ގާޒާގެ ރައްޔިތުން ރަށުން ބޭރުކުރުމަށް އެމެރިކާ-އިސްރާއީލް މަސައްކަތްކުރަމުންދާއިރު އަރަބި ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަނީ

ތާރީޚުގައި އެތައް ފަހަރަކު ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ނެރެފައިވާ އިސްރާއީލުން، މިހާރު އަނެއްކާވެސް ދަނީ ގާޒާގެ 2.3 މިލިއަން ރައްޔިތުން ބޭރުކޮށްލުމުގެ ޕްލޭން ރާވާ މަގު ތަނަވަސްކުރަމުންނެވެ.  އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެންމެ ފަހުން ފަލަސްތީނުގެ ރައްޔިތުން ސައޫދީ އަރަބިއްޔާއަށް ބަދަލުކުރުމަށް ހުށަހަޅައިފަ އެވެ.
 ނަމަވެސް، ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން އެހެން ގައުމަކަށް ބަދަލުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ކުށެއްކަމަށް ބުނެ އދ. ގެ އިސް ތަހުގީގުކުރާ ފަރާތް ނަވީ ޕިއްލޭ ވަނީ ސީދާ ފާޑުކިޔުއްވާފަ އެވެ.
ނަތަންޔާހޫގެ މި ހުށަހެޅުމާއެކު ފަލަސްތީނުގެ ރައްޔިތުން 'ނައްތާލުމަށް' އިސްރާއީލުން ރާވަމުންދާ ރޭވުންތައް އިތުރަށް ހާމަވެގެން ދިޔައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ކުރިން ގާޒާގެ ރައްޔިތުން މިސުރާއި ޖޯޑަނަށް ބަދަލުކުރުމަށް ހުށަހަޅުއްވާފަ އެވެ. މިއީ "ނަސްލު ފޮހުމުގެ" އަމަލެއްކަމަށް ބުނެ އަރަބި ދުނިޔެއިން ދަނީ ދެކޮޅުހަދަމުންނެވެ.
އަރަބި ލީގުގެ ކުއްލި ބައްދަލުވުން
މިސުރުގެ ވެރިރަށް ކައިރޯގައި ކުރިއަށް 27 ފެބުރުއަރީގައި އަރަބި ލީގުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވަނީ، ފަލަސްތީނުގެ އެދުމުގެ މަތިންނެވެ. މި ބައްދަލުވުމުގައި އިސްރާއީލާއި އެމެރިކާގެ ހުށަހެޅުންތަކާމެދު މަޝްވަރާކުރެވޭނެކަމަށް އަރަބި ލީގުން މައުލޫމާތު ދީފައިވެ އެވެ. މިއީ "ފަލަސްތީނުގެ މައްސަލައިގައި ކުރިމަތިވެފައިވާ ނުރައްކާތެރި ކަންތައްތަކާ" ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
އެމެރިކާގެ ހުށަހެޅުން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގާޒާ އެމެރިކާގެ ބެލުމުގެ ދަށަށް ގެނެސް، "މެޑިޓަރޭނިއަން ރިވިއެރާ" އަކަށް ބަދަލުކުރުމަށް ހުށަހަޅާފަ އެވެ. އަދި ގާޒާގެ ރައްޔިތުން މިސުރާއި ޖޯޑަނަށް ބަދަލުކުރުމަށްވެސް ހުށަހަޅާފައިވެ އެވެ. މިކަމާ ގުޅިގެން ދުނިޔޭގެ އެތައް ފަރާތަކުން ވަނީ ފާޑުކިޔާފަ އެވެ. އަރަބި މަސްދަރުތަކުން މައުލޫމާތު ދޭގޮތުގައި އަރަބި ސަމިޓުގައި ޓްރަމްޕްގެ ހުށަހެޅުންތަކާ ދެކޮޅަށް އެއް އަޑަކުން ވާހަކަދެއްކުމަށް ވަނީ ނިންމާފަ އެވެ.
މިސުރުގެ އިންކާރު
މިސުރުގެ ރައީސް އަބްދުލް ފައްތާހު އައް-ސީސީ ވަނީ ގާޒާގެ 2.3 މިލިއަން ރައްޔިތުން އެ ގައުމަށް ބަދަލުކުރުމަށް އިންކާރުކުރައްވަ އެވެ. މިސުރަކީ އެމެރިކާގެ ގާތް އެކުވެރި އަދި އަހަރަކު 1.3 ބިލިއަން ޑޮލަރުގެ އެހީ ލިބޭ ގައުމެކެވެ. އަރަބި ލީގުގެ އަމީން އާންމު އަހުމަދު އަބޫލް ޣައިތު ވިދާޅުވެފައިވަނީ ނަތަންޔާހޫގެ ވާހަކަތަކަކީ "ހަގީގަތާ އެއްވެސް ގުޅުމެއް ނެތް" ވާހަކަތަކެއް ކަމަށެވެ. އެފަދަ ޚިޔާލުތަކަކީ "ހަމައެކަނި ހުވަފެންތަކެއް ނުވަތަ ޚިޔާލުތަކެއް" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސަޢޫދީ އަރަބިއްޔާގެ ރައްދު
ސައޫދީ އަރަބިއްޔާއިން ވަނީ ނަތަންޔާހޫގެ ހުށަހެޅުމަށް ހަރުކަށި އިބާރާތުން ފާޑުކިޔާފަ އެވެ. އެ ގައުމުގެ ބަޔާނުގައި ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަކީ އެމީހުންގެ ބިމުގެ ވެރިންކަމަށާއި، އެމީހުންނަކީ ބޭރުން އައިސްތިބި ބައެއް ނޫންކަމަށެވެ. ގަތަރު، ޖޯޑަން، މިސުރު، ޔުނައިޓެޑް އެރެބް އެމިރޭޓްސް، ކުވެއިތު އަދި އިރާގު އާއި ގަލް ކޫޕަރޭޝަން ކައުންސިލުން ވެސް ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޖީސީސީގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް މުހައްމަދު އަލްބުދައިވީ ވިދާޅުވެފައިވަނީ މިއީ "ނުރައްކާތެރި އަދި ޒިންމާދާރުކަން ކުޑަ" ބަޔާންތަކެއް ކަމަށެވެ. "މިއީ ބައިނަލްއަޤްވާމީ އަދި އދ. ގެ ގާނޫނުތަކާއި މުއާހަދާތަކަށާއި ގައުމުތަކުގެ ސިޔާދަތަށް އިސްރާއީލުގެ އޮކިއުޕޭޝަން ބާރުތަކުން ދޭ އިހްތިރާމް ކުޑަކަން ދައްކުވައިދޭ" ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އިސްރާއީލްގެ އޮކިއުޕޭޝަނުން ގާޒާގައި ތިބި ފަލަސްތީނު އަޚުންނާ ދެކޮޅަށް ހިންގަމުންދާ ހުއްޓުމެއްނެތް ޖަރީމާތަކުން، އޭގެ ތެރޭގައި އެމީހުންނަށް ކުރިމަތިކުރުވަމުންދާ ނަސްލު ފޮހުމުގެ އަމަލުތަކުން، ސަމާލުކަން އެހެން ދިމާލަކަށް ބަދަލުކުރުމަށް ދައްކާ މިފަދަ ވާހަކަތަކަށް ސައޫދީ އަރަބިއްޔާއިން ފާޅުކަން ބޮޑު ގޮތެއްގައި އިންކާރުކުރާކަން އަޅުގަނޑުމެން ދަންނަވަމެވެ،" ސަޢޫދީ ޚާރިޖީ ވުޒާރާއިން ބުނެފައިވެ އެވެ.
ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ވަނީ ނަތަންޔާހޫގެ ވާހަކަތަކަށް ފާޑުކިޔާފައިވާ އެކުވެރި ގައުމުތަކަށް ޝުކުރު އަދާކޮށްފަ އެވެ.
މިސުރުގެ ރައީސް އައް-ސީސީ މި މަހު އެމެރިކާއަށް 
މަޢުލޫމާތު ލިބޭގޮތުގައި މިސުރުގެ ރައީސް އައް-ސީސީ މި މަހު އެމެރިކާއަށް ދަތުރުފުޅެއް ކުރައްވާ ޓްރަމްޕާ ބައްދަލުކުރައްވާނެ އެވެ. ނަމަވެސް މި ދަތުރުފުޅު ވައިޓް ހައުސް އަދި މިސުރުގެ ރިޔާސީ ގަނޑުވަރުން އަދި ކަށަވަރުކޮށްފައެއް ނުވެ އެވެ. މިސުރުގެ ޚާރިޖީ ވަޒީރު ބަދުރު އަބްދުލްއައްޓީ ވަނީ އާދިއްތަ ދުވަހު އެމެރިކާއަށް ވަޑައިގެންފަ އެވެ.
މިސުރުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އަބްދުލްއައްޓީ އެމެރިކާގެ ބޮޑެތި އިސްވެރިންނާއި އަދި ކޮންގްރެސްގެ މެންބަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. "މި ދަތުރުފުޅަކީ ދެޤައުމުގެ ދެމެދުގައިވާ އެކުވެރިކަމާއި ސްޓްރެޓެޖިކް ގުޅުން ވަރުގަދަކުރުމަށާއި، ސަރަހައްދީ ކަންކަމާމެދު މަޝްވަރާކުރުމަށް ކުރައްވާ ދަތުރުފުޅެއް" ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ސަރަހައްދީ ކަންބޮޑުވުންތައް
އިސްރާއީލާއި އެމެރިކާގެ ހުށަހެޅުންތަކުން އަރަބި ގައުމުތަކުގައި އުފެދިފައިވާ ކަންބޮޑުވުންތައް އިތުރުވަމުންދާކަން ފާހަގަކުރެވެ އެވެ. ޚާއްސަކޮށް ގާޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމުގެ ވާހަކަ ދެއްކުމުން، އަރަބި ގައުމުތަކުގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.
ސަލާމަތީ ކަންބޮޑުވުންތައް
މިސުރުގެ ރައީސް އައް-ސީސީ ވަނީ ގާޒާގެ ރައްޔިތުން އެގައުމަށް ބަދަލުކުރުމަށް ހުށަހެޅުމަކީ ސަލާމަތީ ގޮތުން ނުރައްކާތެރި ކަމެއްކަމަށް ވިދާޅުވެފަ އެވެ. މިސުރަކީ ގާޒާއާއި އިސްރާއީލް އާއި ސަރަހައްދު ހިއްސާކުރާ ގައުމަކަށްވުމާއެކު، މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ސަލާމަތަށް ނުރައްކާވެދާނެކަމުގެ ބިރު އެބައޮތެވެ.
އިގްތިސާދީ އަސަރުތައް
މި ހުށަހެޅުންތަކުގެ ސަބަބުން އެކި ގައުމުތަކުގެ އިގްތިސާދަށް ކޮށްފާނެ އަސަރުތަކާމެދުވެސް ކަންބޮޑުވުން ފާޅުކުރެވެމުންދެ އެވެ. ގާޒާގެ 2.3 މިލިއަން މީހުން އެއްފަހަރާ އެހެން ގައުމަކަށް ބަދަލުކުރުމަކީ އެ ގައުމެއްގެ ވަސީލަތްތަކަށް ބޮޑު ބުރައެއް އަންނާނެ ކަމެކެވެ.
އިންސާނީ ހައްގުތަކުގެ މައްސަލަ
އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ވަނީ ގާޒާގެ ރައްޔިތުން ބަދަލުކުރުމަކީ އިންސާނީ ހައްގުތަކާ ޚިލާފު ކަމެއްކަމަށް ބުނެފަ އެވެ. މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ކަމެއްކަމަށްވެސް އެފަރާތްތަކުން ބުނެ އެވެ.
ކުރިއަށް އޮތް ބައްދަލުވުން
ފެބުރުއަރީ 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި ލީގުގެ ކުއްލި ސަމިޓް ބައްދަލުވުމުގައި މި މައްސަލަތަކާމެދު މަޝްވަރާކުރެވޭނެކަމަށް ބެލެވެ އެވެ. މި ބައްދަލުވުމުގައި އަރަބި ގައުމުތަކުން އިސްރާއީލާއި އެމެރިކާގެ ހުށަހެޅުންތަކާ ދެކޮޅަށް މަސައްކަތްކުރާނެކަން ފާހަގަކުރެވެ އެވެ.
ޔޫރަޕިއަން ޔޫނިއަން އާއި އެހެނިހެން ފަރާތްތަކުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވޭ
ޔޫރަޕިއަން ޔޫނިއަން އާއި އެހެނިހެން ބައިނަލްއަގްވާމީ ފަރާތްތަކުންވެސް ވަނީ މި ހުށަހެޅުންތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އިހްތިރާމްކުރުމަށް ގޮވާލާފައިވެ އެވެ.
އިސްރާއީލާއި އެމެރިކާއިން ގާޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަކީ އަރަބި ގައުމުތަކުން އެއްވެސް ވަރަކަށް ގަބޫލުކުރާ ކަމެއް ނޫނެވެ. ކުރިއަށް އޮތް އަރަބި ލީގުގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން އެއް އަޑަކުން ވާހަކަދައްކައި، އަރަބި ގައުމުތަކުގެ އެއްބައިވަންތަކަން ދައްކުވައިދޭނެކަމަށް ބެލެވެ އެވެ.
އިސްރާއީލާ ދެކޮޅަށް އެޕާތެއިޑްގެ ދައުވާ އުފުލުމަށް ގޮވާލައިފި
 ގާޒާގެ ފަލަސްތީނު ރައްޔިތުން ބަދަލުކުރުމަށް ޓްރަމްޕް ހުށަހަޅާފައިވާ ޕްލޭނަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު އަދި "ނަސްލީ ފޮހުމުގެ" އަމަލެއްކަމަށް އދ. ގެ ފަލަސްތީނުގެ އިންސާނީ ހައްގުތަކާބެހޭ ތަހުގީގުކުރާ އިސް ފަރާތުން ޕޮލިޓިކޯއަށް ބުނެފައިވެއެވެ.
"ޓްރަމްޕަށް ބައިނަލްއަގްވާމީ ގާނޫނާއި އޮކިއުޕޭޝަންގެ ގާނޫނުގެ މައުލޫމާތު އެނގިފައިވަނީ ވަރަށް ދެރަކޮށެވެ. އޮކިއުޕައިކޮށްފައިވާ ބަޔަކު ގަދަކަމުން ބަދަލުކުރުމަކީ ބައިނަލްއަގްވާމީ ކުށެކެވެ. އަދި މިއީ ނަސްލު ފޮހުމުގެ އަމަލެކެވެ،" އދ. ގެ ފަލަސްތީނު އޮކިއުޕައިޑް ޓެރިޓަރީގެ ތަހުގީގު ކޮމިޝަންގެ ޗެއާ ނަވީ ޕިއްލޭ ޕޮލިޓިކޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
"ފަލަސްތީނުން ރައްޔިތުން އެމީހުންގެ ބިމުން ނެރުމުގެ އިންޒާރު ޓްރަމްޕަށް ތަންފީޒުކުރެވޭނެ އެއްވެސް ގާނޫނީ ގޮތެއް ނެތް" ކަމަށް ޕިއްލޭ ވިދާޅުވިއެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އަދި ރުވާންޑާގެ ނަސްލީ މަރުގެ މައްސަލަތައް ބެލި ޚާއްޞަ ކޯޓުގެ ކުރީގެ ފަނޑިޔާރު ޕިއްލޭ ވަނީ، ހަނގުރާމައިގެ ކުށްތަކަށް ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ އައިސީސީއާ ދެކޮޅަށް ޓްރަމްޕް އަޅާފައިވާ ފިޔަވަޅުތަކާމެދުވެސް ފާޑުކިޔުއްވާފަ އެވެ.
"ބައިނަލްއަގްވާމީ ގާނޫނު ހިނގަންވާނީ ހަމަހަމަކަމާއެކު، ގައުމެއްގެ ރައްޓެހިންނަށް ތަފާތު މިންގަނޑުތަކެއް ނުބަހައްޓާ،" ޕިއްލޭ ވިދާޅުވިއެވެ.
ސައުތު އެފްރިކާގެ ހައި ކޯޓުގެ އަންހެން ފަނޑިޔާރުކަންކުރެއްވި ޕިއްލޭ ވަނީ، އިސްރާއީލާ ދެކޮޅަށް އެޕާތެއިޑްގެ ދައުވާއެއް އައިސީސީގައި އުފުލުމަށް ތާއީދުކުރައްވާނެކަމަށްވެސް ޕޮލިޓިކޯއަށް ވިދާޅުވެފަ އެވެ.
ދުނިޔޭގެ ގައުމުތަކުން ސައުތު އެފްރިކާގެ އެޕާތެއިޑް ވައްޓާލުމަށް އެޅި ފިޔަވަޅު އެޅިފަދައިން އިސްރާއީލާ ދެކޮޅަށްވެސް ފިޔަވަޅު އަޅަންވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"[އައިސީސީގެ ޕްރޮސެކިއުޓަރ] ކަރީމް ޚާން މި ކުށުގެ ދައުވާ ކުރާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑަކީ އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެއް، އަދި މީގެ ކުރިން ދައުވާ ނުކުރާ ކުށެއްގެ ދައުވާ ކުރުމަކީ ތަންކޮޅެއް އުނދަގޫ ކަމެއްކަން އަޅުގަނޑަށް އެނގޭ... ނަމަވެސް އެޕާތެއިޑްގެ މައްސަލައެއް އަތުވެއްޖެނަމަ، ހަމަކަށަވަރުންވެސް އަޅުގަނޑު އެކަމަށް ތާއީދުކުރާނަން" ކަމަށް ޕިއްލޭ ވިދާޅުވެ، އޭނާގެ ކޮމިޝަނުން އެޕާތެއިޑްގެ ތުހުމަތާ ގުޅޭގޮތުން އިސްރާއީލް ތަހުގީގުކުރުމަށް ރާވާކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ