެ. އޭގެތެރެއިން 245 މެންބަރުންނަކީ ރާޖްޔާ ސަބާގެ މެމްބަރުންނެވެ. އަދި 543 މެންބަރުން ލޯކް ސަބާއިންނެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާފައިވާ 12 މެންބަރުންނަށް ވެސް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ކޮބާ؟ މި އިންތިޚާބަކީ އިންޑިއާގެ ތާރީޚުގައި ވެސް އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ގޮތުގައި ދެކުނުގެ ސްޓޭޓްތަކުގެ ކެންޑިޑޭޓުން ތިއްބެވި ފުރަތަމަ އިންތިޚާބެވެ. އެގޮތުން އެންޑީއޭގެ ކެންޑިޑޭޓް ރާދަކްރިޝްނާން އަކީ ޓަމިލް ނާޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ކެންޑިޑޭޓެކެވެ. އިންޑިއާ ބްލޮކް) ގެ ކެންޑިޑޭޓް ބީ ސުދަރްޝަން ރެޑީއަކީ ތެލަންގަނާއަށް ނިސްބަތްވެވަޑައިގަންނަވާ ކެންޑިޑޭޓެކެވެ. ނާއިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވުމަށް އެންޑިއޭއީން ރާދަކްރިޝްނާން ހޮވިއިރު، އޭނާ ހުންނެވީ މަހާރާޝްތުރާގެ ގަވަރުނަރުގެ މަގާމުގައެވެ. ރާދަކްރިޝްނާން ވަނީ ޖަރުޚާންޑާއި ތެލަންގާނާގެ ގަވަރުނަރުގެ މަގާމުވެސް އަދާކުރައްވާފައެވެ. އޭނާ ވަނީ 1998 ވަނަ އަހަރާއި 1999 ވަނަ އަހަރު ޓަމިލް ނާޑޫގެ ކޮއިމްބަތޫރު ލޯކް ސަބާ ދާއިރާ ތަމްސީލް ކުރައްވާފައެވެ. ރެޑީ ވަނީ 2007 ވަނަ އަހަރުން 2011 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު އަދާކުރައްވާފައެވެ. އޭގެކުރިން 2005 ވަނަ އަހަރުން 2007 ވަނަ އަހަރުގެ ނިޔަލަށް ގައުހަޓީ ހައިކޯޓުގެ އުއްތަމަ ފަނޑިޔާރުގެ މަގާމުވެސް އަދާކުރެއްވިއެވެ. އަދި 2013 ވަނަ އަހަރުގެ މާޗް މަހު ގޯއާގެ ފުރަތަމަ ލޮކަޔުކްތާ ނުވަތަ ސިވިލް ކޮމިޝަނާގެ މަގާމުވެސް އަދާކުރެއްވިއެވެ. ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެނީ ކޮން ކެންޑިޓޭޑެއް؟ އިންޑިއާ ޓީވީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާތަނަށް އެއްކުރި މައުލޫމާތަށް ބަލާއިރު، އިންތިޚާބު ކާމިޔާބު ކުރައްވާނީ ސީޕީ ރާދަކްރިޝްނާންއެވެ. ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވެސް ވޯޓުލާ ރިޔާސީ އިންތިޚާބާ ހިލާފަށް ނާއިބު ރައީސް ހޮވަނީ ހަމައެކަނި ލޯކް ސަބާ އާއި ރާޖްޔާ ސަބާގެ މެންބަރުންނެވެ. މިވަގުތު ދެ ގެއިން (ރާޖްޔާ ސަބާގައި ހައެއް އަދި ލޯކް ސަބާގައި އެއް ގޮނޑި) ހަތް ގޮނޑި ހުސްވެފައިވާއިރު، ވޯޓުލުމުގެ ހައްގު ލިބޭ ޕާލަމެންޓް މެމްބަރުންގެ ޖުމްލަ އަދަދަކީ 781 އެވެ. އިންތިޚާބު ކާމިޔާބު ކުރުމަށް މަދުވެގެން 391 ވޯޓު ބޭނުންވާއިރު، ރާދަކްރިޝްނާނަށް ގާތްގަޑަކަށް 437 މެމްބަރުން (%56) ގެ ވަރުގަދަ ތާއީދެއް ލިބޭނެ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަދި ރެޑީއަށް ލިބޭނީ ގާތްގަނޑަކަށް 323 ވޯޓު ކަމަށްވެސް ނޫހުގައި ބުނެފައިވެއެވެ. އުއްތަރު ޕްރަދޭޝް، ބިހާރު، އަންދްރާ ޕްރެދޭޝް، ކަރްނާޓަކާ، މަދްޔަ ޕްރަދޭޝް، އޮޑިއްޝާ އަދި ރާޖަސްތާން އިން ކުރީގައި ރާދަކްރިޝްނާން އުޅުއްވާއިރު، މަހާރާޝްތުރާ، ޓަމިލް ނާޑޫ، ކެރެލާ، ވެސްޓް ބެންގަލް އަދި ޕަންޖާބުގެ ތާއީދު އޮތީ ރެޑީއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ