މުއިއްޒު ސަރުކާރުން ބޮޑުކުރި ސިނގިރެޓް ޑިއުޓީ ކުޑަކޮށް، މަނާކޮށްފައިވާ ވޭޕް ހުއްދަކުރާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވުމުން ބާރަށު ޝުޖާއު ކެކިއަރައި ގަތުމަކުން ހައިރާނެއް ނުވެއެވެ. ސިނގިރެޓްގެ ޑިއުޓީ ކުޑަކުރުމުން ޑިއުޓީ ނުދައްކާ ވަގަށް ސިނގިރެޓާއި ވޭޕް އެތެރެކޮށްގެން ވިއްކާ މީހުނަށް އެކަން ހަޖަމް ނުވާނެކަން ޝުޖާއަށް ވެސް އެނގޭނެއެވެ.
މަގާމުގެ ނާޖާއިޒު ނުފޫޒު ބޭނުންކޮށްގެން ވަގުވިޔަފާރި ކުރުން ކަށީގައި ހިފާފައި ތިބޭ މީހުނަށް ސިނގިރެޓާއި ވޭޕް ސުމަގުލު ކުރުމުގެ ބޭނުން ކެނޑިދާނެތީ ފިސާރި ކަންބޮޑުވާނެއެވެ. ސިނގިރެޓްގެ ޑިއުޓީ ބޮޑުކުރުމުން ގިނަ އަދަދަކަށް ސިނގިރެޓް ސުމަގުލު ކޮށްގެން ވިއްކާ ކަމުގެ ތުހުމަތުގެ އިނގިލި މީހުން ދިއްކުރާ މީސްމީހުން އެޒާތުގެ ވާހަކައަށް މޭކަރާނެއެވެ. މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ސުމާރެއް ނެތި ފައިދާ ނަގަމުން އަޑަށް ބާރުލާފާ އާއްމު ސިއްހަތޭ ސިޔާސަތޭ ކިޔައިގެން ކޯ ތަޅުވަނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ.
ޖީލެއް ދުންފަތުން ސަލާމަތް ކުރުމުގެ ނަމުގައި ވޭޕް މަނާކޮށް ސިނގިރެޓްގެ ޓެކްސް ބޮޑުކުރުމުން ދުންފަތާއި ދުރަކަށް މީހަކު ނުދެއެވެ. ވޭޕް ބޭނުން ކުރިހާ މީހުން ދުންފަތަށް އަނބުރާ ހިޖުރަކުރުން ނޫންކަމެއް އެކަމަކުން ނުވެއެވެ. ބިނާކުރަނިވި ސިޔާސަތެއް ފަނާކުރަނިވި ސިޔާސަތެއް ޝުޖާއަށް އެބަ އެނގޭ ހެއްޔެވެ.
ރައްޔިތުންގެ ސިއްހަތަށްވުރެ ޑިއުޓީއަށް ލިބޭނެ ލާރިކޮޅު މުހިންމު ވެގެނެއް އެމްޑީޕީއެއް ނޫޅެއެވެ. އެމްޑީޕީގެ ސިޔާސަތަކީ ހޮޓާތަކާއި ހޮޅުއަށިތަކާއި ފަޅު އޮޑި ފަހަރަކީ ބިޑިއަނގުރާ އައްޑާތަކަކަށް މުއިއްޒު ހެދި ހެދުމުން އެތަންތަނާއި މީހުން ސަލާމަތް ކުރުމެވެ. އަނބިދަރިން ނުކައިތިއްބާ ބުރަ މަސައްކަތުން ހޯދާ މަދު ލާރިކޮޅު ދުންފަތަށް ހަރަދުކުރުމަށް މީހުނަށް މުއިއްޒު މަޖުބޫރު ކުރުވުމުން އެ މީހުން އެކަމުން މިންޖު ކުރުމެވެ. ފެންވަރެއް މިންވަރެއް ނެތް އެކިފާޑުގެ ފްލޭވަރތައް ބޭނުންކޮށްގެން އަނބުރާ އޮޅިބިޑި ބޮއެގެން ހަލާކުތެރެއަށް އެތައް ބަޔަކު މުއިއްޒު ވައްޓާލުމުން އެމީހުން އެކަމުން ދުރުކުރުމެވެ. ޓެކްސް ނުދައްކާ ވަގަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށްގެން ކުރާ ވަގުވިޔަފާރި ކުރުމަށް މުއިއްޒު ހުޅުވާލި މަގު ބަންދު ކުރުމެވެ.
ބާރަށު ޝުޖާއަށް ނޭނގުނަސް ރައްޔިތުންނަށް ނަފާވެރި ބިނާ ކުރަނިވި ސިޔާސަތެއް އެމްޑިޕީން ނޫނީ ހިންގާފައި ނުވާކަމީ މުޅި ރާއްޖެ ދަންނަ ހަގީގަތެކެވެ. ބޭސް ސިޓީއަށް ސަލާން ޖެހުން ހުއްޓުވުމުން ފެށިގެން ދަތުރު ފަތުރުން މުޅި ރާއްޖެ ގުޅާލުމާ ހަމައަށް މުޅި ރާއްޖޭގައި މިހާރު ހިނގާ ނަފާވެރި ހުރިހާ ސިޔާސަތަކީ އެމްޑީޕީގެ ސިޔާސަތުތައް ކަމަށް ގަބޫލު ކުރަން ބާރަށު ޝުޖާއުމެން ބޭނުން ނުވިޔަސް އެ ހަގީގަތަކީ ބަދަލުކުރެވޭނެ ހަގީގަތެއް ނޫނެވެ.
ބަޖެޓްގެ ގޮތުގައި 120 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިގެން 2 އަހަރު ވެގެން ދާއިރު " ބިހައިންޑް ދަ ސީން " ގައި އުޅޭ މުއިއްޒު ސަރުކާރަށް ގައުމު ފަނާކުރުމާއި ކޮރަޕްޝަނާއި ލޫޓުވުން ނޫން ކަމެއް ކުރެވުނީއެއް ނޫނެވެ. ކުރެވުނު ކަމެއް ނެތްތާ ކުރީ ސަރުކާރުން ނުނެއްޓެވިގެން ތިޔައުޅޭ އުޅުމަށް ހަމްދަރުދީ ވަމެވެ. ހަމަ ތެދެކެވެ. ވައްކަމާއި ކޮރަޕްޝަނުގެ ތުހުމަތުން ކަޅިވެ ތަތްތެޅިފައި ތިބޭ މީހުން ދައްކާ ލަންބާ ޗޯޅާ ވާހަކަ ގަބޫލު ކުރާނެ ބަޔަކު މިހާރަކު ނެތެވެ.
ޝުޖާއަށް: އެމްޑީޕީގެ ސިޔާސަތަކީ ދުންފަތުގެ ވަގުވިޔަފާރި ހުއްޓުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ