ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީ އެކި ބޭނުންތަކުގައި ބަހައްޓާފައި ހުރި ގޮނޑި މޭޒުފަދަ ތަކެތި ނެގުމަށް އެޗްޑީސީން އަނެއްކާވެސް އަންގައިފިއެވެ.
އެޗްޑީސީން ވަނީ މީގެ ކުރިންވެސް އެގޮތަށް ދުވާރުމަތީގައި ބަހައްޓާފައި ހުރި ގޮނޑިއާއި މޭޒުފަދަ ތަކެތި ނެގުމަށް އާއްމުކޮށް އަންގާފައެވެ. އެންމެފަހުން ކުރި އިއުލާނުގައި އެޗްޑިސީން ބުނެފައިވަނީ، ހުޅުމާލޭގެ ދުވާރުމައްޗާއި އެނޫންވެސް އެފަދަ ތަންތަނުގައި ބަހައްޓާފައި ހުންނަ ގޮނޑިއާއި މޭޒުފަދަ ތަކެތި ނެގުމަށް އެންގިނަމަވެސް ގިނަ ފަރާތްތަކަކުން ގޮނޑި މޭޒު ބަހައްޓައިގެން ކެފޭގެ ހިދުމަތް ދެމުން އަންނަކަމަށެވެ.
އެޗްޑީސީން ބުނީ ދުވާރުމައްޗާއި ހެޖްތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާކަމެއްކަން ހަނދާންކޮށްދޭކަމަށެވެ.
މީގެ އިތުރުން ބިޔަވާޒާތުގެ ގަސްތައް ހެޖްތެރޭގައި އިންދުމުން ގުޅމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާތީވެ، އެފަދަ ގަސްތައް ނެގުމުގެ މަސައްކަތް އެޗްޑީސީން ފަށާފައިވާކަމަށެވެ.
އެޗްޑީސީން ވަނީ ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖްތެރޭގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒް ފަދަ ތަކެތި އަންނަ ބްރާސްފަތި ދުވަހުގެ ކުރިން ނަގާ ނިންމުމަށް އިލްތިމާސްކޮށްފައެވެ. އަދި ކަނޑައެޅިފައިވާ ތާރީހަށް ނުނަގާނަމަ އެތަކެތި ނަގައި އެސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާނެކަމަށެވެ.
އަދި އެމަސައްކަތުގެ ތެރޭގައި މުދަލަށް ލިބޭ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެކަމަށް ވެސް ވަނީ އާއްމުކޮސް އަންގައި އިއުލާނުކޮށްފައެވެ.
ހުޅުމާލޭ ދުވާރުމަތީ ބަހައްޓާފައިހުރި ގޮނޑި މޭޒުތައް ނަގަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ