ކެމޮމައިލް 54

ހެދުނާއި ހަވީރުގެ ޒިކުރުތައް ރޫހާނީ އޮކްސިޖަންފަދައެވެ. އެއާއި ނުލާ ތިބާގެ ރޫހުއަށް ނޭވާލާން ދަތިވާނެއެވެ. ޒިކުރުކުރުމުން ތިބާއަށް ހިތްވަރު ލިބި ރައްކާތެރިކަން އިހުސާސްވާނެއެވެ. ހިތާއި ސިކުނޑިއަށް ތާޒާކަން ލިބޭނެއެވެ. ހިތްހަމަޖެހުމާއި އުފާވެރިކަންވެސް މެއެވެ. އަދި ﷲ ތައާލާގެ ރަހުމަތާއެކު ހިމާޔަތް ލިބިގެން ދާނެއެވެ." *** މިރިއަމް ކަނުލާ އަޑުއަހަން އިނެވެ. ޝައުގުވެރިކަމާއެކުގައެވެ. އެދެމިހުންގެ ދޭތެރޭގައިވި "ރުޅި"ވެރިކަމުގެ ފާރުތަކުގައިވާ ގާތައް މަޑުމަޑުން ނެއްޓެންފެށިއެވެ. އަގުބޮޑު ހަދިޔާތަކާއި ވައުދުތަކަކުން ނޫނެވެ. ދެމީހުން އެކީގައި ކޮފީގައި ތިބެ ދެކެވޭ ވާހަކަތަކުންނެވެ.ބަދަލުކުރެވުނު ކުދި ހިނިތުންވުންތަކުންނެވެ. މިރިއަމްއަށް ވިސްނުނެވެ. އެކުވެރިކަން ފެށެނީ މިކަހަލަ ގޮތަކަށެވެ. ލޯބި އުފެދުމުގެ ކުރިން ނޫނީ އެހެން އެއްވެސް ގުޅުމެއްގެ ކުރިން ގާތްކަމެއް އުފެދެނީއެވެ. އަނެކަކު ކައިރީގައި ހުރުމުން ފުދޭވަރުވެއެވެ. *** ދުވަސްތައް ފާއިތުވާންފެށީ މަޑުމަޑުންނެވެ. މިރިއަމްގެ ކުޑަ ކުޑަ އާއިލާވެސް ދިރިއުޅެމުން ދިޔައީ އަމިއްލަ ވަންތަކަމާއެކު އެހެންމީހުންނަށް ބަރޯސާނުވެއެވެ. އަމާން އޮމާން ދިރިއުޅުމުގެ ތެރެއިންވެސް އިމްތިހާނަކަށް ވެފައިވަނީ މިރިއަމްގެ މަންމައެވެ. ޖަމީލާގެ ބަލި ބޮޑުވަމުން ދިޔައީ މަޑުމަޑުން ނަމަވެސް އެނގޭވަރަށެވެ. އެ ހިމޭންކަމާއި މަޑުމައިތިރިކަމުގައި ފޮރުވިފައިވާ ނުތަނަވަސްކަން ފެންނަވަރު ގިނަވާންފެށިއެވެ. ބައެއްފަހަރު ޖަމީލާގެ ލޯ ވިދާފައި ވާހަކަދެއްކުމުގައި ސާފުކަން ހުންނަނީ އެބަލިން ފަރުދާ އުފުލުނު ފަދައިންނެވެ. އަނެއްބައިފަހަރު ވާހަކަދައްކާއިރު ލަފުޒުތައް އޮޅި ހުއްޓުން އަރާ އަތްރުތުރުލައެވެ. އަދި ނުފެންނަ އެއްޗެއްސާއި ހަމަޔަށް ފޯރަން މަސައްކަތްކުރެއެވެ. އެފަދަ ވަގުތުތަކުގައި މިރިއަމް މަންމަގެ އަތުގައި ހިފަހައްޓައިލަމުން މަޑުމަޑުން ބުނެލައެވެ. "މަންމާ...އަހަރެން މިހިރީ...މިއީ މިރިއަމް..." ނަމަވެސް އެފަދަ ވަގުތު މަންމަ އޭނައަށް ބަލަނީ ބީރައްޓެހި ނަޒަރަކުންނެވެ. ރޭގަނޑުވެސް މިރިއަމްއަށް މަންމަ ނުފެންނަ މީހުންނާއި ވާހަކަދައްކާ އަޑުއިވެއެވެ. ކުރިން ދުވަހަކުވެސް މަންމައަށް ގިބުލަ އޮޅިފައެއްނުވެއެވެ. އެންމެ ސަކަރާތްވި ރޭތަކުގައިވެސް ނަމާދާއި ގިބުލަ މަތިން ހަދާން ނައްތައެއް ނުލައެވެ. ނަމާދަކީ މަންމަގެ އެންމެ ޚާއްސަ އަދި ގަޔާވާ އަމަލެވެ. ފަރުޟު ނަމާދެއް ކީއްކުރަން ސުންނަތް ނަމާދެއްވެސް ދޫކޮށްނުލާނެއެވެ. އެކަމަކު ސިކުނޑި އެންމެފަހުން އެކަންތައްވެސް ފޮރުވަންފެށީއެވެ. ކިތަންމެ ގިނައިން އޭނަ ބުނެދިނަސް ނަމާދު ވަގުތު ޖެހޭއިރަށް މަންމަ ހަނދާނެއް ނުހުރެއެވެ. އެއްފަހަރު އޭނަ ކޮޓަރިއަށް ވަންއިރު މަންމަ ހުރީ ގިބުލައަށް ފުރަގަސް ދީގެން މުސައްލަ އަޅައިގެންނެވެ. އެނިމުނީއެއް ނޫނެވެ. ބޮލުގައި އަޅައިގެން ހުރީ މަންމަގެ މަޑު ރަޖާގަނޑެވެ. "މަންމާ..އިސްޓާކީނު ގެނެސްދެންތަ؟" އޭނައަށް އަހައިލެވުނެވެ. އެކަމަކު އޭރު މަންމަ ހުރީ ހަށަން ބަންނަން އަތް އުފުލާލައިގެންނެވެ. ފިނި ތަޅުންމަތީގައި މަންމަގެ ފައިތިލަ ޖެހިފައިވާއިރު ކުޑަހުޅާއި ހަމަޔަށް ހާމައަށެވެ. ދުވަހަކުވެސް އިސްޓާކީނާއި ނުލާ މަންމަ ނަމާދުކޮށްފައެއް ނުވެއެވެ. އޭނަ މޭގައި އަތް ޖައްސައިލީ ހިތަށް ލިބުނު ވޭނުން ސަލާމަތްވުމަށެވެ. އޭނަ ބޭނުންވީ މަންމަ ހުއްޓުވާފައި މަންމަގެ ފައިތިލަ ފޮރޮވުމަށެވެ. ނަމަވެސް މަންމަ ފާތިހާ ސޫރަތް ކިޔަވަންފެށުމުން ހިމޭންވިއެވެ. ލޮލުގެ ހިމަކޮޅުން ކަރުނައިގެ ތިއްކެއް އައުމާއެކު މަންމަ ނަމާދުކޮށް ނިމެންދެން ކެތްތެރިވެލައިގެން ހުރީއެވެ. މިރިއަމްއަށް ދެން ފާހަގަވާންފެށީ އަމިއްލަ ނަފުސަށް އަންނަންފެށި ބަދަލުތަކެވެ. އާއްމުކޮށް ބޭނުންކުރާ ހަވާދުގެ ބާވަތްތައް ހަނދާން ނެތެންފެށީއެވެ. ކޮޓަރިއަކަށް ވަދެފައި އައި ބޭނުން ނޭގި ހުއްޓުން އެރެއެވެ. ކުދި ކުދިން ކަންތައްތަކެވެ. ޒައްރެއް ވަރެވެ. ނަމަވެސް ހިތް ގުޑައިލާވަރުގެ އިންޒާރުތަކެވެ. އޭނަ އެކަންތައް އެއްވެސް މީހަކާއި ހިއްސާކޮށެއްނުލައެވެ. ޒުބޭރު އަދި އެހެން މީހަކަށްވެސް ނޭގޭނެއެވެ. ބައެއް ރޭތަކުގައި ޒުބޭރު ނިދާފައި އޮންނައިރު އޭނައަށް ނުނިދި ހޭލާ އޮވެވެއެވެ. އޭނަގެ ސިކުނޑީގައިވެސް އިންދިފައިވަނީ ހަމަ އެ އޮށްހެއްޔެވެ؟ މަންމަގެ ހަށިގަނޑުގައި ވެސް އެ އޮށް މޫ ހަރާލާފައިވެއެވެ. ކަނޑުން އަންނަ ވައިރޯޅިތައް ކުޑަދޮރުތައް ތަޅުވަމުން ދިޔައީ ލޮނާއި ދުމުގެ ވަސް ކޮންމެވެސް ވަރަކަށް ހިންމިތަކުން ކޮޓަރިއަށް ވައްދަމުންނެވެ. "އަސްތަޣުފިރުﷲ...." އޭނައަށް އަނދިރީގައި އޮވެ ބުނެވުނެވެ. އެއާއެކު ބިރުގަންނަގޮތްވީ އޭނައަށް ފަހުން އަސްތަޣުފާރު ކިޔަންވެސް ހަނދާންނެތިދާނެތީއެވެ. އެހުރިހާ ބިރަކާއި ނުތަނަވަސްކަމަކާއެކުގައިވެސް އޭނައަށް އެކަނިވެރިކަން އިހުސާސްނުކުރެވެނީ ގާތުގައި މީހަކު ހުރުމުންނެވެ. އެކީގައި ހަޔާތެއް ފެށޭނެކަމަށް އެންމެ ހީނުކުރާ މީހާއެވެ. ﷲއަށް ހަމްދު ހުއްޓެވެ. މިރިއަމް ބަދދިގެ ފަރާތުން އައިއިރު ފެންޑާއާއި ދިމާލުން މަޑު ހުނުމެއްގެ އަޑު އިވުމުން ދޮރުކައިރީގައި ހުއްޓި ބަލައިލިއެވެ. މަންމަ ގާތުގައި އިށީދެލައިގެން އިނީ ޒުބޭރުއެވެ. ކުރިމަތީގައި ހުރީ ދެންމެ ދޮވެގެން ގެނެސްގައި ހުރި ހެދުންތައް އަޅާފައި ހުރި ވަށިގަނޑެވެ. އޭނަ ހެދުންތައް ފަށްޖަހަމުން ދިޔައީ މިރިއަމްފަދައިން ރީތިކޮށް އެއްވަރަކަށް ނޫނެވެ. މަންމަ ހީހީފައި ބޯ ހޫރަމުން ޒުބޭރުއަށް ހެދުން ފަށްޖެހުމުގެ ވައްޓަފާޅި ކިޔާދިނެވެ. "މީތި....."މަންމަ ސްކާފަކަށް އިޝާރާތްކުރިއެވެ." މި ފަށްޖަހާނީ.....މިސާލަކަށް...ގޮބޮޅި ބޮޗޮޅިއަކަށްވެގެން ގޮސް.....އޭނަ ކައިރީ ބުނެބަލަ ތަރާވީހަށް ދާނަމޭ..ސައިތަށި ތެރެއަށް ބުޅަލެއް އެރިފައި މިއޮތީ......" މަންމައަށް ލަފުޒުތައް އަތުރަން ނޭގި ސިކުނޑި ދުންފިނީގެ ތެރެއަށް ވަނެވެ. "މިހެން ދޯ މަންމާ.."ޒުބޭރު ހިނިތުންވެލަމުން ސްކާފް ރޫޅައިލުމަށްފަހު އަލުން ފަށްޖެހިއެވެ.މިރިއަމްއަށް "މަންމަ" އެލަފުޒު އަޑުއިވުމުން ދުނިޔެ އަލިވިހެން ހީވިއެވެ. މަންމައަށް ގޮވައިލުމުގައި އެއްވެސް އައިބުކަމެއް އަޅައިގަތުމެއްނެތެވެ. އޭނަގެ ލޮލަށް ހިނިތުންވުމެއްވެރިވިއެވެ. ޒުބޭރުގެ އުނގުމަތީގައި އޮތް ސްކާފް ރޫޖެހިފައި ތިނެސްކަނަށް އޮތަސް އެންމެ ރަގަޅު ނޫންހެއްޔެވެ؟ ޒުބޭރު ހަމައެކަނި މަންމައަށް އެހީތެރިވަނީއެއްނޫނެވެ. މަންމަ ލައްވާ އޭނަ އެފަދަ ކަމެއް ދަސްކުރަމުން ދިޔައީ މަންމަގެ ކަރާމާތަށް ގެއްލުންނުވާގޮތަށް ބަލައިގެންނެވެ. އޭނައަށް ރީތިކޮށް ފަށްޖެހުމުން މަންމަ ހިތްވަރު ދިނުމުން އުފާލިބިގަންނަނީ ކުޑަކުއްޖެއްހެންނެވެ. އަގުހުރި މަސައްކަތެއް މަންމަ ދަސްކޮށްދޭފަދައިންނެވެ. މަންމައަށް އިހުތިރާމްކުރަނީ އަމިއްލަ މަންމަފަދައިނެވެ. އޭނަގެ އަތުގައި ތަބައް ހުރިއިރު ކުޑަކޮށް ރޫރޫ އެޅިއެވެ. "ކުރުބާފަނި މިހިރީ...ހުރިހާ ކުދިން ކުރުބާ ބޯލަންވީނު..."މިރިއަމް ކުޑަމޭޒުމަތީގައި ތަބައް ބެހެއްޓިއެވެ."މިހާ ހޫނު ދުވަހު އެއްޗެހި ނުބޮންޏާ ފެންމަދުވެދާނެ...." "ޝުކުރަން..."ޒުބޭރު ރަހަ ބަލައިލިއެވެ."ހާދަ ފޮންޏޭ..ހަކުރު އަޅައިގެން ދޯ..." "ނޫން..އެންމެ ހަކުރު ކޮޅެއްވެސް ޖައްސާނުލަން.." "މިއީ ކޯނޗެއްތަ ކަނބުލޮ....ވަރަށް ނުބައި...ރަގަޅެއްނޫން މި.." މަންމަ އެތިފޮދެއް ބޯލާފައި މައްސަލަ ޖެއްސިއެވެ. "އޯ..އެހެންވިއްޔާ ބޮނޑިބަތް މަންމައަށް ގެނެސްދޭނީ. އެއީ އިއްޔެ.... ..."މިރިއަމް ކުއްލިއަކަށް ހަނދާންވީ އެކުވެރިއެއްގެ ދައްތައަކު ވިހައިގެން ބޮނޑިބަތާއި ކުކުޅު ޕާރުސަލެއް ފޮނުވުމުން އޭނައަށް ހަރުގަނޑުގަނޑަކަށް ލެވުނުގޮތަށް އެ ނުނަގާ ހުރެވުނުކަމެވެ. ކުކުޅު ކުނިވެދާނެކަން ޔަގީނެވެ. އޭނަ އަވަހަށް ގޮސް ބޮނޑިބަތް ޕާރުސަލް ނެގިއެވެ. އިރުގަނޑެއްވާންދެން ހުއްޓުން އަރާފައި ހުރެވުނެވެ. އެއީ ކުކުޅެއްވެސް ނޫނެވެ، ހަނާކުރި މަހެވެ. މަންމަ އަށް ވަރަށް ކަމުދާ ކެއުމެކެވެ. އެކަމަކު އޭނަގެ ސިކުނޑިން އެވެސް ކައްސައިލީއެވެ.މިވަނީ ކިހިނެއްހެއްޔެވެ؟ ރޭގަނޑު މަންމަ ނިދުމުން އޭނަ ޒުބޭރުއާއެކު ސިޓިން ރޫމްގައި ޖައްސައިލިއެވެ. އޭނަގެ ބޮލުގައި ރިއްސާތީ ޒުބޭރު ބާމްކޮޅެއް ހާކާފައި މަސާޖްކޮށްދޭންފެށުމުން ލޯ މަރައިލެވުނެވެ. "ޒުބޭރު، އެވަރަށް ހެދުން ފަށް ނުޖެހިޔަސް ހަމަ ރަގަޅޭ. ދޮވުނު ހުރިހާ އެއްޗެއް ވިއްޔަ..." "މިރިއަމްގެ މަންމަ ވާނީ އަހަރެންވެސް މަންމައަށް ނޫންތަ؟" އެލަފުޒުތައް އޭނަގެ މޭގެތެރެއަށް ވަދެގެން ދިޔައީ ހޫނުކަން ފަތުރަމުންނެވެ. އެއީ ކުރިން އަބަދުވެސް "ބިރުވެރިކަން" މޫ ހަރާލާފައިވީ ތަނެކެވެ. އޭނަ އިތުރު އެއްޗެއް ނުބުންޏަސް އެ މަންޒަރު ހިތުން ފިލައިގެނެއްނުދާނެއެވެ. އޭނަގެ ފިރިމީހާ ކެތްތެރިކަމާއެކު ރޫޖެހިފައިވަ ހެދުންތަކާއެކު މަންމަ ވުޖޫދުން ނެތިގެން ދާއިރުވެސް މަންމަ ފުރިހަމަކަމުގައި ދެކެގެން އެކީގައި ވަގުތު ހޭދަކޮށް މަންމައަށް އަޅާލާވަރެވެ. ހަގީގީ މަންމަ މަޑުމަޑުން ފަނޑުވަމުން ދިޔަސް މަންމަ ކަމުގައި ދެކެގެންނެވެ. *** ހޮސްޕިޓަލުން ފޯނު ކޫލެއް އައުމުން ސްޕީކަރަށް ލައިގެން މިރިއަމްއާއި ޒުބޭރު ސިޓިން ރޫމްގައި ތިބީ ނުތަނަވަސްވެފައެވެ."އައްސަލާމް އަލައިކުމް ޒުބޭރު މިރިއަމް..." ޑޮކްޓަރ ތައާރަފުވެލިއެވެ. އަޑުގައި ހުރީ ރަސްމީކަމެވެ. "ޕެޓް ސްކޭން ރިޒަލްޓް ލިބިއްޖެ. އެއިން ދައްކަނީ މިރިއަމްގެ މަންމަގެ ޑިމެންޝިއާއަކީ މިކްސްޑް ޓައިޕްކަމަށް..ލުވީބޮޑީ ޑިމެންޝިއާއާއިމެދު އަޅުގަނޑުމެންނަށް ޝައްކުކުރެވުނުގޮތަށް އެ ފީޗާސްތައް ހުރި އަދި އަލެޒައިމާސް ޕެތޮލޮޖީވެސް ހުރި..." "އަލްޒައިމާސް ވާރުތަކުރުމުގެ ރިސްކުބޮޑު، އޭގެ މާނައަކީ ކޮންމެހެން މިރިއަމްއަށް އެކަން ކުރިމަތިވެދާނެއޭ ނޫން އެކަމަކުވެސް އެވެއާ ވާން ޖެހޭނެ..އަދި ސިއްހަތަށް ބަލައިގެން އުޅުމާއި ފަރުވާތެރިވުން މުހިއްމު..އަޅުގަނޑުމެން ސިމްޓަމްސްތަކަށް ފަރުވާދޭނަން އަދި ޕްލޭން ކުރާނީ ގޭގައިވެސް ސަޕޯޓިވް ކެއާ ދޭން.." މިރިއަމް ސުވާލުކުރީީ ޑިމެންޝިއާއަށް ރަގަޅު ކާއެއްޗެއްސާއި ބެހޭގޮތުންނެވެ. އެ ކޯލް ނިމުމުން މިރިއަމް ޒުބޭރުއާއި ދިމާލަށް މޫނު އަނބުރައިލިއެވެ."މިސާލަކަށް އަހަރެން...އަހަރެން މަންމަހެން ހަދާން ނެތެން ފަށައިފިއްޔާ؟ ކޮންމެވެސް ދުވަހަކުން އަހަރެން ކުރީ ކޮން ނަމާދެއްކަން އޮޅި ނޫނީ ނަމާދުކުރިކަން ހަނދާންނެތިއްޖެއްޔާ؟" އޭނަ އިރުކޮޅެއްވާންދެން ހިމޭނުން އިނެވެ. ޚިޔާލެއްގައެވެ. "އެކަހަލަ ދުވަހެއް އަތުވެއްޖެއްޔާ..އަހަރެން އަބަދުވެސް ރިމައިންޑް ކޮށްދޭނަން މިރިއަމް މަންމައަށް ރިމައިންޑްކޮށްދޭހެން،."ޒުބޭރު އޭނަގެ އަތްތިލަ ނަގާފައި ފިތައިލީ ޔަގީންކަން ދޭ ފަދައިންނެވެ. އެވައުދު އޭނަގެ ހިތަށް ވަނީ އަރާމުދެނިވި ބާމެއް ފަދައިންނެވެ. އެކަމަކުވެސް ބިރުގެ އަސަރުތައްވެސް ހިނގައިލިއެވެ. މަރުދެކެއެއް ނޫނެވެ. އެކަމަކު މަރުގެ ކުރިން އޭނަ އަމިއްލަ ނަފުސް އަތުން ދޫވެގެން ހިނގައިދާނެތީއެވެ. މިރިއަމްގެ މޫނުމަތީގައިވީ ޝައްކުގެ ހިޔަނިތައް ފެނުމުން ޒުބޭރު އެ މޫޑު ބަދަލުކުރަން އުޅުނެވެ. "ތިއީ އަދިވެސް އެތައް އަހަރުކުރީގެ އެ ގޮތްދޫނުކުރާ އަންހެންކުއްޖާ..އެހެންވީމަ އެ ގޮތްދޫނުކުރުން މިރިއަމްގެ ސިކުނޑި ތޫނުކަން މަތީ އެތައް ޒަމާނަކަށް ބަހައްޓައިދޭނެހެން ހީވަނީ...އެހެންނޫނަސް ދެކެބަލަ...ނުވާ ކަމަކާއިހެދި ވިސްނާ ބޯ ގޮއްވަން ތިއުޅެނީ؟ މުސްތަގުބަލް އިހަށް ދޫކޮށްލާ..މިހާރާއިމެދު ވިސްނަންވީ..ﷲ އިރާދަކުރެއްވިގޮތަކަށް ހުރިހާކަމެއްވާނެ...މީހަކަށް ނުޖައްސަވާ ދުރުކޮށްލެއްވިކަމެއް ދިމަލެއްނުވާނެ.ﷲއަށް އިތުބާރުކުރޭ މިރިއަމް..ހީޒް ދަ ބެސްޓް އޮފް ޕްލޭނާސް..." އެ ލަފުޒުތަކުން ހިތަށް އަމާންކަމެއް ލިބުނެވެ. މިއީ އިމްތިހާނުކަން އެނގުނު އޯގާތެރި ހަނދުމަކޮށްދިނުމެކެވެ. މަންމަގެ ބައްޔާއި، މުސްތަގުބަލާއިމެދު ޔަގީންކަން ކުޑަކަމަކީ މުޅިންވެސް ﷲގެ އިރާދައެވެ. ގަޟާގަދަރަށް އީމާންވާންޖެހެއެވެ. އެގޮތަށް ވިސްނުމުން ބިރު އެއްކޮށް ފިލާ ނުދިޔަސް ކޮންމެވެސް ކަހަލަ މަންޒަރެއް ފެނުނެވެ. އޭނަގެ ދައުރަކީ ވީ އެންމެ ރަގަޅަށް މަސައްކަތްކުރުމެވެ. އަދި އެހެން ކަންތައް ހެއްދެވި ފަރާތަށް ދޫކޮށްލުމެވެ. އިންސާނާއަށް ލިބިފައިވަނީ ކުޑަކުޑަ ބާރެކެވެ. ބަލިވާނެ އިރެއް މަރުވާނެ އިރެއް އަދި މުސްތަގުބަލުގައިވާނެގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ޚާލިގުވަންތަ ﷲއެވެ. ވީމަ އެކަންތައް ހިތުގެ އަޑިން ގަބޫލުކޮށް އެފަރާތުން އެންގެވިގޮތަށް އުޅެންވީއެވެ. އުފާވަނީ ހަޔާތުގެ މި ދަތުރުގައި އަތުގައި ހިފައިލާނެ ތެދުވެރި ވަފާތެރި ބައިވެރިޔަކު ހުރީތީއެވެ. އޭނަގެ ބައްޕައާއި ހަމްޒާގެ ސޫރަވެސް ލޮލުގެ ސްކްރީނަށް އެރިއެވެ. އެދެމީހުންވެސް އޭނައަށް ބޭވަފާތެރިވީއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ