އާ ޓާމިނަލްގެ ފުރަތަމަ ލައުންޖް، ކޮވެލި ހުޅުވައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފުރަތަމަ ލައުންޖް، 'ކޮވެލި' އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. އާ ޓާމިނަލުގެ ޑިޕާޗާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ލައުންޖް ހުޅުއްވައިދެއްވީ މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދާއި އެއާޕޯޓުތައް ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ, ރާއްޖޭގެ އިގުތިސާދުގެ މައިތަނބު ކަމަށްވާ ޓޫރިޒަމްގެ މައިބަނދައަކީ ދަތުރުފަތުރާއި ދިވެހިންގެ މެހެމާންދާރީ ކަމަށްވާއިރު އެއާޕޯޓަކީ އެ ހުރިހާ ސިނާއަތްތައް ހިފަހައްޓާ ތަނބު ކަމަށެވެ. އެހެންވެ، އެއާޕޯޓު ތަރައްގީކޮށް ޒީނަތްތެރިކޮށް, ދިވެހި އިގުތިސާދާއި ރާއްޖޭގެ މޫނުމަތި ޕޮޒިޓިވްކޮށް ހިފެހެއްޓުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރައްވަމުން ގެންދަވަނީ ވަރަށް ގައުމީ ވަރަށް ބޮޑު ޖިހާދެއް އަދި މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. https://x.com/VelanaAirport/status/1968713843888013688 އާ ޓާމިނަލްގެ ދެވަނަ ފަންގިފިލާގައި ހަދާފައިވާ މި ލައުންޖަކީ 1,230 އަކަމީޓަރު ބޮޑު ތަނެކެވެ. މިތަނުން އެއްފަހަރާ 270 މީހުންނަށް ޚިދުމަތް ދެވޭނެއެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަސިންޖަރުންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ލައުންޖުގައި ކުޑަކުދިން ކުޅޭނެ ޖާގައަކާއި ބުފޭ ސާވިސްއަށް ޚާއްސަ ތަނެއްގެ އިތުރުން ފެންވަރާލެވޭ ގޮތަށް ޚާއްސަ ފެސިލިޓީތައް ހަދާފައިވެއެވެ. އޭގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ބޭބީ ކެއާއަށް ޚާއްސަ ކޮޓަރިތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ