ކުޅުދުއްފުށި ސިޓީގައި އިއްޔެ ފެށި، ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ދެ ވަނަ މެޗުގައި ދެކުނު އެފްރިކާ އަތުން ސީދާ ދެ ސެޓުން މޮޅުވެއްޖެ އެވެ.
ހަ ޓީމު ވާދަކުރާ ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުގައި، ރާއްޖޭން ލީގު ބުރުގެ ފުރަތަމަ މެޗުގައި، އިއްޔެ ސްރީ ލަންކާ އަތުން މޮޅުވީ 2-1 ސެޓުންނެވެ. އެކަމަކު، މިއަދު ހެނދުނު ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅެ، ދެ ހާފު ވެސް ޑޮމިނޭޓްކޮށް ހޯދި ކާމިޔާބީއާ އެކު ވަނީ އިތުބާރު ބޮޑުކޮށްފަ އެވެ.
މެޗު ފަށައިގެން ރާއްޖޭން ވަރުގަދަ އެޓޭކްތަކާ އެކު، ޕޮއިންޓުގެ ފަރަގު ބޮޑުކޮށް ކުޅެން ފަށައި، އިތުބާރު ހޯދި އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި، ލަންކާ އަތުން ރާއްޖެ މޮޅުކޮށްދޭން މޮޅަށް ކުޅުނު، އަހުމަދު ރަޒްނީ މުހައްމަދު ރަނގަޅު ކުޅުމެއް ދެއްކިއިރު، ރައުލް އައްސަދު ވެސް ވަނީ ތަފާތު ދައްކައި، ގިނަ ލަނޑުތަކެއް ވާއްދާލައިފަ އެވެ. ރާއްޖޭން ފުރަތަމަ ސެޓު ގެންދިޔައީ، 32-9 އިންނެވެ.
ދެ ވަނަ ސެޓު ފަށައިގެން، ދެކުނު އެފްރިކާ އިން ކޮންމެ ވެސް ވަރަކަށް ރަނގަޅަށް ކުޅެން އުޅުނު ނަމަވެސް، ރާއްޖެ އޮތީ ވަރަށް ވަރުގަދަ ފޯމެއްގަ އެވެ. އެހެންވެ، ރަނގަޅަށް ދެކުނު އެފްރިކާ އަށް ކުޅެނުލެވުނުއިރު، ރާއްޖޭން ވަނީ މި ސެޓު 22-13 އިން ގެންގޮސް މެޗުން މޮޅުވެ، މުބާރާތުގައި ރަނގަޅަށް ކުރިއަށްދިއުމަށް އިތުބާރު ހޯދައިފަ އެވެ.
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުޅޭ މި މުބާރާތުގައި، ރާއްޖޭން ކުޅޭ ތިން ވަނަ މެޗުގައި މިރޭ 8 ޖަހާއިރު، ޕާކިސްތާނާ ބައްދަލުކުރާނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި، މާދަމާ ހަވީރު، 4:15 ގައި ބަންގްލަދޭޝާ ކުޅެ، ލީގު ބުރުގެ ފަހު މެޗުގައި، މާދަމާރޭ، 10 ޖަހާއިރު، އިންޑިއާއާ ކުޅޭނެ އެވެ.
މުބާރާތުގައި މިހާތަނަށް ދެން ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ދެކުނު އެފްރިކާ އަތުން ބަންގްލަދޭޝް 2-0 އިން މޮޅުވި އެވެ. އިންޑިއާ އަތުން 2-0 އިން ޕާކިސްތާން ކުރިހޯދިއިރު، އެ ޓީމުން މިއަދު ލަންކާ ބަލިކުރީ ވެސް 2-0 އިންނެވެ.
ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް: ރާއްޖޭން ދެ ވަނަ މެޗުގައި ދެކުނު އެފްރިކާ ބަލިކޮށްފި ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް: ރާއްޖޭން ދެ ވަނަ މެޗުގައި ދެކުނު އެފްރިކާ ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ