ސްޓްރޯކެއް ޖެހުނު މީހާގެ މައްސަލައިގައި ފުލުހުން މައާފަށް އެދެން ޖެހޭ: ޑްރައިވަރުންގެ ޖަމިއްޔާ
ސްޓްރޯކެއް ޖެހިފައިވާ މީހަކަށް މަސްތުގެ ތުހުމަތުކޮށް، އޭނާ ފުލުސް އޮފީހުގައި ގިނައިރު ވަންދެން ބެހެއްޓި މައްސަލައިގައި ފުލުހުން މައާފަށް އެދެން ޖެހޭ ކަމަށް ޑްރައިވަރުންގެ ޖަމިއްޔާއިން ބުނެފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައިވަނީ، މިދިޔަ ހޮނިހިރު ދުވަހު ސްޓްރޯކެއް ޖެހިގެން އެކްސިޑެންޓުވި މީހަކު ފުލުހުން ހަ ގަޑިއިރު ވަންދެން ހިފެހެއްޓި ކަމަށާއި އޭގެ ސަބަބުން އެ މީހާގެ ހާލު ދެރަވެފައިވާ ކަމަށެވެ. އެ މައްސަލައިގައި ޑްރައިވަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ، ޓެކްސީ ދުއްވަމުން ދަނިކޮށް ސްޓްރޯކެއް ޖެހި، ފުލުހުންގެ އިހުމާލުން ފަރުވާ ނުލިބި ލަސްވީ 41 އަހަރުގެ އަލީ ޝިމާން ކިޔާ މީހަކަށް ކަމަށެވެ. އެ ޖަމިއްޔާއިން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު ޝިމާން ދުއްވި ކާރެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ވެމްކޯ ބުރިޖް ކައިރިން އެކްސިޑެންޓް ވުމުން އެ ސީނަށް އެޓެންޑްވި ފުލުހުން ބެލީ އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. https://x.com/DriversAssocMV/status/1888553638269984990 އެ ޖަމިއްޔާއިން ބުނީ ޝިމާނަށް ބޭސްފަރުވާގެ އަވަސް ޚިދުމަތް ފޯރުކޮށްދިނުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށާއި އޭނާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ކުށްވެރިކުރާ ކަމަށެވެ. އަދި އޭނާގެ ސިއްހަތަށް އެއްވެސް އިސްކަމެއް ދިނުމެއް ނެތި ފުލުހުން ވަނީ އޭނާ ދުއްވި ވެހިކަލްވެސް ޓޯ ކޮށްފައި ކަމަށް އެ ބަޔާނުގައިވެއެވެ. "އޭނާގެ އާއިލާއިން ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުން ނުކުރާކަން ކަށަވަރުކޮށްދޭން މަސައްކަތް ކުރުމުގެ އިތުރުން ސިއްހީ މައްސަލައެއް ހުންނަ ކަމަށް ބުނެ މެޑިކަލް ރިޕޯޓެއް ދިން ނަމަވެސް އޭނާ ބަންދުގައި ހުރި ވަގުތުގައި ހަ ގަޑިއިރަށް ވުރެ ގިނައިރު ހޭދަވެގެން ދިޔައިރު ވެސް ފުލުހުން ވަނީ އޭނާއަށް އަވަސް ފަރުވާ ދިނުމަށް ދެކޮޅު ހަދައިފައެވެ." އެ ޖަމިއްޔާއިން ބުންޏެވެ. މީގެއިތުރުން، އެއީ އިންސާނީ ހައްގުތަކަށް ވަރަށް ބޮޑަށް އަރައިގަނެ، ބޭއިންސާފުން ކޮށްފައިވާ ކަމެއް ކަމަށް ބުނެ، އެ ޖަމިއްޔާއިން ވަނީ ފުލުހުން ޝިމާންގެ އާއިލާގެ ކިބައިން މައާފަށް އެދެން ގޮވާލައިފައެވެ. https://sun.mv/202369 މި މައްސަލައާގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ މަސްތުގެ ހާލަތުގައި އިން މީހަކު އުޅަނދެއް ދުއްވާކަމުގެ މައުލޫމާތު ހޮނިހިރު ދުވަހުގެ 10:13 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ. އެ މައްސަލައިގެ މައުލޫމާތު ސާފުކުރިއިރު، އެމީހާ ދުއްވި ވޭން ހުޅުމާލޭ ފިތުރޯނުމަގުން އަރިމައްޗަށް އަރައި އެކްސިޑެންޓު ވެފައި ވާކަން ފާހަގަކުރެވިފައި ވާކަމަށް ފުލުހުން ބުނެފައި ވެއެވެ. އެ މައްސަލައާ ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރުމުން އެ އުޅަނދު ފޭސް ދެއަކާއި އެކެއް ގުޅުވައިދޭ ބްރިޖުގެ ޑިވައިޑަރުގައި ޖެހި އެކްސިޑެންޓް ވެފައި ވާކަން އެނގިފައި ވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައާ ގުޅިގެން އެ އުޅަނދު ދުއްވަން އިން ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުޑަކަމުދާ ތަކެތި ތަހުލީލުކުރުމުން ނެގެޓިވް ވުމުން އެމީހާ ދޫކޮށްލީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންވަނީ، އެ ޚިދުމަތުގެ ބެލުމުގެ ދަށަށް އޭނާ ގެންދިއުމަށްފަހު އަމަލުކޮށްފައިވާގޮތް ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އަދި އުސޫލާ ޚިލާފަށް އެއްވެސް ކަމެއް ހިނގާފައިވާނަމަ ނުވަތަ އިހުމާލެއް ވެފައިވާނަމަ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ