މިރޭ އޮންނަ އެޕަލް އިވެންޓް ފެށުމުގެ ކުރިން އެޕަލް ސްޓޯރު ބަންދުކޮށްފި
މިއަދު އޮންނަ އެޕަލްގެ "އޯ ޑްރޮޕިން" ބޮޑު އިވެންޓްގެ ކުރިން، އެޕަލްގެ އޮންލައިން ސްޓޯރު ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އެޕަލްގެ އޮންލައިން ސްޓޯރަށް ޒިޔާރަތްކުރާ ފަރާތްތަކަށް މިހާރު ފެންނަމުންދަނީ "ބީ ރައިޓް ބެކް" މި މެސެޖެވެ. މިއީ އާ އުފެއްދުންތައް ތައާރަފްކުރުމަށްޓަކައި އެޕަލް ސްޓޯރ ބަންދުކުރާއިރު އާންމުކޮށް ފެންނަ މަންޒަރެކެވެ. ސްޓޯރ ހުޅުވާލާނެ ސީދާ ގަޑިއެއް މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް، މިއަދު އޮންނަ "އޯ ޑްރޮޕިން" އިވެންޓް ނިމުމާއެކު އާ އުފެއްދުންތަކާއެކު ސްޓޯރު އަލުން ހުޅުވާލާނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. މިރޭ ތައާރަފްކުރުމަށް ހަމަޖެހިފައިވާ އެޕަލްގެ އާ އުފެއްދުންތަކަށް ކެތްމަދުވެފައިތިބި މުޅި ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާގެ ފަރާތްތަކުންނާއި ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. މިރޭ ރާއްޖޭ ގަޑިން 10:00 ގައި ފެށޭ މި އިވެންޓްގައި، އައިފޯން 17، އައިފޯން 17 އެއާ، އަދި އައިފޯން 17 ޕްރޯ މޮޑެލްތަކާއެކު، އެޕަލް ވޮޗް އެސްއީ 3، އެޕަލް ވޮޗް ސީރީޒް 11، އަދި އެޕަލް ވޮޗް އަލްޓްރާ 3 ވެސް ތައާރަފްކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. މީގެ އިތުރުން، އެއާޕޮޑްސް ޕްރޯ 3 ވެސް މި އިވެންޓްގައި ފެނިގެންދާނެ ކަމަށް ލަފާކުރެވެއެވެ. އާ ހާޑްވެއާގެ އިތުރުން، އެޕަލްގެ އާ ސޮފްޓްވެއަރ އަޕްޑޭޓްތައް ކަމަށްވާ އައިއޯއެސް 26 އަދި މެކްއޯއެސް ތަހޯ ދޫކޮށްލާނެ ތާރީޚްތައް ވެސް މި އިވެންޓްގައި އިއުލާންކުރާނެ ކަމަށް ބެލެވެއެވެ. އެޕަލްގެ މި އަހަރުގެ އެންމެ އާދަޔާޚިލާފު އިވެންޓް ކަމަށް ވެގެންދާނެ ކަމަށް ބެލެވޭ މި އިވެންޓް ފެށެން ކައިރިވަމުން އަންނައިރު، މިއީ އެޕަލްގެ ތާރީޚްގައި ހާއްސަ ރެއެއް ކަމުގައި ވެގެންދާނެކަމަށް ގިނަބަޔަކު ޔަގީކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ