ހައުސް ޕްލާޒާ ހަލިފާނުގެ ޙާދިސާ: 2 ގެއަކުން މީހުން ބަދަލުކޮށްފި

މ. ހައުސް ޕްލާޒާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ ގެއަކުން މީހުން ބަދަލުކޮށްފިއެވެ.
ޝީ ބިލްޑިން ކުރިމަތީގައި ހުންނަ ހައުސް ޕްލާޒާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:35 ހާއިރުއެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ހެނދުނު 07:47 ހާއިރު ވަނީ އަލިފާން ނިއްވާލާފައެވެ.
މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ، އެންޑީއެމްއޭއިން ވިދާޅުވީ އަލިފާނުގެ ހާދިސާގެ ސަބަބުން ހައުސް ޕްލާޒާ ކައިރީގެ ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އެ ފެންހޮޅިތައް މަރާމާތު ކުރެވެންދެން އެ ދެ ގެއިން މީހުން ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އެންޑީއެމްއޭއިން ވިދާޅުވި އެ ދެ ގެއިން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ. މީގެ ތެރޭގައި 20 ބިދޭސީން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ފަޅުގެއެއްގެ ގޮތުގައި ހުރި ހައުސް ޕްލާޒާގައި އަލިފާން ރޯވެފައިވަނީ އެ ގޭގައި ހުރި ކުނިތަކެއްގައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މ. ހައުސްޕްލާޒާގައި މީގެ ކުރިންވެސް ވަނީ އަލިފާނުގެ ހާދިސާތަކެއް ހިނގާފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ގޭގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކުވެސް ހައްޔަރުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ