ތަނަވަސްކަމަށް ދަހިވެތިވާ މީހަކާ ކައިވެނިކޮށްފިނަމަ ހުރިހާ ގޮތަކުން ނިކަމެތިކަން ލިބުން ނޫންކަމެއް ނުވާނެ!

އަހުރެން ފުރަތަމަ ބަލައިލާނީ ތަނަވަސްކަމަށް ދަހިވެތިވުން އުފެދޭ ސަބަބަށެވެ. ގިނަ އަންހެނުންނަށް އެމައްސަލަ ކުރިމަތިވަނީ ލޯބިވާންވެސް ތިމާގެ ހުރި ތަނަވަސްކަން ދައްކައި އަންހެނުން ހައްލުވާތީއެވެ. ނެތްވަރުންވެސް ކަންކަން ކޮށްދީ ތަނަވަސް މީހަކަށް ހެދޭތީއެވެ. އެއީ ބައެއް ފިރިހެނުންނަށް ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. ހެދޭ ވަރަށްބޮޑު ގޯހެކެވެ.
ހަރުދަނާ ފިރިހެނުން އެކަން އެގޮތަކަށް ނުކުރާނެއެވެ. ތަނަވަސްކަން ހުރިނަމަވެސް ހިފެހެއްޓުންތެރިވާނެއެވެ. ޚާއްޞަކޮށް ލޯބިވެގެން އުޅޭ ދުވަސްވަރު އެކަމަށް ސަމާލުކަން ދޭނެއެވެ. އެއީ ދަހިވުމެއް ނޫނެވެ. ތިމާ ދެކެ ޙަޤީޤީ ލޯބިވާކަން ދެނެގަތުމަށްވެސް ކުރަންޖެހޭ ކަމަކަށްވާތީއެވެ.
އުފާވެރި ދިރިއުޅުމަކަށް އޮތް ތަޅުދަނޑިއަކީ ފައިސާކަމަށް ހީނުކުރާށެވެ. ހީކޮށްފިނަމަ އެއީވެސް ފޭލްވުމެވެ. އެހިސާބުން އެވަނީ ފޭލްވެނިމިފައެވެ. ވިސްނާށެވެ! ފައިސާދެކެ ލޯބިވާ މީހަކަށް ބައިވެރިޔާ ދެކެ ލޯތްބެއް ނުވެވޭނެއެވެ. ނަމަވެސް މީހާދެކެ ލޯބިވާ މީހަކަށް ފައިސާ ދެކެވެސް ލޯބިވެވިދާނެއެވެ.
މިބުނާ ބަހަކީ ފައިސާގެ ދަހިވެތިކަމުގައި ބައިވެރިޔާ އާއިއެކު ދިރިއުޅޭ މީހަކަށް މުހިންމުވާނީ ބައިވެރިޔާއެއް ނޫނެވެ. އޭނާގެ އަތުގައި ހުރި ފައިސާއެވެ. ބައިވެރިޔާ ބަލިވިނަމަވެސް ކިތަންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނަސް ކަންބޮޑެއް ނުވާނެއެވެ. ދެރައެއްވެސް ނުވާނެއެވެ.
އެއިގެ ބަދަލުގައި ދެމަފިރިން ކިތަންމެ ފަޤީރު ނަމަވެސް ލޯބިން ދިރިއުޅެމުން ތަނަވަސްކަމަށް އުންމީދުކޮށްގެން އެކަމަށް މަސައްކަތްކުރުމަކީ ކުރަންޖެހޭނެވެސް ކަމެކެވެ. އެކަމަކު އެއީ ފައިސާއަށް ދަހިވެތިވުމެއް ނޫނެވެ. އެކަންވާނީ ދެމަފިރިން އުފަލުގައި ލޯބިން އެކުގައި ދިރިއުޅެން ބޭނުންވުން ކަމަށެވެ. ހިތްހަމަޖެހިލައިގެން ލޯބިން ދިރިއުޅެވޭނީވެސް ކޮންމެވެސް މިންވަރެއްގެ ތަނަވަސްކަމެއް ލިބިގެންވާތީއެވެ.
ދެން މިބަލައިލަނީ ތަނަވަސްކަމަށްޓަކައި ލޯބިވެ ކައިވެނިކުރާ އަންހެނުންނަށެވެ. 
އެހެންވެ ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. "ފައިސާގެ ދަހިވެތިކަމުގައި އުޅޭ އަންހެނަކާއި ނުގުޅޭށެވެ. (ކައިވެނި ނުކުރާށެވެ.) އޭނާ ފިލާނީ ތިބާ ލޫޓުވާލައިގެންނެވެ." މިފަދަ ބަސްތައް އެވިދާޅުވަނީ ފައިސާގެ ދަހިވެތިކަމުގައި ކައިވެނިކުރާ އަންހެނުންގެ ހިތުގައި ފިރިމީހާއަށް ލޯބި ނުއޮންނާނެތީއެވެ. ރަޙުމެއް ކުލުނެއްވެސް ނުއޮންނާނެތީއެވެ. އަދި އޭނާގެ ބޭނުން ޙާޞިލުކުރެވުމުން ވަކިވެގެންދާނެތީއެވެ.
ކޮންމެއަކަސް ފައިސާވެރިވާން ފައިސާ ބޭނުންވުމާއި ދިރިއުޅެން ފައިސާ ބޭނުންވުމާއި މިއީ މުޅިން ތަފާތު ދެކަމެކެވެ. ދެމަފިރިން އެކުގައި އުފަލުގައި ދިރިއުޅެން ބޭނުންނަމަ މިފަދަ ކަންކަމަށް ވިސްނައިލާށެވެ! ވިސްނައިގެން ދިރިއުޅުން ކުރިއަށް ގެންދާށެވެ!
 
 
- އަލަފް މިއަދުނޫސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ