ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިކަމުގެ ސިނާއަތަށް ވާނެ ފައިދާއެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ. ދުވާފަރުގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތް ނަގާ ކޮޅަށްޖެހުމަށް ވޭތުވެ ދިޔަ ދެ އަހަރު ކުރެވިފައިވާ މަސައްކަތްތަކަކީ މިއަދު ތަފާސްހިސާބުތަކުން ފެންނަން ހުރި ޙަޤީޤަތް ކަމަށާއި މި ސިނާޢަތް ކުރިއެރުވުމަކީ ފަރުދީ އަދި ޖަމަޢީ ތަރައްޤީއަށް ކުރެވޭ ޤައުމީ މަސައްކަތެއް ކަމަށެވެ.
"އެކަމަށް ކުރެވޭ މަސައްކަތްތަކުގައި އަޅުގަނޑުމެންގެ ތެރޭގައި މި ގައުމީ ވިސްނުމާ ދެކޮޅު މީގެ ތެރޭގައި ސިޔާސީ އޮއިވަރު ވައްދައިގެން ކަންކަން ކުރަންވެގެން އުޅުމާއި މަސްވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކުން ޖާގަ ނުދެއްވުމަކީ އަޅުގަނޑު ހިތުން އެންމެ ރަނގަޅު ގޮތަކީ. އެގޮތަށް އެކަން ވެގެން ދިޔައީމާ އެކަމުން މި ސިނާއަތަށްވާ ފައިދާއެއް ނެތް،" ރައީސް ވިދާޅުވި އެވެ.
މަސްވެރިކަމުގެ ސިނާޢަތަކީ ޙަޤީޤީ މާނައިގައި ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި އެމަނިކުފާނު އެންމެ ބޮޑަށް ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ، މަސްވެރިކަމުގެ ސިނާޢަތަކީ ހަމައެކަނި ދިވެހީން މަސައްކަތްކުރާ ސިނާޢަތަކަށް ވާނޭ ދުވަސްކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ދިވެހި ޒުވާނުން މި ދާއިރާއަށް ނެރޭ ފަރާތްތަކާއި، އޮޑިފަހަރުގައި ހަމައެކަނި ދިވެހި ފަޅުވެރިން ގެންގުޅޭ ފަރާތްތަކަށް ހިތްވަރުދެއްވުމުގެ ގޮތުން، ޤައުމީ ފެންވަރެއްގައި އެ ފަރާތްތަކުގެ އަގުވަޒަންކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވި އިރު ބޮޑު ކަންނެލި މަސްވެރިން ދާދިފަހުން ވަނީ އިހުތިޖާޖެއް ކޮށްފަ އެވެ. ބޮޑު ކަންނެލި މަސްވެރިންގެ މައިގަނޑު އޮތީ ތިން ޑިމާންޑެކެވެ. އެއީ ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އަދި 100ރ. ކަމަށް ކަނޑައެޅުމުގެ އިތުރުން މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމާއި އައިސް ލިބޭނެ ގޮތް ފަހިކޮށްދިނުމެވެ.
ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރި ސިނާއަތަށް ފައިދާއެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ