ބޭންކިން ނިޒާމުގެ ތެރެއިން ގެދޮރު ގަންނަން ފައިސާ ދޭ ފަންޑެއް

މާލެ ސަރަހައްދުން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް 'އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމް'ގެ ނަމުގައި ފަންޑެއް ގާއިމްކޮށް، އެ ފަންޑު ހިންގާނެ ގޮތުގެ ގަވާއިދު، މަރުކަޒީ ބޭންކު އެމްއެމްއޭއިން އާންމުކޮށްފި އެވެ.
ތަފްސީލު - އެއީ ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކުން ބައިވެރިވެގެން ގާއިމްކުރާ ފަންޑެކެވެ. ހަމައެކަނި މާލެ ސަރަހައްދުން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދޭ މި ފަންޑުގެ މުއްދަތަކީ ފަސް އަހަރެވެ.
އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެ ސްކީމުގެ ފަންޑު ހިންގާނީ އެމްއެމްއޭއިން އެކަމަށް ކަނޑައަޅާ މާލީ އިދާރާއަކުންނެވެ.
މުހިންމު ނުކުތާތައް:
ފަންޑުން ފައިސާ ދޫކުރާނީ ގެދޮރުވެރިކަމުގެ މިލްކުވެރިކަން ނެތް، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ އަދި އެމްއެމްއޭއިން ކަނޑައަޅާ އިތުރު ޝަރުތުތައް ފުރިހަމަވާ މީހުންނަށް
ކޮންމެ ބޭންކަކުން ވެސް އެ ބޭންކަކަށް ލޯނާއި ދަރަނީގެ ގޮތުގައި ލިބެން ޖެހޭ ޖުމްލަ ފައިސާގެ ތެރެއިން %10 - %15 އާ ދެމެދުގެ އަދަދެއް ފަންޑަށް ދޫކުރަން ޖެހޭނެ
ފަންޑުން ފައިސާ ދޫކުރާނެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ޝަރުތުތައް އެމްއެމްއޭއިން އާންމުކުރާނެ
ފަންޑުން ދޫކުރާ ފައިނޭންސިން ފެސިލިޓީގެ މުއްދަތަކީ މަދުވެގެން 25 އަހަރު؛ ނަމަވެސް ފެސިލިޓީ ނަގާ ފަރާތުން އެދޭ ނަމަ އެއަށް ވުރެ ކުރު މުއްދަތެއް ހަމަޖެއްސިދާނެ
އެ ފަންޑުން ފައިސާ ދޫކުރާނީ ދެ ބާވަތެއްގެ ފެސިލިޓީއަކަށެވެ. އެއީ ޓައިޕް އޭ (ލީސް އެންޑިން ވިތު އޯނަޝިޕް) އާއި ޓައިޕް ބީ (އެންޑް-ޔޫސާ ފައިނޭންސިން) ފެސިލިޓީ އެވެ.
ޓައިޕް އޭގެ އާންމު ޝަރުތުތައް:
މި ފެސިލިޓީގެ ދަށުން އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ، ފެސިލިޓީގެ ޕްރިންސިޕަލްގެ %5
މި ފެސިލިޓީ ނަގާ ފަރާތުން އެއްވެސް އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެ
ނަމަވެސް އެމްއެމްއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން ޑިޕޮސިޓު ބަހައްޓަން ޖެހިދާނެ
ޓައިޕް ބީގެ އާންމު ޝަރުތުތައް:
އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ ފެސިލިޓީގެ ޕްރިންސިޕަލްގެ %6
އިކުއިޓީގެ ގޮތުގައި އެ ފެސިލިޓީގެ އަދަދުގެ %5 ބަހައްޓަން ޖެހޭނެ
ގަންނަ ތަނުގެ އިތުރަށް އެހެން ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ބަހައްޓާކަށް ނުޖެހޭނެ
އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ފަންޑުން ދޫކުރާ ފެސިލިޓީތަކުން ލިބޭ ފައިދާ، އެ ފަންޑު ހިންގަން ކަނޑައަޅާ މާލީ އިދާރާއަކުން، ބޭންކުތަކަށް ދޫކުރަން ވާނެ އެވެ.
އޭގެ އިތުރަށް ބޭންކުތަކާއި ސްކީމް ހިންގާ އިދާރާއަށް އެމްއެމްއޭއިން ކަނޑައަޅާ އިނާޔަތްތަކެއް ވެސް ދެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ