އޭޝިއަން ގޭމްސް ފަން ރަން ހުރާގައި؛ ފުރިހަމަ ހަރަކާތަކަށްވާނެ އޭޝިއަން ގޭމްސް ފަން ރަން ހުރާގައި؛ ފުރިހަމަ ހަރަކާތަކަށްވާނެ

އަންނަ އަހަރު ޖަޕާނުގެ އައިޗީ-ނަގޯޔާގައި ކުރިއަށްދާ އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އޭޝިއަން ގޭމްސްގެ އޯގަނައިޒިން ކޮމިޓީ އަދި ކ. ހުރާ ކައުންސިލާ ގުޅިން އެ ރަށުގައި މިއަދު ބާއްވާ "އޭޝިއަން ގޭމްސް ފަން ރަން" ފުރިހަމަ ހަރަކާތަކަށްވާނެ ކަމަށް ބުނެފި އެވެ
އިއްޔެ އިން ފެށިގެން ފަން ރަންގެ ހަރަކާތްތައް ހުރާގައި ހިނގަމުން އަންނައިރު، ރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) އާއި ދަ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ޑިރެކްޓާ އޮފް ޑިވެލޮޕްމަންޓް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ވިސާމް ތުރްކްމާނީ، އޯސީއޭގެ ޑިރެކްޓާ އޮފް މީޑިއާ އެންޑް ބްރޯޑްކާސްޓް ޖީންސް ޒޫ ޖިއާން އަދި އައިޗީ-ނަގޯޔާގެ އޯގަނައިޒިން ކޮމިޓީގެ އެގްޒެކެޓިވް ޕީއާރް ޑިރެކްޓަރު އަދި މީޑިއާ ފުމިހީޓޯ ކަނައިޒޫކާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ހުރާގައި މި ފަހަރު ބާއްވާ އޭޝިއަން ގޭމްސްގެ ފަން ރަންއާ ގުޅިގެން، 20 ވަނަ އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރުމަށް، ހުރާގައި ޔޫތު ރިޕޯޓާސް ޕްރޮގްރާމަކާއި އާޓް އެގްޒިބިޝަނެއް ވެސް ކުރިއަށްދެ އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތަމޫ ވިދާޅުވީ، މިފަހަރުގެ އިވެންޓްތައް ހުރާގައި ކުރިއަށް ގެންދެވެނީ ކައުންސިލާއި ރައްޔިތުންގެ ބޮޑު އެއްބާރުލުމަކާ އެކު ކަމަށެވެ. އަދި، މި އިވެންޓް ކާމިޔާބުކޮށް ބޭއްވުމަށްޓަކައި، ހުރާގެ ޒުވާނުން ދޭ އެހީތެރިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާަހަކަ ދައްކަަވަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މީގެ އިތުރުން، ތަމޫ ވިދާޅުވީ، އޮލިމްޕިކް ކޮމިޓީގެ ވިސްނުން މައިގަނޑު ގޮތެއްގައި ބައްޓަންކުރަނީ، މި އަހަރު ތެރޭގައި ބާއްވާ އިވެންޓްތައް މާލެއިން ބޭރުގައި ބޭއްވުމަށް އިސްކަން ދިނުމަށް ކަމަށެވެ. އޭގެ މައިގަނޑު ސަބަބެއްގެ ގޮތުގައި، ތަމޫ ފާހަގަކުރެއްވީ، ބައިނަލްއަގުވާމީ ކުޅިވަރު މައިދާނަށް ރާއްޖޭގެ ރަށްތައް އިޝްތިހާރު ކުރުމުގެ މުހިންމު ލަނޑުދަނޑި ހާސިލްކުރުމަށާއި ސްޕޯޓްސް ޓޫރިޒަމްގެ ތެރެއިން ރާއްޖެ އަށް މަންފާ ހޯދައިދިނުމަށް ކަމަށެވެ.
އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ޑިރެކްޓާ އޮފް ޑިވެލޮޕްމަންޓް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ވިސާމް ތުރްކްމާނީ ވިދާޅުވީ، އޭޝިއަން ގޭމްސްގައި ބައިވެރިވާ ހުރިހާ ގައުމެއްގައި ފަން ރަން ކުރިއަށްދާނެ ކަމަށެވެ. އޭޝިއާގެ 45 ގައުމަކުން، އަންނަ އަހަރުގެ އޭޝިއަން ގޭމްސްގައި، 41 ކުޅިވަރެއްގައި 400 އިވެންޓްގައި ވާދަކުރާނެކަން ވިސާމް ވަނީ ފާހަގަކުރައްވައިފަ އެވެ.
ޖަޕާނުގައި އޭޝިއަން ގޭމްސް ބާއްވާ ތިން ވަނަ ފަހަރުކަމަށްވާއިރު، މި ފަހަރުގެ ގޭމްސްގައި، އަނެއްކާ ވެސް އޭޝިއާގެ ކުޅިވަރުގެ ކުރިއެރުން ވަޒަންކުރެވިގެންދާނެ އެވެ.
އޮލިމްޕިކް ކޮމިޓީން ބުނީ، ފަން ރަން އަކީ ފަސް ކިލޯ މީޓަރުގެ ރޭހެއް ކަމަށާއި ވަނަތައް ހޮވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، އޭގެ އިތުރުން، ދެން ބާއްވާނީ 13 އަހަރުން ދަށުގެ އެއް މޭލު ދުވުމެއް ކަމަށާއި 100އެއް ހާ ކުދިންނާ އެކު އެ ދުވުން ބާއްވަނީ ހުރާ ކުދިންނަށް ހާއްސަކޮށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ