މި އުންމަތަށް މާތްﷲ ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތްތަކުގެ ތެރެއިން އެއް ނިޢުމަތަކީ އަޅުގަނޑުމެންގެ އުންމަތަށް ރަސޫލުކަމާއިގެން އަދި ނަބީކަމާއިގެން އިންސާނުންގެ ތެރެއިން ލެއްވި އެންމެ މާތް ސަހިބާ ފޮނުއްވުމެވެ.
އެ ނިޢުމަތުގެ ސަބަބުން ހިދާޔަތުގެ އަލިނޫރު ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. އަދި މާތް ﷲ ވަނީ އެ އިލާހުގެ ދީން އަޅުގަނޑުމެންނަށް ފުރިހަމަކޮށްދެއްވައިފައެވެ. އަދި އެ އިލާހުގެ ކަލާފްފުޅު ކީރިތި ޤުރްއާން ވަނީ އަޅުގަނޑުމެންނަށްވާ ދުސްތޫރެއް ކަމުގައި ލައްވައިފައެވެ. އެ ދުސްތޫރުގެ ފުރިހަމަ ކޮމެންޓްރީއަކަށް މާތް ނަބިއްޔާ صلى الله عليه وسلمގެ ޢަމަލުފުޅުތަކާއި ބަސްފުޅުތަކާއި އިޤްރާރުފުޅުތައް (ޠާހިރު ސުންނަތް) ލައްވައިފައެވެ. އެކަލޭގެފާނަކީ ކީރިތި ޤުރްއާނުގެ ޢަމަލީ ނަމޫނާކަމުގައި ލެއްވިއެވެ.
ހަމަކަށަވަރުން ނަބިއްޔާ ﷺއަކީ ޤުރްއާނުގެ އެންމެ ފުރަތަމަ މުފައްސިރެވެ. އެ ޤުރްއާނުގައިވާ އެއްޗެއް އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާން މާތްﷲ މެދުވެރިކުރެއްވި ފަރާތަކީ އެކަލޭގެފާނެވެ. އެކަލޭގެފާނު ވަނީ އެ އަމާނާތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވައިފައެވެ. އެހެންކަމުން، ކީރިތި ޤުރްއާނުގައި އިޖުމާލުކޮށް ބަޔާންވެގެންވާ ކަންކަން ސުންނަތުން ތަފްޞީލުކޮށްދެއެވެ. އަދި އާންމުކޮށް ބަޔާންވެގެންވާ ކަންކަން ޚާއްޞަކޮށްދެއެވެ. އަދި މުޠުލަޤުކޮށް ބަޔާންވެގެންވާ ކަންކަން ޤައިދުކޮށްދެއެވެ.
ފިތުނަ ގިނަވެފައިވާ މި ޒަމާނުގައި، ކީރިތި ޤުރްއާނުން އެކަނި ފުދޭނެކަމަށް ބުނާ ބަޔަކު ވަނީ ފާޅުވެފައެވެ. ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم މީގެ ސާދަސަތޭކަ އެތައް އަހަރެއް ކުރީން ވަނީ މި ކަން މިހެން ވާނޭ ކަމަށް އިންޒާރުކުރައްވައިފައެވެ. މިހާރު މި ވަނީ އުންމަތް އޭގެ ނަބަވީ ސުންނަތުން ދުރުކުރުމަށް ވަރަށް ގިނަ ޝުބުހަތައް ފާޅުވެފައިވެއެވެ. ގިނަ ދަޢުވާތަކަށް ވަނީ އުފުލިފައެވެ.
އެހެންކަމުން، މި ލިޔުމަކީ ސުންނަތާ މެދު ބައެއް މީހުން އުފައްދާ ޝުބުހަތަކަށް ދޭ ރައްދެއްގެ ގޮތުން ލިޔާ ލިޔުމެކެވެ. އިސްލާމްދީނުގައި ސުންނަތުގެ މަޤާމް ބަޔާންކޮށްދިނުމުގެ ނިޔަތުގައެވެ.
***
ދަޢުވާ1: "ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ ހުރިހާ އެއްޗެއް ހިމަނުއްވައިފައެވެ. އެއީ ފުރިހަމަ ފޮތެއް ކަމަށް އެ އިލާހު ވަނީ ބަޔާންކުރައްވައިފައެވެ. އެހެންކަމުން، ސުންނަތުގެ ބޭނުމެއް ނުވަތަ ސުންނަތުން ޤުރްއާން ތަފްޞީލުކުރުމެއް ނޯންނާނެއެވެ. ޤުރުއާނަށް ޢަމަލުކުރީމަ ނިމުނީއެވެ."
ޖަވާބު:
ކީރިތި ޤުރްއާނުން އެކަނި ފުދޭނެ ކަމަށް ބުނެ ކުރާ ދަޢުވާއަކީ އިސްލާމްދީން އޭގެ އަސާސުން ނައްތައިލުމަށް އަމާޒުކޮށްފައިވާ އެންމެ ނުރައްކާތެރި ގޮވާލުންތަކުގެ ތެރެއިން އެއް ގޮވާލުމެވެ. ކީރިތި ޤުރްއާނަކީ އޭގެ ކުރިމަތިން ވެސް އަދި ފަހަތުން ވެސް އެއަށް ބާޠިލެއް ނާންނާނޭ އަޅުގަނޑުމެންގެ އެންމެ އަސާސީ މަޞްދަރުކަމުގައި ވިޔަސް، މި މަތިވެރި ފޮތް ރަނގަޅަށް ދެނެގަނެ ޢަމަލުކުރުމަށް ޓަކައި ސުންނަތުގެ ބޭނުން ހިފާން ޖެހެއެވެ. އެހެނީ، ސުންނަތަކީ މި މަތިވެރި ފޮތް ޢަމަލީގޮތުން ތަޠުބީޤުކޮށްދީ އިލާހީ ގޮތުން ތަފްސީރުކޮށްދޭ ދީނުގެ ދެވަނަ މަޞްދަރުކަމުގައިވާތީއެވެ. ހަމައެކަނި ޤުރުއާނަށް ޢަމަލުކުރުމަށް ގޮވައިލުމަކީ ޙަޤީޤަތުގައި އޭގެ ޙުކުމްތައް ބާޠިލުކޮށް، އޭގެ މަޤްޞަދުތައް ގެއްލުވައިލައި، ޖާހިލުކަމާއި އިންޙިރާފުވުމަށް ދޮރު ހުޅުވައިލުމެވެ.
އެ ކަން އަންނަނިވި ނުކުތާތަކުން ހާމަވެގެންދާނެއެވެ.
1- ކީރިތި ޤުރްއާނުގައި ވަނީ ސުންނަތަށް ތަބާވުމަށް އަމުރުކުރައްވައިފައެވެ: ކީރިތި ޤުރްއާނުގައި، ނަބިއްޔާ ﷺއަށް ތަބާވުމަކީ ހަމައެކަނި އިޚްތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލައިފައެއް ނުވެއެވެ. އެ ކަމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ އިލާހީ އަމުރުފުޅެކެވެ. ރަސޫލާއަށް ކިޔަމަންތެރިވުމަށް އަމުރުކުރައްވައި، އެކަލޭގެފާނަށް ކިޔަމަންތެރިވުމަކީ މާތް ﷲއަށް ކިޔަމަންތެރިވުމުގެ ތެރެއިންވާ ކަމެއް ކަމުގައި ވަނީ ކީރިތި ޤުރްއާނުގެ ޞަރީޙަ އާޔަތްތަކުގައި ބަޔާންކުރައްވައިފައެވެ.
"مَن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ" (النساء:80) މާނައީ:" ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެވެ." މި އާޔަތުގައި ރަސޫލާ صلى الله عليه وسلمއަށް ކިޔަމަންތެރިވުން، މާތްﷲއަށް ކިޔަމަންތެރިވުމާ އެއްފަދަކުރައްވައިފައިވެއެވެ. މިއީ އެކަލޭގެފާނުގެ ސުންނަތަކީ ދީނުގެ ވަކިނުކުރެވޭނެ ބައެއްކަން ސާބިތުކޮށްދޭ ކަމެކެވެ.
"وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا" (الحشر:7) މާނައީ: " އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!". މިއީ ރަސޫލާ ﷺ ގެންނެވި ހުރިހާ އެއްޗެއް، އެއީ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި ތަޤްރީރުފުޅުތައް، އެއީ ޤުރުއާނުގައި ވިޔަސް އަދި އޭގެ ބޭރުގައި ވިޔަސް، ހިފަންޖެހޭނެކަމުގެ ޞަރީޙަ އަދި ސާފު ނައްޞެކެވެ.
"قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ" (آل عمران: 31) މާނައީ: " ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބާވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ." މި އާޔަތުގައި މާތް ﷲ ވަނީ އެ އިލާހު ދެކެ އަޅުގަނޑުމެން ލޯބިވާ ކަމުގައިވާ ނަމަ، އެ އިލާހުގެ ނަބިއްޔާއަށް ތަބާވުމަށް އަމުރުކުރައްވައިފައެވެ. މި ތަބާވުމަކީ ހަމައެކަނި ޤުރްއާނަށް ތަބާވުމެއް ނޫނެވެ. އެކަލޭގެފާނުގެ ސުންނަތަށް ވެސް ތަބާވުމެވެ.
2- ސުންނަތަކީ ކީރިތި ޤުރްއާން ތަފްސީރުކޮށްދީ އޭގެ ޙުކުމްތައް ތަފްޞީލުކޮށްދޭ އެއްޗެއް: ކީރިތި ޤުރުއާން އައިސްފައިވަނީ ޢާންމު ޤަވާޢިދުތަކާއި ޖުމްލަ އުޞޫލުތަކާ އެކުގައެވެ. އަދި އޭގެ ތަފްޞީލުތައް ވަނީ ނަބަވީ ސުންނަތުގައެވެ. ސުންނަތާ ނުލައި، ހަމައެކަނި ޤުރްއާނަށް ތަބާވާ ނަމަ، އެންމެ އާދައިގެ އަޅުކަންތައް ވެސް އަދާކުރުމަށް އަޅުގަނޑުމެންނަކަށް ނޭނގޭނެއެވެ.
މިސާލަކަށް:
ނަމާދު: ކީރިތި ޤުރްއާނުގައި އެތައް ތަނެއްގައި ނަމާދު ޤާއިމުކުރުމަށް އަމުރުކުރައްވައިފައިވެއެވެ. މިސާލަކަށް "وَأَقِيمُوا الصَّلَاةَ" (އަލްބަޤަރާ، އާޔަތް 43). ނަމަވެސް ރަކުޢަތުގެ އަދަދާއި، ރުކޫޢާއި ސަޖިދައިގެ އޮންނާން ޖެހޭ ގޮތާއި، ނަމާދުގެ ވަގުތުތައް ތަފްޞީލުކޮށް ބަޔާންކޮށްފައެއް ނުވެއެވެ. މި ހުރިހާ ތަފްޞީލުތަކެއް އައިސްފައިވަނީ ނަބަވީ ސުންނަތުންނެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "صلوا كما رأيتموني أصلي" (البخاري) " ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުން ފެނިފައިވާ ގޮތަށް ނަމާދުކުރާށެވެ."
ޒަކާތް: ކީރިތި ޤުރްއާނުގައި ޒަކާތް ދިނުމަށް އަމުރުކުރައްވައިފައިވެއެވެ. ނަމަވެސް އޭގެ ނިޞާބާއި، ކޮންމެ ބާވަތެއްގެ މުދަލަކުން ދޭން ޖެހޭ މިންވަރު ބަޔާންކޮށްފައެއް ނުވެއެވެ. މި ޙުކުމްތައް ތަފްޞީލުކޮށްދީފައިވަނީ ސުންނަތުންނެވެ. މިސާލަކަށް ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "ليس فيما دون خمسة أوسق صدقة" (متفق عليه) "ފަސް ވަސަޤަށް ވުރެ މަދު މިންވަރުން ޞަދަޤާތެއް ނުވެއެވެ."
ޙައްޖު: ކީރިތި ޤުރްއާނުގައި ޙައްޖު އަދާކުރުމަށް އަމުރުކުރައްވައިފައިވެއެވެ. ނަމަވެސް ޠަވާފުކުރާނެ ގޮތާއި، ސަޢީކުރާނެ ގޮތާއި، ޖަމަރާތްތަކަށް ހިލައުކާނެ ގޮތް ބަޔާންކޮށްފައެއް ނުވެއެވެ. މި ހުރިހާ މަނާސިކުތަކެއް ރަސޫލާ ﷺ ޢަމަލީގޮތުން އަދާކުރައްވައި ތަޠުބީޤުކޮށްދެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. "خذوا عني مناسككم" (مسلم) "ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ކިބައިން ތިޔަބައިމީހުންގެ ޙައްޖުގެ މަނާސިކުތައް ލިބިގަންނާށެވެ."
2- ތަޝްރީޢީ ގޮތުން ނަބަވީ ސުންނަތުގެ ދައުރު: ސުންނަތަކީ ހަމައެކަނި ޤުރްއާން ޝަރަޙަކޮށްދޭ އެއްޗެއް ނޫނެވެ. އަދި ކިއެއްތަ، ޤުރްއާނުގައި ޞަރީޙަކޮށް ބަޔާންކޮށްފައިނުވާ ބައެއް ޙުކުމްތަކުގައި އެއީ މުސްތަޤިއްލު ތަޝްރީޢީ މަޞްދަރެކެވެ. މި ތަޝްރީޢީ ދައުރަކީ އިސްލާމްދީން ފުރިހަމަ ކުރުމަށް ކޮންމެހެން ބޭނުންތެރި ދައުރެކެވެ.
އޭގެ މިސާލުތަކުގެ ތެރޭގައި:
ހިމާރުގެ މަސް ޙަރާމްކުރެއްވުން: ޤުރުއާނުގައި މި ކަން ޞަރީޙަކޮށް ޙަރާމްކޮށްފައެއް ނުވެއެވެ. ނަމަވެސް ޙަރާމްކަން އައިސްފައިވަނީ ނަބަވީ ސުންނަތުންނެވެ.
އަންހެނަކާ އޭނާގެ ބޮޑުދައިތައާ އެކުގައި ދެއަނތްބަށް ކައިވެނިކުރުން ޙަރާމްކުރެއްވުން: މި ޙުކުމްތައް އައިސްފައިވަނީ ސުންނަތުންނެވެ.
3- "ޤުރުއާނުގައި ހުރިހާ އެއްޗެއް ވެއެވެ" މި ޝުބުހައަށް ރައްދު: ޤުރްއާނިއްޔޫން ނުވަތަ ޤުރްއާނިސްޓުން (ތިމަންމެނީ ހަމައެކަނި ޤުރްއާނަށް ތަބާވާ މީހުންނޭ ބުނާ މީހުން) އިސްތިދުލާލުކުރަނީ އަންނަނިވި އާޔަތުންނެވެ. "وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِّكُلِّ شَيْءٍ" (އައްނަޙްލު،89). " އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ." މި ޝުބުހައިގެ ޖަވާބަކީ ޤުރްއާނަކީ ދީނުގެ ހުރިހާ ކަމެއްގެ ބަޔާނެއް ކަމުގައިވީ ނަމަވެސް، އެއީ ހުރިހާ ޖުޒުއީ ތަފްޞީލުތަކެއްގެ ބަޔާނެއް ނޫނެވެ.
"ހުރިހާ އެއްޗެއްގެ ބަޔާނެއް" މާނައަކީ: އޭގައި ދީނުގެ އުޞޫލުތަކާއި ޤަވާޢިދުތަކާއި ޢާންމު މަޤްޞަދުތައް ވާކަމެވެ. އަދި އޭގައި ނަބަވީ ސުންނަތަށް ޙަވާލާދީފައިވާކަމެވެ. ޤުރުއާނުން ސުންނަތަށް ބޭނުންވާކަން ނަފީކޮށްފައެއް ނުވެއެވެ. އަދި ކިއެއްތަ، ސުންނަތަށް ކިޔަމަންތެރިވުމަށް އަމުރުކޮށްފައިވެއެވެ. އެހެންކަމުން ސުންނަތަކީ ޤުރްއާނުން އައިސްފައިވާ ބަޔާނުގެ ބައެކެވެ.
"ހުރިހާ އެއްޗެއްގެ ބަޔާނެއް" މިއީ "ހުރިހާ އެއްޗެއްގެ ތަފްޞީލެއް" އާ ތަފާތު އެއްޗެކެވެ. ޤުރުއާނުން އަޅުގަނޑުމެންނަށް ދީނުގެ އުޞޫލުތައް ބަޔާންކޮށްދެއެވެ. އަދި މި އުޞޫލުތައް ތަފްޞީލުކޮށް ޢަމަލީގޮތުން ތަޠުބީޤުކުރުމުގެ ކަންތައް ރަސޫލާ ﷺއަށް ޙަވާލުކުރައްވައިފައިވެއެވެ. އެއީ ދީނަކީ ހަމައެކަނި ޢަމަލުކުރަން ނޭނގޭ ނަޡަރިއްޔާތަކަކަށް ނުވުމަށް ޓަކައެވެ.
ލިޔުމުގެ މިބައި ނިންމައިލުމުގެ ގޮތުން، ދަންނަވަމެވެ. ހަމަކަށަވަރުން، ޤުރްއާނާއި ސުންނަތް ވަކިކުރުމަކީ ޙަޤީޤަތުގައި ނަޡަރިއްޔާއާއި ތަޠުބީޤު ވަކިކުރުމެވެ. އަދި ބަހާއި ޢަމަލު ވަކިކުރުމެވެ. އެއީ އިންސާނަކަށް ވަރަށް އުނދަގޫ މެޝިނެއް ބޭނުންކުރުމުގެ އިރުޝާދު ފޮތެއް ދިނުމަށް ފަހު، އެ ބޭނުންކުރާނެ ގޮތް ޢަމަލީގޮތުން ދައްކައިދޭނެ މީހަކު ނެތުމާ އެއްފަދަ ކަމެކެވެ. އެހެންކަމުން، ނަބަވީ ސުންނަތަކީ މާތްﷲގެ ފޮތް ދެނެގަތުމަށާއި އޭގެ ޙުކުމްތައް ތަޠުބީޤުކުރުމަށް ކޮންމެހެން ބޭނުންވާ ޢަމަލީ ބަޔާނެވެ. އަދި އެއީ އުންމަތް މަގުފުރެދުމުން ސަލާމަތްކޮށްދޭ ވަރުގަދަ ކިއްލާއެކެވެ.
- ޝައިޚް ޝަފީޢު ޢަބްދުﷲ
ޝައިޚް ޝަފީޢުގެ ކޮލަމް: ސުންނަތުގެ ދިފާޢުގައި 1
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ