ބައްޕަ ޙަވާލުނުވުމަކީ ކުއްޖާއަށް އެއްވެސް އުނިކަމެއް އޮތްކަމެއް ނޫން! ﷲ ގެ ޙަޟްރަތުގަ އެހެންކުދިންނާ އެއްވެސް ތަފާތެއް ނެތް!

ޢިލްމީ ގޮތުން މިހައި ބޮޑަށް ކުރިއަރައި މީސްތަކުންގެ ހޭލުންތެރިކަން އިތުރުވެފައިވާ ޒަމާނުގައިވެސް ބައެއް ކަންކަމުގައި ޖާހިލިއްޔަ ޒަމާނުގެ ވިސްނުން ބައެއް މީހުން އެބަގެންގުޅެއެވެ. އެގޮތުން ބަހެއް ބުނެލަން މިއުޅެނީ ބައްޕަ ޙަވާލުނުވެ ތިބޭ ދަރިންނާއިމެދުގައެވެ.
ފަށައިގަތުމުގެ ކުރިން އެންމެ ބަހެއް ބުނެލާނަމެވެ. ކޮންމެ ކުއްޖެއްގެވެސް މަންމައަކު ހުރެއެވެ. އެއީ ކުއްޖާ އުފަންވަނީ މަންމަގެ ބަޑުންކަމަށްވުމުން މަންމައަކީ ކާކުކަން އެނގޭތީއެވެ. އެކަމަކު އެއްވެސް މަންމައެއްގެ އެކަނި ދަރިއަކު ނުހުންނާނެއެވެ. ބައްޕަ ޙަވާލުނުވުމަކީ ނުވަތަ ފިލުމަކީ ދަރިފުޅު ދުނިޔެއަށް އުފަންވި ސަބަބު އޮޅިގެންދާ ކަމެއް ނޫނެވެ.
ﷲ ތަޢާލާގެ އިރާދަފުޅަށް ނުވަތަ އަމުރުފުޅަށް ފިރިހެނަކާއި ނުލައި މަރްޔަމްގެފާނުގެ ބަނޑުފުޅުން ޢީސާގެފާނު އުފަންވެވަޑައިގެންނެވި ގޮތަށް އިތުރު އެއްވެސް އިންސާނަކު މިދުނިޔެއަށް އެއްވެސް ޒަމާނެއްގައި އުފަންވެފައެއް ނުވެއެވެ. ނުވެސްވާނެއެވެ! ކޮންމެ ކުއްޖަކީވެސް ހަމަ ފިރިހެނަކާއި އަންހެނެއްގެ ސަބަބުން އުފަންވާ ކުއްޖެކެވެ. ބައްޕަ ޙަވާލުވުމާއި ނުވުމަކުން ކުއްޖާގެ ދަރަޖައަށް އެއްވެސް އުނިކަމެއް ނުއަންނާނެއެވެ.
ހިތާމައަކީ ބައްޕަ ސާބިތުނުވާ ދަރިންގެ ފަހަތުގައި ނަމާދު ޞައްހަވާނެތޯ ވެސް ބައެއް މީހުން ސުވާލުކުރާކަމެވެ. އެފަދަ މީޙުންނަށް އޮތް ޖަވާބަކީ އެފަދަ ކުދިންގެ ފަހަތުގައި ނަމާދު ޞައްހަވާނެއެވެ. މުސްލިމުންނަށް ކުރުން ހުއްދަ ކޮންމެ ކަމެއް އެފަދަ ކުއްޖަކާ ތަބަޢަވެގެން ކުރެވޭނެއެވެ.
އިމާމްވެ ނަމާދުކުރަންވީ އެކަމަށް ޝަރުޠު ހަމަވާ މީހުންނެވެ. ނަމާދުގެ ޙުކުމްތައް އެނގި އަދި ކީރިތި ޤުރްޢާން ރިވެތި ގޮތުގައި ކިޔަވަން ދަންނަ މީހުންނެވެ. ނަމާދުގެ ޙުކުމްތައް ދަންނަ ޙާފީޡަކަށް ވެވުމަކީ އެންމެ ފުރިހަމަ ގޮތެވެ. އެ ޝަރުޠުތައް ހަމަވުމުން އޭނާގެ ބައްޕަގެ ނަން އުފަންދުވަހުގެ ސެޓުފިކެޓުގައި އިނދޭތޯ ނުވަތަ ނޫންތޯ ބަލާކަށް ނުޖެހޭނެއެވެ! އެއީ އިމާމްވެ ނަމާދުކުރުމުގެ ޝަރުޠުތަކުގެތެރޭގައި ހިމެނޭ ޝަރުޠެއް ނޫނެވެ.
ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ނަގާއިރު އޭނާއަކީ ބައްޕަ ޙަވާލުވެފައި ހުރި މީހެއްތޯއެއް ނުބަލައެވެ. އަދި ފަނޑިޔާރކަށް ވުމަށްވެސް އެއީ ޝަރުޠެއް ނޫނެވެ. ބަލާނީ އެމީހާގެ ފެންވަރަށެވެ! އަޚްލާޤީ ފެންވަރަށާއި ޢިލްމީ ފެންވަރަށެވެ!
މިފަދަ ހުރިހާ ކަމަކުން އެނގިގެން މިދަނީ ދަރިފުޅާއި ބައްޕަ ޙަވާލުނުވި ނަމަވެސް އެ ކުއްޖާގެ އެއްވެސް ކުށެއްނެތް ކަމެވެ. މަޢްޞޫމް ކުއްޖެއް ކަމެވެ. ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ ކޮންމެ މީހަކުވެސް ދުނިޔެއަށް އުފަންވެފައި ތިބޭނީ ފިރިހެނަކާއި އަންހެނެއްގެ ސަބަބުންކަމެވެ. އަންހެނަކަށް އެކަނި ނިޞްބަތްވާ އެންމެ ކުއްޖަކު ވެސް ދުނިޔެއަކު ނުހުންނާނެއެވެ. ވީމާ އެކަމުގައި ފިރިހެން މީހާ ނުވަތަ އަންހެން މީހާ އާއި ފިރިހެން މީހާ އާއި ދެމީހުން އެކުގައި ﷲ ތައާލާއަށް އުރެދި ޚިޔާނާތްތެރިވުމުން ލިބުނު ދަރިފުޅުގެ އޮންނާނީ ކޮން ކުށެއް ހެއްޔެވެ؟
ފިރިހެން މީހާ ޚިޔާނާތްތެރިވުން ކަމަށް މިބުނަނީ ގަދަކަމުން އަންހެނެއްގެ އިއްފަތް ނަގައިލުމުން ދަރިއަކު ލިބުމަށެވެ. އަންހެން މީހާ އާއި ފިރިމީހާ އާއި ދެމީހުން ވެސް ޚިޔާނާތްތެރިވުންކަމަށް މިބުނަނީ ލޯބިވެގެން އުޅުމުގައި ކައިވެނީގެ ބޭރުން ދަރިއަކު ހޯދުމަށެވެ. ހަށިވިއްކައިގެން ކުދިން ހޯދުމަށެވެ. މިއިން އެއްވެސް ޙާލަތެއްގައި ލިބޭ ދަރިންގެ އެއްވެސް ކުށެއް ނެތެވެ.
ކޮންމެ ކަމެއްގައިވެސް އަހަރެމެން ޤަބޫލުކުރަންޖެހޭނީ އިސްލާމްދީނުގައި ބަޔާންވެގެންވާ ގޮތެވެ!
ﷲ ތައާލާ ވަޙީ ކުރައްވަވާފައިވަނީ އެމީހަކު ޒިންމާ އުފުލަންޖެހޭނީ އެމީހަކު ކުރި ކުށަކަށް، ފާފައަކަށް ކަމަށެވެ. އެހެން މީހަކު ކުރި ކުށެއްގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށެވެ.
އިންސާނާގެ ދަރަޖަ މަތިވެރިވެ އުފުލިގެންދަނީ އެމީހާގެ ތަޤްވާވެރިކަމުން ކަމުގައިވާއިރު މިދެންނެވި ފަދަ ބައްޕަ ސާބިތު ނުވާ ކުދިންގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި ކުޑަވާންވީ އެއްވެސް ސަބަބެއް ނެތެވެ.
ހިތާމައަކީ އެއީ ކިތަންމެ ނުބައި ކަމެއް ނަމަވެސް އަދިވެސް ބައެއް މީހުން ގެ ހިތުގައި ބައްޕަ ޙަވާލުނުވެ ތިބޭ ދަރިންނާއިމެދު ނުބައި ހީތައް ކުރެވޭކަމެވެ. އެފަދަ ކުދިންގެ ދަރަޖައަކީ ދަށު ދަރަޖައެއް ކަމަށް ދެކެ ނިކަމެތިކުރެވޭކަމެވެ. ވީމާ މިބަޔާންކުރި ކަންކަން އެނގުމަށްފަހު ވިސްނުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދުކުރަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ