ފެން ހޮޅިއަށް ގެއްލުންވެ، 2 ގެއަކުން 55 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް
ހެނދުނު މ. ހައުސްޕްލާޒާ ގޭގައި ރޯވި ހާދިސާއާ ގުޅިގެން ދެ ގެއަކުން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން މިއަދު ފޯރުކޮށްދީފިއެވެ. ހާދިސާ ހިނގާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެއް ފަޅަށް ދޫކޮށްލާފައި ހުރި ގެއެއްގައި ކަމަށްވާއިރު، ހެނދުނު 06:35 ހާއިރު އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުމުން ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވުނީ 07:47 ހާއިރު ކަމަށް އެެމްއެންޑީއެފުން މައުލޫމާތު ދިނެވެ. މ.ހައުސްޕްލާޒާ ގޭގައި ރޯވި އަލިފާން ނިއްވަނީ: މި ހާދިސާގައި ދެ ގެއެއްގެ މައި ފެން ހޮޅިއަށް ވަނީ ގެއްލުންތަކެއް ވެފައި ---- ފޮޓޯ/އެމްއެންޑީއެފް މިކަމާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެ ހާދިސާއާ ގުޅިގެން ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެންލުންވި ކަމަށް ބުނެފައެވެ. https://x.com/NDMAmv/status/1888462520987652199 އެހެންވެ، އެ ގެއްލުން މަރާމާތުކުރެވެންދެން ދެ ގެއަކުން ޖުމުލަ 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. އެގޮތުން، ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދިން މީހުންގެ ތެރޭގައި 20 ބިދޭސީއަކު ހިމެނޭކަން އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ. މ. ޕްލާޒާ ގޭގައި ރޯވި އަލިފާން ނިއްވަނީ ---- ފޮޓޯ/އެމްއެންޑީއެފް އެމްއެންޑީއެފުން ބުނީ، އެ ގޭގައި އަލިފާން ރޯވީ ގޭގައި ހުރި ކުނިތަކެއްގައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ