ޝަމްއާންގެ ބަންދު ދަމަހައްޓައިފި، ނަމަވެސް ހެކިބަސް ނަގާ ނިމުމުން ބަންދުން ދޫކޮށްލަން ދައުލަތުން އެދެނީ

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި ހެކިބަސް ނަގާ ނިމުމުން ޝަރުތުކޮށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ދޫކޮށްލަން އެދޭނެ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރަނީ މިދިޔަ 22 މާޗުގަ އެވެ. އޭރު ޝަމްއާނާއެކު އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރަކު ހައްޔަރުކުރި އެވެ. މިއަދަށް 8 މަހާއި 26 ދުވަސް ވަނީ ވެފަ އެވެ.
އެއީ އިމިގްރޭޝަންގެ އެހެން ބައެއް މުވައްޒަފުންނާ ގުޅިގެން ގަވާއިދާ ހިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000ރ. ނެގި ކަމަށް ތުހުމަތުކޮށެވެ. ފަސް މީހުންނަށް ވެސް ދައުލަތުން ދައުވާކުރި އެވެ.
މިއަދު ކްރިމިނަލް ކޯޓުން ހެކިބަސް ނެގުމަށް ފަހު ބަންދު މުރާޖައާގެ އަޑުއެހުމެއް ވެސް ބޭއްވި އެވެ.
ތަފްސީލް - ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުުން ދޫކޮށްލަން އޭނާގެ ވަކީލު ނޫރުއްސަލާމް އެދިވަޑައިގަންނަވަމުން ވިދާޅުވީ، އޭރު ބަންދުކުރި ހާލަތު މިހާރު ނެތް ކަމަށެވެ. އެ ގޮތުން:
ޝަރީއަތް ނިމެންދެން ބަންދުކުރީ، ހެކިބަސް ދޭން ތިބީ އިމިގްރޭޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުން ކަމުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމުން
މިހާރު އެ ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާތީ، އޭނާ ބަންދުކުރި ސަބަބު މިހާރު ވުޖޫދުގައި ނެތް
މިކަމާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ ހެކިބަސް ނަގާ ނިމުމަށް ފަހު ވެސް ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްކަން ރާއްޖޭގައި ހިންގި ބައެއް ޝަރީއަތްތަކުން ވެސް ފެނިފައިވާ ކަމަށެވެ.
އެ ގޮތުން ފަހު ވަގުތު، ޝަރީއަތަށް ދިން ހެކިބަސް އަނބުރާ ގެނައިކަން ފާހަގަކޮށް ސިޓީ ފޮނުވާފައި އެބަ ހުރި ކަން ފާހަގަކުރެއްވި އެވެ. މީހުން މެރުމާއި، ވައްކަމުގެ ބޮޑެތި މައްސަލަތަކެއް އޭނާ މިސާލުގެ ގޮތުގައި ފާހަގަކުރެއްވި އެވެ.
ޝަފީއު ދެން ވިދާޅުވީ:
 އިމިގްރޭޝަނުން ގެންދިޔަ ބަންގްލަދޭޝްގެ އެކަކާއި، މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ އަހުމަދު ލައްސާންގެ އެ ހެކިބަސް ނެގެން ދެން ވެސް އިހުތިމާލު ދެމިއޮންނާނެ ކަމަށް
 އެހެންވެ ދައުލަތުން ހުށަހަޅަނީ މިއަދު ގޮތެއް ނުނިންމައި ފަސްކުރުމަށް؛ އަދި އެ ދެ މީހުންގެ ހެކިބަސް ނެގުމުން ގޮތެއް ނިންމުމަށް
ހެކިބަސް ނަގާ ނިމުމުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ވަރު ފުލުހުންގެ ފަރާތުން ސާފުކުރިއިރު އެ ފުރުސަތު ކުޑަވޭ؛ އެ ހިސާބުން ދައުލަތުން ވެސް އިސްވެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލަން އެދޭނަން
ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކުރެއްވުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އިހްސާން ނިންމެވީ ޝަމްއާން ބަންދުން ދޫކޮށްލަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށެވެ. އަދި ދައުލަތުން ވެސް ފާހަގަކުރި ފަދައިން ހެކިބަސް ނަގާ ނިމުމުން ދައުލަތުން އިސްވެ ހުށަހަޅާކަން ގާޒީ ވެސް ފާހަގަކުރެއްވި އެވެ.
ބަންދާ މެދު ގާޒީ ދެން ގޮތެއް ނިންމަވާނީ އޭގެ ފަހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ