ރާއްޖެއަށް އިތުރަށް ފައިސާ ދޭން އިންވެސްޓަރުން ބޭނުންވާކަމާމެދު ޝައްކު، 500 މިލިއަން ނުދެއްކިދާނެ ކަމުގެ ބިރު އެބައޮތް: ނަޝީދު
ރާއްޖެއިން އަންނަ އަހަރުގެ އޭޕްރިލް މަހަށް 500 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ)ގެ ސުކޫކެއް އަނބުރާ ދައްކަން ޖެހޭއިރު، އިންވެސްޓަރުންގެ އިތުބާރު ދަށްވެ، އިތުރަށް ފައިސާ ނުލިބުމާއެކު ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބުނާތާ މަސްތަކެއްވެއްޖެއެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން އެންމެ ބޮޑު ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތައް ކަމަށްވާ ފިޗާއި މޫޑީސްއިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. ރާއްޖެއިން މި އަހަރު ވެސް ދަރަންޏަށް ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް މިހާތަނަށް ޚަރަދުކޮށްފައިވާއިރު އަދިވެސް މި އަހަރު ދައްކަން ޖެހޭ ދަރަނި އެބަހުއްޓެވެ. އަދި އަންނަ އަހަރު 1.1 ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ)ގެ ދަރަނި ދައްކަން ޖެހެއެވެ. އަންނަ އަހަރު ދައްކަން ޖެހޭ ދަރަނީގެ ތެރޭގައި، ނަޝީދު ހިއްސާވި، އެންމެ ފަހުގެ އެމްޑީޕީ ސަރުކާރުގައި 2021ގައި ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކެއް ހިމެނެއެވެ. https://sun.mv/207206 ސުކޫކަކީ އިސްލާމީ ފައިނޭންސިން އުސޫލުތަކަށް ފެތޭ، އިންޓްރެސްޓް ދައްކަން ނުޖެހޭ ބޮންޑެކެވެ. ސުކޫކު ވިއްކާއިރު، އެއާ ގުޅިފައިވާ އެސެޓަކުން ނުވަތަ މަޝްރޫއަކުން އިންވެސްޓަރުންނަށް ފައިދާ ލިބޭނެއެވެ. އަދި ސުކޫކުގެ މުއްދަތު ހަމަވުމުން، އިންވެސްޓަރުން ފުރަތަމަ ދެއްކި ޖުމްލަ ފައިސާގެ އަދަދު، އަނބުރާ ދައްކަން ޖެހޭނެއެވެ. ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހަށް ރާއްޖެއިން ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު، އިތުރު ބޮންޑެއް ނަގައިގެން ދައްކަން ސަރުކާރުން މަސައްކަތް ކޮށްފާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުން، ބޭރުން އެފަދަ އިންވެސްޓްމެންޓެއް ކޮށްފާނެ ކަމާމެދު ޝައްކު އުފެދޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. https://x.com/MohamedNasheed/status/1970104978669776932 ނަޝީދު ވިދާޅުވީ، އަންނަ އަހަރު ދައްކަން ޖެހޭ ސުކޫކް ރާއްޖެއަށް އަނބުރާ ނުދެއްކިދާނެ ކަމަށް އިންވެސްޓަރުންނަށް ލަފާކުރެވޭތީ، މާކެޓުގައި ރާއްޖޭގެ ސުކޫކުގެ އަގު 70 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ. އެހެންވެ، ރާއްޖެއަށް ދަރަންޏަށް އިތުރަށް ފައިސާ ނެގުމަށް ވެސް ގޮންޖެހުމާ ކުރިމަތިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. "ރާއްޖެއަށް ސުކޫކް އަނބުރާ ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށް ބައެއް މާހިރުން ވިދާޅުވޭ، އެއީ ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު އިތުރަށް ގެއްލި، ފައިސާ ހޯދަން ގޮންޖެހުންތައް އިތުރުވާނެ ކަމެއް،" ނަޝީދު ލިޔުއްވާފައިވެއެވެ. ފިޗްއާއި މޫޑީސްއިން ރާއްޖޭގެ ރޭޓިން ދަށްކުރުމަކީ ވެސް ރާއްޖެއިން އިތުރަށް ފައިސާ ހޯދަން ކުރާ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ ސަބަބުތަކާ ހެދި، ރާއްޖެއިން އިތުރު 500 މިލިއަން ޑޮލަރުގެ ސުކޫކެއް ގަންނަން އިންވެސްޓަރުން ޝައުގުވެރިވާނެ ކަމާމެދު ޝައްކު އުފެދޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، ރާއްޖެއަށް މާލީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާއި ބޮޑު ދަރަނީގެ ސަބަބުން އިންވެސްޓަރުން އިތުރަށް ފައިސާ ދޭން ފަސްޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖެއަށް ފުރުސަތެއް އޮތީ، ސަރުކާރުން އިގުތިސާދީ އިސްލާހުތައް ގެނައުމަށާއި ދަރަނި މެނޭޖުކުރުމަށް ކުރަމުންދާ މަސައްކަތާ މެދު އިންވެސްޓަރުން ހިތްހަމަޖެހޭނަމަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މާލީ ވަޒީރު މޫސާ ޒަމީރާއި، ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް: މި ސަރުކާރަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކު ވެސް ދަރަނި ދެއްކޭނެ ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ: ރައީސް އޮފީސް ރާއްޖެއިން ދަރަނި އަދާކުރުމަށް ޓަކައި، އިގުތިސާދު ރަނގަޅު ކުރުމަށް ބޭރުގެ އިދާރާތަކުން ލަފާ ދެމުން އަންނަނީ ޚަރަދު ކުޑަ ކުރުމަށެވެ. އެ ލަފަޔާ އެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްލާހީ ފިޔަވަޅުތަކެއް ބަޖެޓުގައި ހިމެނިއެވެ. އޭގެ ތެރޭގައި ސަބްސިޑީއާއި ޕެންޝަން އިސްލާހު ކުރުން ހިމަނުއްވާފައިވެއެވެ. އެހެންނަމަވެސް، މި އަހަރުގެ މެދުތެރޭގައި ރައީސް ވަނީ، ރައްޔިތުންނަށް ދޭ އެއްޗެއް ނަންގަވަން ބޭނުންފުޅުނުވާތީ އެ އިސްލާހުތައް ނުގެންނަން ނިންމަވައިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ޚަރަދު ކުޑަ ކުރާނެ ކަމަށް ބުނި ނަމަވެސް، ދައުލަތުން މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު އާންމު ގޮތެއްގައި ހުންނަނީ މިދިޔަ އަހަރަށް ވުރެ އިތުރަށްކަން ތަފާސްހިސާބުން ދައްކައެވެ. އޭގެ ތެރޭގައި މި ސަރުކާރުން ސިޔާސީ މުވައްޒަފުން 700އަށް މަދުކުރާނެ ކަމަށް ވެފައިވާ ވައުދާ ޚިލާފުވެ، ހާހުން ނަގައިފައިވާ ސިޔާސީ މުވައްޒަފުންނަށް ކުރާ ޚަރަދުތައް ހިމެނޭ ކަމަށް އިދިކޮޅުން ބުނެއެވެ. https://sun.mv/210775 މީގެ އިތުރުން ސަބްސިޑީއާއި ޕެންޝަނަށް ކުރާ ޚަރަދު އިސްލާހު ކުރުމުގެ ބަދަލުގައި ސަރުކާރުން ނިންމައިފައިވަނީ، ޚަރަދު ކުޑަކުރަން ސަރުކާރު ކުންފުނިތަކަށް މަޝްރޫއުތައް ދިނުމަށެވެ. އޭގެ ސަބަބުން ސަރުކާރު ކުންފުނިތަކަށް ކުރާ ޚަރަދު، ބަޖެޓަށްވުރެ ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެ ކުންފުނިން ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ އިތުރުން ސަރުކާރުން ކޮންޓްރެކްޓަރުންނަށް ފައިސާ ނުދިނުމުގެ ޝަކުވާ ވެސް ބޮޑުވެފައިވާއިރު، އަމިއްލަ ވިޔަފާރިތަކަށް ދަނީ ގެއްލުންވަމުންނެވެ. މި ސަރުކާރުން ދަރަނި ދައްކަން މަރުކަޒީ ބޭންކަށް ގިނަ އަދަދަކަށް ޑޮލަރު ނަގާއިރު، ދައުރުވާ ޑޮލަރުގެ ޑިމާންޑު ބޮޑުވެ، ޑޮލަރެއްގެ އަގު ވަނީ 20 ރުފިޔާއިން މައްޗަށް އަރައިފައެވެ. އެ ހުރިހާ ދަތިތަކާއެކުވެސް، މި ސަރުކާރުން އަންނަނީ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ